ލުބްނާނަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި 19 މީހުން މަރުވެއްޖެއެވެ.
ލުބްނާންގެ ސިއްހީ ވުޒާރާއިން އިއްޔެ ބުނީ 58 މީހުން ޒަހަމް ވެސް ވި ކަމަށެވެ.
"މަރުވި މީހުންގެ ތެރޭގައި އެއް އާއިލާގެ ހަ މެންބަރުން ހިމެނޭ. އެއީ ޑްރޯނުން ދިން ހަމަލާއަކުން. މީގެ އިތުރުން އަންހެނަކާއި ދެ ކުޑަކުދިން ވެސް މަރުވި،" އޮފިޝަލަކު ބުންޏެވެ.
ލުބްނާންގެ ދައުލަތުގެ މީޑިއާއިން ބުނީ އިސްރާއީލުގެ ހަމަލާތަކުގެ ޝިކާރައަކަށްވެފައިވަނީ އެ ހަމަލާތަކުން ފިލަން ފަތިހު މަސައްކަތްކުރި އާއްމުން ކަމަށެވެ.
އިސްރާއީލުން ހަމަލާދިނީ ކޮން އަމާޒުފަތްގަނޑުތަކަކަށްކަމެއް އިސްރާއީލުން ނުބުނެއެވެ.
މި ހަމަލާތަކަކީ ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އިސްރާއީލުން ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ފުރަތަމަ ހަމަލާތަކެވެ. އޭގެ ކުރިން ހަމަލާތައް ދެމުންދިޔައީ ލުބްނާންގެ ދެކުނާއި ހުޅަނގު ސަރަހައްދަށެވެ.
މި ދިޔަ މަހު 16 ގައި އެމެރިކާއިން އިސްރާއީލާއި ލުބްނާނާ ދެމެދު ގާއިމުކޮށްދިން ސީޒްފަޔާ 45 ދުވަހަށް ދިގުދަންމައިލިޔަސް އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ގެންދަނީ ކުރިއަށެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކުގައި މިހާރު އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން، އީރާނުން ވާގިވެރިވާ ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރަން ކަމަށް ބުނެ އިސްރާއީލު ސިފައިން އެ ސަރަހައްދަށް ވަދެ 10 ކިލޯމީޓަރުގެ ބަފަރު ޒޯނެއް ނުވަތަ ވަކި ގައުމަކަށް ނިސްބަތް ނުވާ ސަރަހައްދެއް އިއުލާންކޮށްފައި އޮތުމެވެ. ލުބްނާނުން ބުނީ މިއީ އިސްރާއީލުން ލުބްނާންގެ ސިޔާދަތަށް ނުރައްކާކުރުން ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން، އިސްރާއީލުން މިހާތަނަށް ވެސް އަމަލުނުކުރާ، ނޮވެމްބަރު 2024 ގައި އިސްރާއީލާއެކު ހިޒްބުﷲއިން ގާއިމުކުރި ސީޒްފަޔާ މުގުރައިލައިފައި ހިޒްބުﷲއިން ވެސް އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 3،000 އަށްވުރެ ގިނަ ލުބްނާން މީހުން މަރުވެފައިވެއެވެ. އަދި ބަފަރު ޒޯން ހެދުމުން ލުބްނާންގެ 1.6 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment