ލާއޮސްގައި ރަން ހޯދަން ހޮހަޅައަކަށް ވަދެ، ބޯކޮށް ވާރޭ ވެހި ހޮހަޅައިގެ ދޮރު ބަންދުވެ، ހޮހަޅައިގައި ތާށިވި ހަތް މީހުންގެ ތެރެއިން ދިރިތިއްބާ ފެނުނު ފަސް މީހުން ސަލާމަތްކޮށްފިއެވެ.
ދިހަ ދުވަހަށްފަހު ފުރަތަމަ މީހާ ސަލާމަތް ކުރެވުނީ ހޮނިހިރު ދުވަހުއެވެ. އަނެއް ހަތަރު މީހުން އިއްޔެއެވެ. ބާކީ ދެ މީހުން އަދިވެސް ދަނީ ހޯދަމުންނެވެ.
ތައިލެންޑްގެ ހޮހަޅައެއްގައި ދެ ހަފުތާއަށްވުރެ ގިނަ ދުވަހު 2018 ގައި ތާށިވި ކުޑަކުދިންގެ ފުޓުބޯޅަ ޓީމު ސަލާމަތްކުރުމުގައި ވެސް އުޅުނު ޓީމާއެކު ލާއޮސްގެ ސައިސަމްބޫން ޕްރޮވިންސްގެ ހޮހަޅައިގައި ތާށިވި މީހުން ހޯދުމުގައި ބައިނަލްއަގުވާމީ ޓީމެއް މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ލާއޮސްގެ އިތުރުން ތައިލެންޑް، އޮސްޓްރޭލިއާ، ފިންލެންޑް، ފްރާންސް، ޖަޕާން އަދި މެލޭޝިއާ މީހުން ހިމެނެއެވެ.
ފުރަތަމަ މީހާ ސަލާމަތްކުރީ ޗަކަ ފެނުގެ ތެރެއިން 30 މިނެޓުގެ ޑައިވެއް ކޮށްގެންނެވެ. އަނެއް ހަތަރު މީހުން ސަލާމަތްކުރީ ހޮހަޅައިގެ ތެރޭގައި ހުރި ފެން ކޮންމެވެސް ވަރަކަށް ހިނދުމުން ޑައިވް ނުކޮށެވެ.
"ވަރަށް ކުޑަކޮށް ފެންނަނީ. ހީވަނީ ކޮފީގެ ތެރެއިން ޑައިވް ކުރެވުނުހެން،" ޑައިވްކުރި ފިންލެންޑްގެ ޑައިވަރު މިކޮ ޕައަސީ ބުންޏެވެ.



advertisment