Support Us

ލާއޮސްގެ ފެންބޮޑުވި ހޮހަޅައިގައި ތާށިވި 7 މީހުންގެ ތެރެއިން މިހާތަނަށް ދިރިތިއްބާ ފެނުނު 5 މީހުން

ލާއޮސްގެ ފެންބޮޑުވި ހޮހަޅައިން ދިރިތިއްބާ 5 މީހުން ފެނިއްޖެ، އަނެއް 2 މީހުން ހޯދަނީ

ލާއޮސްގެ ފެންބޮޑުވި ހޮހަޅައެއްގައި މި ދިޔަ ހަފުތާގެ ބުދަ ދުވަހުން ފެށިގެން ތާށިވެފައިވާ ހަތް މީހުންގެ ތެރެއިން ދިރިތިއްބާ ފަސް މީހުން ފެނިއްޖެއެވެ.

ފަސް މީހުން އިއްޔެ ފެނުނުކަން ހާމަކޮށްފައި، މީހުން ސަލާމަތްކުރާ ޓީމުން ބުނީ އަނެއް ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ރަން ހޯދަން އެ ހޮހަޅައަށް ވަދެ، އެ މީހުން އެ ތާނގައި ތާށިވީ ބޯކޮށް ވާރޭ ވެހި، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުން ހޮހަޅައިގެ ދޮރު ބެދުމުންނެވެ.

ގައުމުގެ މެދުތެރޭ ސަރަހައްދުގެ ސައިސަމްބޫން ޕްރޮވިންސްގައި ދިމާވި މި ހާދިސާގައި މީހުން ސަލާމަތްކުރުމުގައި ބައިނަލްއަގުވާމީ ޓީމަކުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. އޭގެ ތެރޭގައި 2018 ގައި ތައިލެންޑްގެ ހޮހަޅައެއްގެ ތެރޭގައި ދެ ހަފުތާ ވަންދެން ތާށިވި ކުޑަކުދިންގެ ފުޓުބޯޅަ ޓީމު ސަލާމަތްކުރުމުގައި ހަރަކާތްތެރިވި މީހުން ވެސް ހިމެނެއެވެ.

"ވީހާ ވެސް ގިނަ އޮކްސިޖަން ޓޭންކް އެބަ ބޭނުންވޭ،" މީހުން ސަލާމަތްކުރުމުގެ ޓީމުގައި ހިމެނޭ ތައިލެންޑްގެ މީހެއް ކަމަށްވާ ކެންގްކާޑް ބޮންގްކަވޯންގް ބުންޏެވެ.

އޭނާ ބުނީ އޮކްސިޖަން ރިފިލްކުރާ ސްޓޭޝަނެއް ހޮހަޅައިގެ ބޭރުގައި ގާއިމުކުރާނެ ކަމަށެވެ.

ހޮހަޅައިގެ އެތެރެ ހަނިކަމުންނާއި ފެންބޮޑުވެފައިވާތީ އާއި އޮކްސިޖަން ހުރިލެއް މަދުކަމުން ތާށިވި ހަތް މީހުން ސަލާމަތްކުރުން އެހާ ފަސޭހަ ނުވާނެ ކަމަށް ތަޖުރިބާކާރުން ބުންޏެވެ.

ހަތް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި ހޮހަޅައިގެ ތެރޭގައި ކިސަޑު ހުރުމާއި އިތުރަށް ފެންބޮޑުވަމުންދިއުން ހިމެނެއެވެ. މިހެންވެ ހޮހަޅައިން ފެން ބޭރުކުރުމުގެ މަސައްކަތް ވެސް ކެނޑިނޭޅި ދަނީ ކުރަމުންނެވެ.

"ހޮހަޅައިގެ ތެރޭގައި ހުރި މަގުތައް ވަރަށް ހަނި. މިހެންވެ މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ،" މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ މީހަކު ބުންޏެވެ.

ކަންތައްތައް މިހެން ހުރި ނަމަވެސް އަދި މޫސުން ގޯސް ނަމަވެސް ހަތް މީހުން ސަލާމަތްކުރެވޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ޓީމުން ބުންޏެވެ.

"ތާށިވެފައިވާ މީހުން މިހާރު ތިބީ އަހަރެމެންނާ އެހާ ދުރަކު ނޫން،" ބޮންގްކަވޯންގް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *