Support Us

އޫޓޫމީޝީ ސްކޫލްގެ ޑޯމިޓްރީގައި ބުރާސްފަތި ދުވަހު ހުޅުޖެހި ހާދިސާގައި މަރުވި ދަރިވަރުންގެ ހަށިގަނޑުތައް ކެންޔާގެ ރެޑް ކްރޮސް މުވައްޒަފުން ނެރެނީ

ކެންޔާގައި 16 ދަރިވަރުން މަރުވި ސްކޫލްގައި ހުޅުޖެހި ހާދިސާއާ ގުޅިގެން 8 ދަރިވަރުން ހައްޔަރަށް

ކެންޔާގައި 16 ދަރިވަރުން މަރުވި އަންހެންކުދިންގެ ސާނަވީ ސްކޫލްގައި ހުޅުޖެހި ހާދިސާއާ ގުޅިގެން އަށް ދަރިވަރުން ހައްޔަރުކޮށްފިއެވެ.

މި ދިޔަ ބުރާސްފަތި ދުވަހު އޫޓޫމީޝީ ސްކޫލްގެ ޑޯމިޓްރީގައި ހުޅުޖެހުމުން 79 ދަރިވަރުން ޒަހަމް ވެސް ވިއެވެ.

"އަށް ދަރިވަރުން ހައްޔަރުކުރީ ހުޅުޖެހުން ރޭވުމާއި އެ ކަން ކުރިކަމުގެ ތުހުމަތުގައި. އެ ދަރިވަރުން މިހާރު ތިބީ ފުލުހުންގެ ހައްޔަރުގައި،" ޖިނައީ ކުށްތަކުގެ ތަހުގީގު ހިންގާ އިދާރާއިން އިއްޔެ ބުންޏެވެ.

ތައުލީމާ ބެހޭ ވަޒީރު ޖޫލިއަސް އޮގަމްބާ ވިދާޅުވީ ތަހުގީގުން މިހާތަނަށް އެނގުނު ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދޯދިޔާ ކަމަށެވެ. އެ ގޮތުން ކުއްލި ހާލަތުގައި ނުކުންނަން ހުރި ދޮރު ހުރީ ތަޅުލައިފައި ކަމަށާއި ދަރިވަރުން ދިރިއުޅޭ ޑޯމިޓްރީއަކީ ވެސް ތޮއްޖެހިފައިވާ ތަނެއް ކަމަށެވެ.

ސްކޫލްގެ މެނޭޖްމަންޓް ބޯޑު މިހާރު ވަނީ އުވައިލައިފައެވެ.

އޮގަމްބާ ވިދާޅުވީ މިހާތަނަށް ތަހުގީގުން އެނގުނު ގޮތުގައި ދަރިވަރުންތައް ހުޅުޖަހަން އުޅޭކަން ދެ ޓީޗަރުންނަށް ކުރިން އެނގޭ ކަމަށާއި ނަމަވެސް އެ ކަން ނުހުއްޓުވި ކަމަށެވެ.

"ސްކޫލްގެ މުވައްޒަފުންނާ ދެކޮޅަށް ޑިސިޕްލިނަރީ އަދި ގާނޫނީ ފިޔަވަޅު އެޅުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ފުލުހުން ދަނީ ހުޅުޖެހި ގޮތާއި ހުޅުޖެހި ސަބަބު ދެނެގަތުމަށް މަސައްކަތްކުރަމުންނެވެ.

ކެންޔާއަކީ ސްކޫލްތަކުގެ އަލިފާނުގެ ހާދިސާތަކުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެ ގޮތުން ސަރުކާރުން ހިންގާ ސާނަވީ ސްކޫލްތަކުގައި 2018 ގައި އެކަނިވެސް ހުޅުޖެހުމުގެ 60 އަށްވުރެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވެއެވެ.

ހުޅުޖެހުމުގެ ގިނަ ހާދިސާތައް ހިންގާފައިވަނީ ދަރިވަރުންނެވެ. އެއީ ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރުވުމުގެ އުސޫލުތައް ހަރުކަށިކަމަށާއި ސްކޫލްތަކުގެ ފެންވަރު ދަށްކަމަށް ބުނެފައެވެ.

ޕްރައިމަރީ ބޯޑިން ސްކޫލެއްގައި 2024 ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 21 ދަރިވަރުން މަރުވިއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ނޭނގެއެވެ.

އޭގެ ކުރިން 2001 ގައި ސާނަވީ ސްކޫލެއްގައި ހުޅުޖެހުމުން 67 ފިރިހެން ދަރިވަރުން މަރުވިއެވެ. އަދި 2017 ގައި ވެރިރަށް ނައިރޯބީގެ ސްކޫލެއްގައި ހުޅުޖެހުމުން 10 ދަރިވަރުން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން މީހުން މެރުމުގެ ދައުވާ ދަރިވަރަކާ ދެކޮޅަށް އުފުލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *