ކެންޔާގެ އަންހެންކުދިންގެ ސްކޫލެއްގެ ޑޯމިޓްރީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 ކުދިން މަރުވެއްޖެ ކަމަށް އޮފިޝަލުން މިއަދު ބުނެފިއެވެ.
"އޫޓޫމީޝީ ސްކޫލްގައި ރޭ ހިނގި ހާދިސާގައި 79 ކުދިން ޒަހަމް ވެސް ވި،" ތައުލީމާ ބެހޭ ވަޒީރު ޖޫލިއަސް އޮގަމްބާ ވިދާޅުވިއެވެ.
ކެންޔާގެ ވެރިރަށް ނައިރޯބީގެ ހުޅަނގުއުތުރުން 74 މޭލު ކައިރީގައި އޮންނަ ޓައުނެއްގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ނޭނގޭ ކަމަށް އޮފިޝަލުން ބުންޏެވެ.
ކެންޔާއަކީ ސްކޫލްތަކުގެ އަލިފާނުގެ ހާދިސާތަކުގެ ދިގު ތާރީހެއް އޮތް ގައުމެކެވެ. އެ ގޮތުން ސަރުކާރުން ހިންގާ ސާނަވީ ސްކޫލްތަކުގައި 2018 ގައި އެކަނިވެސް ހުޅުޖެހުމުގެ 60 އަށްވުރެ ގިނަ ހާދިސާ ރިޕޯޓްކޮށްފައިވެއެވެ.
ހުޅުޖެހުމުގެ ގިނަ ހާދިސާތައް ހިންގާފައިވަނީ ދަރިވަރުންނެވެ. އެއީ ދަރިވަރުންގެ އަހުލާގު ރަނގަޅު ކުރުވުމުގެ އުސޫލުތައް ހަރުކަށިކަމަށާއި ސްކޫލްތަކުގެ ފެންވަރު ދަށްކަމަށް ބުނެފައެވެ.
ޕްރައިމަރީ ބޯޑިން ސްކޫލެއްގައި 2024 ގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 21 ދަރިވަރުން މަރުވިއެވެ. އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދިވެސް ނޭނގެއެވެ.
އަދި 2017 ގައި ނައިރޯބީގެ ސްކޫލެއްގައި ހުޅުޖެހުމުން 10 ދަރިވަރުން މަރުވިއެވެ. އެ ހާދިސާއާ ގުޅިގެން މީހުން މެރުމުގެ ދައުވާ ދަރިވަރަކާ ދެކޮޅަށް އުފުލިއެވެ.



advertisment