ފިލިޕީންސްގައި ހަދަމުންދިޔަ ނުވަ ބުރީގެ ހޮޓަލެއް ވެއްޓި ހަތަރު މީހުން މަރުވި ހާދިސާގައި ގެއްލުނު ކަމަށް ބެލެވޭ 16 މީހުން ހޯދުމުގެ މަސައްކަތް ހުއްޓައިލައިފިއެވެ.
ވެރިރަށް މެނީލާ ކައިރީގައި އޮންނަ އެންޖަލަސް ސިޓީގައި ހިނގި، މެލޭޝިއާގެ ފަތުރުވެރިއަކު ވެސް މަރުވި ހާދިސާގައި ގެއްލުނީ 17 މީހުން ކަމަށް ކުރިން ބެލެވުނަސް ފަހުން އޭގެ ތެރެއިން މީހަކު އިއްޔެ ވަނީ އިމާރާތް ވެއްޓުނުއިރު އޭނާ އެ ތަނުގައި ނެތް ކަމަށް ބުނެފައެވެ.
އޮފިޝަލުން ބުނީ ތާމަލް ސްކޭނަރު ފަދަ މީހުންގެ ފުރާނަ ހުރިތޯ ބަލާ އާލާތްތައް ބޭނުންކުރުމުގެ އިތުރުން ދެ ދުވަސް ވަންދެން އެ އިމާރާތުގެ ތަންތަން ކޮނުމުން ވެސް މީހެއްގެ ފުރާނަ ހުރިކަމުގެ ނިޝާނެއް ފެނިފައިނުވާ ކަމަށެވެ.
"ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވި އެއްވެސް މީހެއްގެ ހިތުގެ ވިންދު ހުރިކަމުގެ ނިޝާނެއް މިހާރަކު ނެތް،" އޮފިޝަލަކު ބުންޏެވެ.
ފިލިޕީންސްގެ އަލިފާން ނިއްވާ އިދާރާއިން ބުނީ އިމާރާތް ވެއްޓިފައި އޮތް ގޮތުން އެ ތަން އެހެން ގޮތަކަށް ފުރޮޅިގެން ދިޔަނަމަ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންގެ ފުރާނައަށް ވެސް ނުރައްކާ އޮތް ކަމަށެވެ.
ރަސްމީ އިދާރާތަކުން މިހާރު ދަނީ އެ ހޮޓަލް ހެދުމުގެ މަޝްރޫއުގައި އިމާރާތްކުރުމުގެ ރައްކާތެރިކަމާ ބެހޭ ގަވައިދުތަކާ ހިލާފުވެފައިވޭތޯ ބަލަމުންނެވެ.



advertisment