Support Us

މީގެ ދެ ހަފުތާ ކުރިން ފެން އެޅި، ހާއްސަ ގޮތަކަށް ތައްޔާރުކޮށްފައިވާ ބާޖެއްގައި ބޮޑުމަސް ގެންދަނީ އަދި ބޮޑުމަސް ބުރާސްފަތި ދުވަހު މަރުވެފައިވާ އޮއްވައި ފެނިފައި (ވަކި ފޮޓޯ)

ސަލާމަތްކުރި ޅަ ބޮޑުމަސް މަރުވެއްޖެ

މީގެ ދެ ހަފުތާ ކުރިން ޖަރުމަނުގެ އައްސޭރިފަށުން ސަލާމަތްކުރި ޅަ ބޮޑުމަސް ޑެންމާކްގެ ޖަޒީރާއެއް ކައިރީގައި މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ޖަރުމަނުގެ އައްސޭރިފަށުގައި ބޮލްޓިކް ކަނޑުގެ ތިލަ ހިސާބެއްގައި މާރިޗު ތިނެއްގައި ތާށިވި، ހަމްބެކް ބާވަތުގެ "ޓިމީ"ގެ ނަން ދީފައިވާ 50 ފޫޓު ދިގު ފިރިހެން ބޮޑުމަސް ސަލާމަތްކުރީ ފެން އެޅި، ހާއްސަ ގޮތަކަށް ހަދައިފައިވާ ބާޖެއްގައި އެ ސޮރު ޑެންމާކް ކައިރިން އުތުރު ކަނޑަށް ދޫކޮށްލައިގެންނެވެ.

ބުރާސްފަތި ދުވަހު ފެނުނު މަރުވެފައިވާ ބޮޑުމަހަކީ ޓިމީކަން ޔަގީންކުރެވުނީ އެ ސޮރުގެ ގައިގައި ޓެގެއް އަޅުވައިފައި ދޫކޮށްލައިފައިވާތީއެވެ.

ޑެންމާކްގެ ތިމާވެށި ރައްކާތެރިކުރާ އިދާރާ، ޑެނިޝް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ވެރިޔާ ޖޭން ހެންސަން ބުނީ ޓިމީގެ ހަށިގަނޑު އެހެން ތަނަކަށް ގެންދާނީތޯ ނުވަތަ މަރުވި ސަބަބު ބަލަން އޮޓޮޕްސީއެއް ހަދާނީތޯއާމެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

"ޓިމީގެ ހަށިގަނޑަކީ މި ވަގުތު އެ ސަރަހައްދަށް ނުރައްކަލެއް ކަމަކަށް ނުދެކެން،" އޭނާ ބުންޏެވެ.

ނަމަވެސް ކަމާ ބެހޭ އިދާރާތަކުން އާއްމުންނަށް އިރުޝާދު ދީފައިވަނީ ކުނިވަމުންދާ ބޮޑުމަހެއް ކަމަށްވާތީ ޓިމީގެ ފަރާތުން ބަލި ފެތުރިދާނެތީ އެ ސޮރު އޮތް ސަރަހައްދަށް ނުދިއުމަށެވެ.

"އެ ބޮޑުމަސް ސަލާމަތްކުރަން ދެވެން އޮތް އެންމެ ފަހު ފުރުސަތު އަހަރެމެން ދިނިން،" ޖަރުމަނުގެ ތިމާވެށްޓާ ބެހޭ ވަޒީރު ޓިލް ބެކްހައުސް ވިދާޅުވިއެވެ.

ޖަރުމަނު ކައިރީގައި ސޭންޑްބޭންކެއްގައި ތާށިވެފައި އޮތްއިރު އެކްސްކަވޭޓަރު ބޭނުންކޮށްގެން އެޓްލާންޓިކް ކަނޑަށް މަގެއް ފުންކޮށްދީ، ޖަރުމަނާއި ޑެންމާކްގެ އައްސޭރިފަށް ފަހަނަޅައި އެޓްލާންޓިކް ކަނޑަށް ނިކުންނަން ބޯޓުތަކަކުން ރާޅުތަކެއް އުފައްދައި ދިން ނަމަވެސް ޓިމީ އަލުން އައިސް އޮތީ ވިސްމާ ބޭ ކިޔާ ތިލަ ހިސާބެއްގައެވެ.

ޔޫރަޕްގެ އެތެރެވަރީގައި އޮންނަ ބޮލްޓިކް ކަނޑަށް އެ ބޮޑުމަސް ވަން ގޮތެއް ނޭނގެއެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރަނީ އެ ހިސާބަށް ދަތުރުކުރީ ހެރިން ބާވަތުގެ މަސް އައިނެއްގެ ފަހަތުން ކަމަށްވެދާނެ ކަމަށާއި ނުވަތަ ޓިމީއަކީ ފިރިހެން ބޮޑުމަހަކަށް ވެދާނެ ކަމަށާއި އެހެންވެ ހިޖުރަކުރަމުންދަނިކޮށް ބޮލްޓިކް ކަނޑަށް ވަދެވުނީ ކަމަށެވެ.

ބޮލްޓިކް ކަނޑުގައި ލޮނުގެ މިންވަރު ދަށްކަމުން، އެ ސޮރުގެ ހަންގަނޑު ވެސް ހަލާކުވެ، ނޭވާލުމަށް ދަތިވެ، ހިރިނުލެވި އޮވެ، ހާލު ދެރަވުމުގެ ސަބަބުން އެ ސޮރު ސަލާމަތްވާނެ ކަމުގެ އުއްމީދު ޖަރުމަނުގެ އޮފިޝަލުން އޮތީ ކަނޑައިލައިފައެވެ. އެއީ އެޓްލާންޓިކް ކަނޑަށް އަލުން ނިކުންނަން 310 މޭލުގެ ރާސްތާއެއް ކަނޑައްތުކުރަން ޖެހޭތީއެވެ.

މިހެންވެ ޓިމީ ސަލާމަތްކުރަން ޖަރުމަނުގެ މެކްލެންބާގް-ވެސްޓަން ޕޮމެރޭނިއާ ސްޓޭޓުން ހުއްދަ ދިނުން ވެސް ވަނީ މައްސަލައަކަށްވެފައެވެ. ސަބަބަކީ ބައެއް މީހުން ބޭނުންވީ އެ ސޮރުގެ ވަށައިގެން މީހުންނަށް ކައިރި ނުވެވޭ ގޮތަށް ހަދައިފައި އޮތް ތަނުގައި ހަމަޖެހިލައިގެން އެ ސޮރު އޮވެ މަރުވާށެވެ. ސަބަބަކީ އެއިރު ރަނގަޅަށް ނޭވާ ވެސް ނުލެވޭތީ އެޓްލާންޓިކް ކަނޑަށް އަލުން ނުކުތުމަކީ ޓިމީއަށް ވަރަށް ބޮޑު ބުރައަކަށް ވެދާނެތީއެވެ.

ބޮޑުމަސް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ވޭލިން ކޮމިޝަނުން ވެސް ވަނީ ޓިމީ ސަލާމަތްވުމަކީ މާ ބޮޑު އުއްމީދެއް ނެތް ކަމެއް ކަމަށް ބުނެފައެވެ. ނަމަވެސް އަމިއްލަ ބަޔަކު ޗަންދާ ދައްކައިގެން ޓިމީ ސަލާމަތްކުރުމުގެ އޮޕަރޭޝަން މީގެ ދެ ހަފުތާ ކުރިން ހިންގީއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *