ޖަރުމަނުގެ އައްސޭރިފަށުގައި ބޮލްޓިކް ކަނޑުގެ ތިލަ ހިސާބެއްގައި މާރިޗު ތިނެއްގައި ތާށިވި ޅަ ބޮޑުމަސް އެންމެ ފަހުން ސަލާމަތްކޮށްފިއެވެ.
"ޓިމީ"ގެ ނަން ދީފައިވާ، 50 ފޫޓު ދިގު، ހަމްބެކް ބާވަތުގެ ބޮޑުމަސް ސަލާމަތްކުރީ ފެން އެޅި، ހާއްސަ ގޮތަކަށް ހަދައިފައިވާ ބާޖެއްގައި އެ ސޮރު ޑެންމާކް ކައިރިން އުތުރު ކަނޑަށް އިއްޔެ ދޫކޮށްލައިގެންނެވެ.
"މިހާރު އުއްމީދުކުރެވެނީ ނޯވޭ ކައިރިން ޓިމީ އާކްޓިކް ކަނޑަށް ނުކުންނާނެ ކަމަށް،" ބޮޑުމަސް ސަލާމަތްކުރަން އަމިއްލަ ބަޔަކު ފަންޑުކުރި އޮޕަރޭޝަނަށް ޗަންދާ ދެއްކި އެކަކު ކަމަށްވާ ކެރިން ވޯލްޓަ-މޮމަޓް ބުންޏެވެ.
ޖަރުމަނު ކައިރީގައި ސޭންޑްބޭންކެއްގައި ތާށިވެފައި އޮތްއިރު އެކްސްކަވޭޓަރު ބޭނުންކޮށްގެން އެޓްލާންޓިކް ކަނޑަށް މަގެއް ފުންކޮށްދީ، ޖަރުމަނާއި ޑެންމާކްގެ އައްސޭރިފަށް ފަހަނަޅައި އެޓްލާންޓިކް ކަނޑަށް ނިކުންނަން ބޯޓުތަކަކުން ރާޅުތަކެއް އުފައްދައި ދިން ނަމަވެސް ޓިމީ އަލުން އައިސް އޮތީ ވިސްމާ ބޭ ކިޔާ ތިލަ ހިސާބެއްގައެވެ.
ޔޫރަޕްގެ އެތެރެވަރީގައި އޮންނަ ބޮލްޓިކް ކަނޑަށް އެ ބޮޑުމަސް ވަން ގޮތެއް ނޭނގެއެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރަނީ އެ ހިސާބަށް ދަތުރުކުރީ ހެރިން ބާވަތުގެ މަސް އައިނެއްގެ ފަހަތުން ކަމަށްވެދާނެ ކަމަށާއި ނުވަތަ ޓިމީއަކީ ފިރިހެން ބޮޑުމަހަކަށް ވެދާނެ ކަމަށާއި އެހެންވެ ހިޖުރަކުރަމުންދަނިކޮށް ބޮލްޓިކް ކަނޑަށް ވަދެވުނީ ކަމަށެވެ.
ބޮލްޓިކް ކަނޑުގައި ލޮނުގެ މިންވަރު ދަށްކަމުން، އެ ސޮރުގެ ހަންގަނޑު ވެސް ހަލާކުވެ، ހިރިނުލެވި އޮވެ، ހާލު ދެރަވުމުގެ ސަބަބުން އެ ސޮރު ސަލާމަތްވާނެ ކަމުގެ އުއްމީދު ޖަރުމަނުގެ އޮފިޝަލުން ކުރިން އޮތީ ކަނޑައިލައިފައެވެ. އެއީ އެޓްލާންޓިކް ކަނޑަށް އަލުން ނިކުންނަން 310 މޭލުގެ ރާސްތާއެއް ކަނޑައްތުކުރަން ޖެހޭތީއެވެ.
މިހެންވެ ޓިމީ ސަލާމަތްކުރަން ޖަރުމަނުގެ މެކްލެންބާގް-ވެސްޓަން ޕޮމެރޭނިއާ ސްޓޭޓުން ހުއްދަ ދިނުން ވެސް ވަނީ މައްސަލައަކަށްވެފައެވެ. ސަބަބަކީ ބައެއް މީހުން ބޭނުންވީ އެ ސޮރުގެ ވަށައިގެން މީހުންނަށް ކައިރި ނުވެވޭ ގޮތަށް ހަދައިފައި އޮތް ތަނުގައި ހަމަޖެހިލައިގެން އެ ސޮރު އޮވެ މަރުވާށެވެ. ސަބަބަކީ އެއިރު ރަނގަޅަށް ނޭވާ ވެސް ނުލެވޭތީ އެޓްލާންޓިކް ކަނޑަށް އަލުން ނުކުތުމަކީ ޓިމީއަށް ވަރަށް ބޮޑު ބުރައަކަށް ވެދާނެތީއެވެ.
ބޮޑުމަސް ހިމާޔަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އިންޓަނޭޝަނަލް ވޭލިން ކޮމިޝަނުން ވެސް ވަނީ ޓިމީ ސަލާމަތްވުމަކީ މާ ބޮޑު އުއްމީދެއް ނެތް ކަމެއް ކަމަށް އެއިރު ބުނެފައެވެ.
ޓިމީ ދޫކޮށްލީ ގައިގައި ގްލޯބަލް ޕޮޒިޝަނިންގް ސިސްޓަމް (ޖީ.ޕީ.އެސް) ޓެގެއް ހަރުކޮށްފައެވެ. އެހެންކަމުން އެ ސޮރަށް ވާ ގޮތެއް ކުރިމަގުގައި އެނގޭނެ ކަމަށް އޮފިޝަލުން ބުންޏެވެ.



advertisment