ޖަރުމަނުގެ އައްސޭރިފަށުން ބޮލްޓިކް ކަނޑުގެ ތިލަ ހިސާބެއްގައި ތާށިވި ހަމްބެކް ބާވަތުގެ ޅަ ބޮޑުމަހެއް ސަލާމަތްވުމުގެ އުއްމީދު ކުޑަވަމުންދާ ކަމަށް އޮފިޝަލުން ބުނެފިއެވެ.
ގާތްގަނޑަކަށް 50 ފޫޓު ދިގު އެ ބޮޑުމަސް (ފޮޓޯތައް) ފުރަތަމަ ފެނުނީ މި މަހު ތިނެއްގައި ޓިމެންޑޮފާ ސްޓްރޭންޑްގެ ސޭންޑްބޭންކެއްގައި ތާށިވެފައި އޮއްވައެވެ. އެ ކަމާ ގުޅިގެން މި ހަފުތާ ކުރީކޮޅު އެކްސްކަވޭޓަރު ބޭނުންކޮށްގެން އެޓްލާންޓިކް ކަނޑަށް މަގެއް ފުންކޮށްދީ، ޖަރުމަނާއި ޑެންމާކްގެ އައްސޭރިފަށް ފަހަނަޅައި އެޓްލާންޓިކް ކަނޑަށް ނިކުންނަން ބޯޓުތަކަކުން ރާޅުތަކެއް އުފައްދައި ދިން ނަމަވެސް އެ ސޮރު އަލުން އައިސް އޮތީ ވިސްމާ ބޭ ކިޔާ ތިލަ ހިސާބެއްގައެވެ.
މިހާރު އެ ސޮރު އަރާމުކުރަން ރައްކާތެރިކަމާއެކު އޮތުމަށް އެ ސޮރާ 1،500 ފޫޓާ ގާތްނުވުމަށް ވަނީ ރަށްވެހިންނަށް އަންގައިފައި ކަމަށް އޮފިޝަލުން އިއްޔެ ބުންޏެވެ.
"އެޓްލާންޓިކް ކަނޑަށް އެ ސޮރު ނިކުންނަން 310 މޭލުގެ ރާސްތާއެއް އޮތުމާއި ހަނި ކަނޑުއޮޅިތަކެއް ހުރަސްކުރަން ޖެހޭތީ އެ ސޮރު ސަލާމަތްވުމުގެ ފުރުސަތުތައް ވަރަށް ކުޑަ،" ސްޓްރަލްސަންޑްގައި ހުންނަ ޖަރުމަނުގެ ކަނޑުތަކާ ބެހޭ ދާރުލްއާސާރުގެ ޑިރެކްޓަރު ބާކާޑް ބަޝަކް ބުންޏެވެ.

ޔޫރަޕްގެ އެތެރެވަރީގައި އޮންނަ ބޮލްޓިކް ކަނޑަށް އެ ބޮޑުމަސް ވަން ގޮތެއް ނޭނގެއެވެ. ބައެއް ތަޖުރިބާކާރުން ލަފާކުރަނީ އެ ހިސާބަށް ދަތުރުކުރީ ހެރިން ބާވަތުގެ މަސް އައިނެއްގެ ފަހަތުން ކަމަށްވެދާނެ ކަމަށާއި ނުވަތަ އެ ސޮރަކީ ފިރިހެން ބޮޑުމަހަކަށް ވެދާނެ ކަމަށާއި އެހެންވެ ހިޖުރަކުރަމުންދަނިކޮށް ބޮލްޓިކް ކަނޑަށް ވަދެވުނީ ކަމަށެވެ.
އެޓްލާންޓިކް ކަނޑަށް ނިކުމެ ސަލާމަތްވާން ބަލާއިރު އެ ސޮރުގެ ހާލުދެރަވަމުންދާ ކަމަށް އޮފިޝަލުން ބުންޏެވެ. މަސް ބާނާ ދަލެއްގައި ޖެހުމުގެ ސަބަބުން ޒަހަމް ވެސް ވެފައިވެއެވެ. އަދި މިހާރު ވެސް އެ ސޮރަށް ހަމުގެ ބައްޔެއް ޖެހިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
ހެނޯވާ ޔުނިވާސިޓީގެ އެއްގަމާއި ކަނޑުތަކުގެ ދިރުންތަކަށް ފަރުވާ ދިނުމާ ބެހޭ އިންސްޓިޓިއުޓްގެ ސްޓެފަނީ ގްރޯސް ބުނީ އެ ބޮޑުމަސް މިހާރު ހަރަކާތްކުރާލެއް މަދު ކަމަށެވެ.
"އަހަރެމެން އެ ސޮރާ ގާތް ވުމުން ވެސް އެ ސޮރު ހަރަކާތެއް ނުކުރޭ،" އޭނާ ބުންޏެވެ.
ތަޖުރިބާކާރުން ބުނީ ބޮލްޓިކް ކަނޑަކީ ލޮނުގެ މިންވަރު މަދު ކަނޑަށްވާތީ އެއީ ބޮޑުމަހަށް އެކަށީގެންނުވާ ކަނޑެއް ކަމަށެވެ. އޭގެ އިތުރުން ބޮޑުމަސް ކައިއުޅޭ ބާވަތުގެ ދިރޭ އެއްޗެހި ވެސް އެ ކަނޑުގައި މަދު ކަމަށް އެ ފަރާތްތަކުން ބުންޏެވެ. ނަމަވެސް ބޮޑުމަހަކީ އެތައް ހަފުތާއެއް ވަންދެން ވެސް ނުކައި އުޅެވޭ މަހުލޫގެކެވެ.
އެ ސޮރު ސަލާމަތްވާން ދެން އޮތީ ނޯތު ސީ ކަނޑުން އެޓްލާންޓިކް ކަނޑަށް ނުކުތުމެވެ.
"އެ ބޮޑުމަސް ސަލާމަތްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރަން ޖެހޭ،" އޮފިޝަލަކު ބުންޏެވެ.



advertisment