އިސްރާއީލުން ލުބްނާންގެ ހަލިމަގަކަށް ޑްރޯނުން ދިން ހަމަލާތަކެއްގައި މަދުވެގެން 15 މީހުން މަރުވެއްޖެއެވެ.
ކުޑަ ދެ ކުދިން ވެސް މަރުވި މި ހަމަލާތައް އިއްޔެ ދިނީ ލުބްނާންގެ ދެކުނު ސަރަހައްދު ލުބްނާންގެ ވެރިރަށް ބައިރޫތާ ގުޅުވާލާ ޖަޔާ ހަލިމަގަށެވެ.
ލުބްނާންގެ އާއްމު ސިއްހަތާ ބެހޭ ވުޒާރާއިން މި ހަމަލާތައް ކުށްވެރިކުރަމުން ބުނީ މަރުވި މީހުންގެ ތެރޭގައި އާއްމުން ހިމެނޭ ކަމަށެވެ.
"މިއީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ދެމުންދާ ހަމަލާތައް އިތުރުވަމުންދާކަމުގެ ނިޝާނެއް،" އެ ވުޒާރާގެ ތަރުޖަމާނަކު ބުންޏެވެ.

އިސްރާއީލުން ބުނީ އިސްރާއީލުން ހަމަލާދިނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ހަނގުރާމަވެރިންނަށާއި އެ ޖަމާއަތުގެ އިންފްރާސްޓްރަކްޗަރަށް ކަމަށެވެ.
"އަހަރެމެން ހަމަލާދިނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ހިޒްބުﷲގެ ޓެރަރިސްޓުންނަށް،" އިސްރާއީލު އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އިސްރާއީލުން އިއްޔެ މި ހަމަލާތައް ދިނީ އިސްރާއީލާއި ލުބްނާނާ ދެމެދު ސުލްހައިގެ ވާހަކަތައް އެމެރިކާގައި މިއަދާއި މާދަމާ ބާއްވަން ތައްޔާރުވެފައިވަނިކޮށެވެ. މި ވާހަކަތަކުގައި ބައިވެރިނުވާން ހިޒްބުﷲއިން ވަނީ ލުބްނާން ސަރުކާރަށް ގޮވައިލައިފައެވެ. ހިޒްބުﷲއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ޖަމާއަތެކެވެ.
ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ސީޒްފަޔާއެއް ގާއިމުކުރިޔަސް މި ދިޔަ ފެބްރުއަރީ މަހު 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ހަމަލާދިނުމުން ހިޒްބުﷲއިން އަލުން އިސްރާއީލަށް ހަމަލާދޭން ފެށުމުން އިސްރާއީލުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުން ހިޒްބުﷲ ހަނގުރާމަވެރިން ބޭރުކުރުމަށް ކަމަށް ބުނެ އެ ސަރަހައްދަށް ވަދެ، ލުބްނާނަށް ހަމަލާދޭން ފަށައިފައެވެ.

މި ދިޔަ އަންގާރަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި ލުބްނާންގެ ދެކުނު ސަރަހައްދުން 13 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ދެ ސިއްހީ އެހީތެރިން ހިމެނެއެވެ.
ލުބްނާންގެ އާއްމު ސިއްހަތާ ބެހޭ ވުޒާރާއިން އިއްޔެ ބުނީ ލުބްނާނަށް ދެމުން ދިޔަ ހަމަލާތައް މެދުކަނޑައިލަން އިސްރާއީލުން މި ދިޔަ މަހު 16 ގައި އެމެރިކާ މެދުވެރިވެގެން ވި އެއްބަސްވުމާ ހިލާފަށް ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި 512 މީހުން މަރުވެފައިވާ ކަމަށެވެ. މިހެންވެ، އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުން ހިޒްބުﷲއާ ދެމެދު އިސްރާއީލުން ބަދަލުކުރަން ފެށި ހަމަލާތަކުގައި މި ދިޔަ މާރިޗު މަހުގެ ދެވަނަ ދުވަހުން ފެށިގެން މިހާތަނަށް 2،896 މީހުން މަރުވެފައިވާ ކަމަށެވެ.



advertisment