ލުބްނާނާއެކު އިސްރާއީލުން މި ދިޔަ މަހު 16 ގައި ގާއިމުކުރި ސީޒްފަޔާގެ ފަހުން އައި 25 ދުވަހުގެ ތެރޭގައި އިސްރާއީލުން ދިން ހަމަލާތަކުގައި ދުވާލަކު ހަތަރު ކުޑަކުދިން މަރުވި ނުވަތަ ޒަހަމްވި ކަމަށް ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކުން މިއަދު ބުނެފިއެވެ.
އިނގިރޭސި ވިލާތުގައި ގާއިމުކޮށްފައިވާ، ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ސޭވް ދަ ޗިލްރަންއިން ނެރުނު ރިޕޯޓެއްގައި ބުނީ ސީޒްފަޔާއަށްފަހު 25 ދުވަހުގެ ތެރޭގައި ދިން ހަމަލާތަކުގައި މަދުވެގެން 22 ކުދިން މަރުވެ، 89 ކުދިން ޒަހަމްވެފައިވާ ކަމަށެވެ.
"އަނިޔާވެރިކަމުގެ ބުރަ އަނެއްކާވެސް ނަގަން ޖެހިފައި މި ވަނީ ކުޑަކުދިންނަށް،" އެ ޖަމިއްޔާއިން މެދުއިރުމައްޗަށް ކަނޑައަޅައިފައި ހުންނަ ސަރަހައްދީ ޑިރެކްޓަރު އަހްމަދުލްހަންދާވީ ބުންޏެވެ.
އޭނާ ބުނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ހަނގުރާމަވެރިން ލުބްނާންގެ ދެކުނު ސަރަހައްދުން ދުރުކުރަން އިސްރާއީލު ސިފައިން އެ ސަރަހައްދުގައި ތިބުމުން އެ ސަރަހައްދުގައި ލުބްނާންގެ އާއިލާތައް ދިރިއުޅެނީ ބިރާއި ނުތަނަވަސްކަމުގައި ކަމަށެވެ.
ލުބްނާންގެ ސިއްހީ ވުޒާރާއިން ބުނީ އިސްރާއީލުގެ ހަމަލާތައް އަރަނީ އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާއި އާއްމުންގެ އެތައް ބަޔަކު މަރުވެ އަދި ޒަހަމްވެފައިވާ ކަމަށެވެ.
އިސްރާއީލުން ބުނީ އެ ގައުމުގެ ހަމަލާތައް އަމާޒުކުރަނީ ހިޒްބުﷲ ހަނގުރާމަވެރިންނަށާއި ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރަށާއި ހިޒްބުﷲގެ 1،100 އަށްވުރެ ގިނަ މަރުކަޒަށް ކަމަށެވެ.
ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ސީޒްފަޔާއެއް ގާއިމުކުރިޔަސް، މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން މާރިޗު ދެއަކުން ފެށިގެން އިސްރާއީލަށް ހަމަލާދޭން ފެށުމުން، އިސްރާއީލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތަކުގައި މިހާތަނަށް 2،900 މީހުން މަރުވިއިރު އޭގެ ތެރޭގައި ގާތްގަނޑަކަށް 200 ކުޑަކުދިން ހިމެނެއެވެ.
"އާއްމުންނަށް ދޭ ހަމަލާތަކަށް ހުއްޓުމެއް ނާދޭ. އެހެން ނަމެއްގައި އެ ހަމަލާތައް ދަނީ ކުރިއަށް. އަހަރެންނާއެކު މަސައްކަތްކުރާ ބައެއް މީހުން އަހަރެންގެ ގާތުގައި ބުނީ މީގެ ކުރިން ނުދެކޭހާ ވަރުގަދަކޮށް ބައެއް ސަރަހައްދުތަކަށް އިސްރާއީލުން ވައިގެ ހަމަލާތައް ދީފައިވާ ކަމަށް. ދާއިމީ، ކަށަވަރު އަދި މުގުރައިނުލައި ސީޒްފަޔާއެއް ގާއިމު ނުކުރެވެނީސް ކުޑަކުދިން ރައްކާތެރިއެއް ނުވާނެ،" ސޭވް ދަ ޗިލްރަންއިން ލުބްނާނަށް ކަނޑައަޅައިފައި ހުންނަ ޑިރެކްޓަރު ނޯރާ އިންގްޑޯލް ބުންޏެވެ.
ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރަމުންދާތީ 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. ވަގުތީ ހިޔާ ހޯދާ އާއިލާތަކުގެ ނިސްބަތް ވަނީ ފަސް ޕަސެންޓް މައްޗަށް ޖެހިފައެވެ. ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންގެ އަދަދަކީ 125،000 އެވެ. އޭގެ ތެރޭގައި 44،800 ކުޑަކުދިން ހިމެނެއެވެ. އެއީ ވަގުތީ ހިޔާތަކުގައި ދިރިއުޅޭ މީހުންގެ 36 ޕަސެންޓެވެ.
މި ފަދަ ހިޔާތަކުގައި ބައިބޯކަމުންނާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ފެންވަރު ދަށްކަމުން ބަލިތައް ފެތުރުމުގެ ފުރުސަތު އެބައޮތެވެ.
ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު ހަމަލާ ބަދަލުކުރަމުންދަނީ މެދުއިރުމައްޗަށް ހަނގުރާމަ ފެތުރުނަ ނުދިނުމަށް ލުބްނާނާއި އިސްރާއީލާ ދެމެދު އެމެރިކާގައި ސުލްހައިގެ ވާހަކަތައް އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު ބާއްވަން ކައިރިވަމުންދަނިކޮށެވެ.
ހިޒްބުﷲއަކީ ލުބްނާން ސަރުކާރުން ޓެރަރިސްޓް ޖަމާއަތެއް ގޮތަށް ކަނޑައަޅައިފައިވާ ޖަމާއަތެކެވެ. މިހެންވެ، ހިޒްބުﷲގެ ސިޔާސީ ނުފޫޒު ލުބްނާންގައި ގަދަޔަސް، ލުބްނާނާއި އިސްރާއީލުން މަސައްކަތް ކުރަމުންދަނީ ހިޒްބުﷲ އަތުން ހަތިޔާރު އަތުލުމަށެވެ.
ހިޒްބުﷲއިން ބުނީ އެ ޖަމާއަތުގެ ހަތިޔާރުތައް ހަވާލު ނުކުރާނެ ކަމަށެވެ. ހިޒްބުﷲގެ ވެރިޔާ ނައީމު ގާސިމު މިއަދު ބުނީ އެމެރިކާގައި އިސްރާއީލާއި ލުބްނާނާ ދެމެދު ބާއްވާ ވާހަކަތަކުގެ ބައެއް ކަމަށް ހިޒްބުﷲ އަތުން ހަތިޔާރު އަތުލުން ހަދައިގެން ނުވާނެ ކަމަށެވެ.



advertisment