Support Us

އިސްރާއީލުން ހުރަސްއެޅި ގްލޯބަލް ސުމޫދު ފްލޮޓީލާގެ އެކްޓިވިސްޓުންތަކެއް ގްރީސްގެ ކޯސްޓް ގާޑުން ގްރީސްގެ ކްރީޓް ޖަޒީރާއަށް ބާލަނީ

ޣައްޒާއަށް އިންސާނީ އެހީ ގެންދަނިކޮށް ހުރަސްއެޅި ބޯޓުތައް އަލުން ޣައްޒާއަށް ދާން ތައްޔާރުވެއްޖެ

ޣައްޒާއަށް އިންސާނީ އެހީ ގެންދަނިކޮށް އިސްރާއީލުން ހުރަސްއެޅި ބޯޓުތައް ގްރީސް ކައިރިއަށް ގޮސް އަލުން ޣައްޒާއަށް ދާން ތައްޔާރުވެއްޖެއެވެ.

ގްލޯބަލް ސުމޫދު ފްލޮޓީލާގެ ނަމުގައި ސްޕެއިނުން ފުރައިގެން ޣައްޒާއަށް ދިޔަ މަގުމަތީގައި މެޑިޓެރޭނިއަންގައި ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދަކުން ދަތުރުކުރަނިކޮށް އިސްރާއީލުން ވަނީ މި ދިޔަ ބުދަ ދުވަހު އެ އުޅަނދުތަކުގެ މުވާސަލާތީ ވަސީލަތްތައް ޖޭމްކޮށް، ހަތިޔާރާއެކު އަރައި، ދެ މީހުން ހައްޔަރުކޮށްގެން ގެންގޮސްފައެވެ.

އިސްރާއީލުން އިއްޔެ ވަނީ 168 އެކްޓިވިސްޓުން ގްރީސްއަށް ފޮނުވައިލައިފައެވެ. ނަމަވެސް 58 ބޯޓުގެ ތެރެއިން 22 ބޯޓު އަދިވެސް ވަނީ އިސްރާއީލުގެ ބާރުގެ ދަށުގައެވެ.

ގްރީސްގެ ކްރީޓް ޖަޒީރާ ކައިރީގައި އިތުރު 47 އުޅަނދު މިހާރު ބަނދަރުކޮށްފައި އޮތީ ޣައްޒާއަށް މިސްރާބު ޖެހުމަށެވެ. އެއީ އެތައް ސަތޭކަ ޓަނުގެ ކާބޯތަކެއްޗާއި ސިއްހީ އާލާތްތައް ހިފައިގެންނެވެ.

އެމެރިކާގެ ހާރިޖިއްޔާއިން ބުނީ މި ފްލޮޓީލާއަކީ ޣައްޒާ ހިންގާ ހަމާސްއަށް ތާއީދުކުރާ ބައެއް ކަމަށާއި މި ފްލޮޓީލާއަށް ހިތްވަރު ދޭ ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅާއި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.

އިސްރާއީލުގެ ހާރިޖީ ވަޒީރު ގިޑީއަން ސާ ބުނީ މި ފްލޮޓީލާއަށް ހުރަސްއެޅީ އިސްރާއީލުގެ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ.

"މި ފްލޮޓީލާއިން ގެންދާ އެހީ ލިބޭނީ ހަމާސްއަށް،" އޭނާ ބުންޏެވެ.

ފްލޮޓީލާގެ ތަރުޖަމާނު ގޫރް ސާބާ އިސްރާއީލު ކުށްވެރިކުރަމުން ބުނީ ބޯޓުތަކުގައި ހުރީ ފަލަސްތީން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން ގެންދާ އެހީ ކަމަށެވެ.

"ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުއްދަ ލިބެންދެން އިންތިޒާރެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *