އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިން އެމެރިކާ ވަނީ ބަލިކޮށްލައިފައި ކަމަށް އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު މުޖުތަބާ ހާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ.
ހާމަނާއީ (ފޮޓޯ) މިހެން ވިދާޅުވީ އަސްކަރީ ގޮތުން އީރާން ބަލިކޮށްލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއްގެ އަރިހުގައި ދަންނަވައިފައިވަނިކޮށެވެ.
"މެދުއިރުމައްޗަކީ އެމެރިކާއަށް ނުފޫޒު ނުފޯރުވޭ ތަނަކަށް ހަދާނަން،" އީރާންގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި އީރާންގެ މެނޭޖްމަންޓް ދަށަށް ގެނެސް، އެމެރިކާ އެ ތަނުން ބޭރުކޮށްލާނެ ކަމަށެވެ.
ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާ އާއި އީރާނުން އެއްގަމު މަގުންނާއި ވައިގެ މަގުން ހަމަލާ ބަދަލުނުކުރަން ނިންމައިފައި އޮތަސް ކަނޑުމަތީގައި ދެ ގައުމުގެ މަސްރަހު ވަނީ ހޫނުވެފައެވެ. އެއީ އީރާންގެ ނިއުކްލިއަ ޕްރޮގްރާމް ނައްތައިލުމަށް ޝަރުތުކޮށްފައި އޮތް ޑީލަކަށް އީރާން އެއްބަސްކުރުވަން އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައި އީރާނަށް އިގުތިސާދީ ޕްރެޝަރު ކުރަމުންދާތީއެވެ.
"އީރާންގެ ބަނދަރުތަކަށް އަހަރެމެން އަޅައިފައިވާ ހުރަސްތައް ވަރަށް ކާމިޔާބު،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ބުނީ ޑިޕްލޮމެޓިކް ހައްލެއް ނުލިބިއްޖެނަމަ ދެން އޮތް ގޮތަކީ "ކުރު އަދި ވަރުގަދަ" ހަމަލާއެއް އީރާނަށް ދިނުން ކަމަށެވެ.
ދެ ގައުމު ސުލްހަކުރަން ޕާކިސްތާނުން ފެށި މަސައްކަތް މިހާރު ވަނީ ހުއްޓިފައެވެ. ސަބަބަކީ އީރާނުން އެމެރިކާއާއެކު ޕާކިސްތާންގައި ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރަކަށް ދާން ބޭނުންނުވާތީއެވެ.
ޑިޕްލޮމެޓިކް ހައްލެއްގެ ކޮޅުމަތި ނުފެންނާތީ ދުނިޔޭގައި ތެޔޮ ފީފާއެއްގެ އަގު މިއަދު 126 ޑޮލަރު (1،942ރ.)އަށް ވެސް އެއް ފަހަރަކު އެރިއެވެ. ނަމަވެސް މިހާރު ވަނީ 114 ޑޮލަރު (1،757ރ.)އަށް ދަށްވެފައެވެ. އިއްޔެ ހުރީ 111 ޑޮލަރު (1،711ރ.)ގައެވެ.
މި މަހުގެ ނިޔަލަށް ހުރުމުޒު ހުޅުވައިނުލައިފިނަމަ 150 ޑޮލަރު (2،313ރ.)އަށް އެރުން ވެސް އެކަށީގެންވާ ކަމަށް ތެލުގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.



advertisment