Support Us

އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް (ވ) އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު

އަސްކަރީ ގޮތުން އީރާން ބަލިކޮށްލެވިއްޖެ: ޓްރަމްޕް

އަސްކަރީ ގޮތުން އީރާން ބަލިކޮށްލެވިއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް މިހެން ވިދާޅުވީ އިނގިރޭސި ރަސްގެފާނު ޗާލްސް ތިނެއް އެމެރިކާއަށް މިހާރު ކުރައްވަމުންދާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުގައި ރޭ ޓްރަމްޕް ޗާލްސްއަށް ދެއްވި ރަސްމީ ފަރިއްކޮޅެއްގައެވެ.

ފެބްރުއަރީ 28 ގައި އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ވަކި މުއްދަތެއް ނެތް ގޮތަށް އެމެރިކާއިން މި މަހު ހަތެއްގައި މެދުކަނޑައިލިޔަސް، ޓްރަމްޕްގެ މި ފަދަ ވާހަކަތަކުން ދޭހަވަނީ އެމެރިކާއިން މިހާރު އީރާނާ ކުރަމުންދަނީ ނަފުސާނީ ހަނގުރާމައެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

ޗާލްސްގެ އަރިހުގައި ޓްރަމްޕް އެހެން ވިދާޅުވުމާއެކު އީރާނުން ރައްދުގައި ބުނީ އެއީ ޓްރަމްޕްގެ ޕްރޮޕެގެންޑާ ކަމަށެވެ. އަދި ޓްރަމްޕް މިހާރު މި މޭރުމުން ވާހަކަދައްކަވަނީ ޕާކިސްތާންގައި ބޭއްވި ސުލްހައިގެ ވާހަކަތަކުގެ ފުރަތަމަ ބުރުން އީރާނާއެކު އެމެރިކާއަށް ސުލްހަ ނުވެވުމުން ކަމަށެވެ.

"އަހަރެމެންނާއި އަހަރެމެންގެ ރަހްމަތްތެރި ގައުމުތަކުން އީރާނަށް ނިއުކްލިއަ ހަތިޔާރެއް ލިބުނަކަ ނުދޭނަން،" ޗާލްސްގެ އަރިހުގައި ޓްރަމްޕް އިތުރަށް ވިދާޅުވިއެވެ.

ޓްރަމްޕްގެ ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވީ އީރާންގެ ދާހިލީ ހާލަތު އިނދަޖެހިފައިވާ ކަމަށް އީރާނުން އެމެރިކާއަށް އަންގައިފި ކަމަށާއި ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލަން ކޮންމެ ގޮތެއް ހަދައިފައި ވެސް އީރާނުން މިހާރު ބޭނުންވާ ކަމަށް އީރާނުން އެމެރިކާއަށް އަންގައިފި ކަމަށެވެ.

އީރާންގެ އޮފިޝަލުން އީރާންގެ ދައުލަތުގެ މީޑިއާގައި ވާހަކަދައްކަމުން ބުނީ އެމެރިކާ މިހާރު އޮތީ އީރާނަށް ގޮތް ކިޔައިދީ، އެމެރިކާގެ ސިޔާސަތު އީރާންގެ މައްޗަށް ހިންގޭނެ ފަދަ ހާލަތެއްގައި ނޫން ކަމަށެވެ.

އީރާންގެ ފައިސާ ރިޔާލުގެ އަގު ރެކޯޑު އަދަދަކުން ވެއްޓި، މިހާރު އެއް ޑޮލަރު (15.42ރ.)އަށް 1.8 މިލިއަން ރިޔާލު ޖެހޭއިރު އަނެއްކޮޅުން އެމެރިކާގައި ވޭތުވެދިޔަ ހަތަރު އަހަރު އަގު ބޮޑު ނުވާ ވަރަށް ތެޔޮ އަގު ބޮޑުވެ، މިހާރު ތެޔޮ ގެލަނެއް (ތިން ލީޓަރު) ލިބެން ހުރީ ހަތަރު ޑޮލަރު (61ރ.)އަށެވެ.

އެމެރިކާގެ ޓްރެޒަރީ ވަޒީރު ސްކޮޓް ބެސެންޓް އާއި ހާރިޖީ ވަޒީރު މާކޯ ރުބިއޯގެ އެދިވަޑައިގަތުމުގެ މަތިން ޓްރަމްޕް ވަނީ ހުރުމުޒު ބަންދުކޮށްފައި އޮތްއޮތުން ދަންމާލުމުގެ އިތުރުން އީރާންގެ ބަނދަރުތަކަށް ހުރަސްއަޅައިފައި އޮތްއޮތުން ވެސް ދަންމާލުމަށް އެމެރިކާގެ ކަނޑުގެ ސިފައިންނަށް އަމުރުކުރައްވައިފައެވެ. ބޭނުމަކީ ހަނގުރާމަ މެދުކަނޑައިލައިފައި އޮތް މުއްދަތުގެ ތެރޭގައި އީރާނަށް ތެޔޮ ބޭރުކުރުމުގެ ފުރުސަތު ނުދީ، އީރާންގެ ތެޔޮ ވަޅުތައް ބަންދުކުރުމަށް މަޖުބޫރުކޮށް، ތެޔޮ ވަޅުތަކަށް ގެއްލުންވާނެ ގޮތް ހެދުމެވެ.

އީރާނާއި އެމެރިކާއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް އަދިވެސް ގާއިމު ނުކުރެވޭތީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ވެސް ހުރީ އިއްޔެ ފަދައިން 111 ޑޮލަރު (1،711ރ.)ގައެވެ. އިއްޔެ އެއް ފަހަރަކު 97 ޑޮލަރު (1،495ރ.)ގައި ހުރެފައި 104 ޑޮލަރު (1،603ރ.)އަށް އަރައި، މިއަދު އަނެއްކާ އެއަށްވުރެ އަގު ބޮޑުވީއެވެ.

މި މަހުގެ ނިޔަލަށް ހުރުމުޒު ހުޅުވައިނުލައިފިނަމަ 150 ޑޮލަރު (2،313ރ.)އަށް އެރުން ވެސް އެކަށީގެންވާ ކަމަށް ތެލުގެ މާކެޓް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އަދި ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ބުރޫއަރައިފައިވާތީ އީރާނާއެކު އެމެރިކާއިން ސުލްހަ ވިޔަސް މުޅި މި އަހަރު ވެސް 80 ޑޮލަރު (1،233ރ.)އަށްވުރެ ދަށް ނުވާނެ ކަމަށް ބެލެވޭ ކަމަށް އިންވެސްޓްކުރާ ބައެއް ކުންފުނިތަކުން ބުނެފައިވެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *