Support Us

ލުބްނާން-އިސްރާއީލު ސީޒްފަޔާ ފެނަށް، އަނެއްކާވެސް ހަމަލާ ބަދަލުކޮށްފި

މި މަހު 17 ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެހީތެރިކަމާއެކު ލުބްނާނާއި އިސްރާއީލުގެ ދެމެދުގައި ތިން ހަފުތާގެ ސީޒްފަޔާއެއް ގާއިމުކުރިޔަސް، އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުންނާއި އިސްރާއީލު ސިފައިން މިއަދު ވެސް ހަމަލާ ބަދަލުކޮށްފިއެވެ.

ހިޒްބުﷲއިން އިސްރާއީލުގެ ޝޮމީރާ ވިލެޖު (ފޮޓޯ)އަށް ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ 12 ސިފައިން ޒަހަމްވުމާއެކު އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދަށް ދިން ވައިގެ ހަމަލާތަކެއްގައި ހިޒްބުﷲގެ ފަސް ހަނގުރާމަވެރިން ވަނީ މަރުވެފައެވެ.

ހިޒްބުﷲގެ ހަނގުރާމަވެރިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދޭތީ އިސްރާއީލުން އިސްރާއީލާއި ލުބްނާންގެ ބޯޑަރުގައި ގާއިމުކޮށްފައިވާ ހަ މޭލުގެ ބަފަރު ޒޯންގައި މިހާރު ވަނީ ނުތަނަވަސްކަން އުފެދިފައެވެ.

އިސްރާއީލުން ލުބްނާން ތެރެއަށް ވަދެފައިވާތީ ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު އަނެއްކާވެސް ވަނީ އިސްރާއީލު ކުށްވެރިކުރައްވައިފައެވެ.

"ސުލްހައިގެ ވާހަކަތައް ވާން ޖެހޭނީ ހަމަޖެހުން ގެނެސްދޭ އެއްޗަކަށް. ލުބްނާންގައި އިސްރާއީލު ސިފައިން ދާއިމީކޮށް ތިބުމެއް ނޫން،" އޭނާ ވިދާޅުވިއެވެ.

ނަވާފު ވިދާޅުވީ ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި އިސްރާއީލުގެ ސިފައިން ލުބްނާނުން ފޭބުމަކީ ދޫދޭނެ ޝަރުތެއް ނޫން ކަމަށެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ހިޒްބުﷲގެ ބިންގަރާސްތަކަށާއި ހަތިޔާރު ހުރި މަރުކަޒުތަކަށް ދިން ވައިގެ ހަމަލާތައް ދިފާއުކޮށްފައެވެ.

"އިސްރާއީލުގެ އުތުރު ސަރަހައްދުގައި ދިރިއުޅޭ އަހަރެމެންގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރަން، އަހަރެމެންނަށް ކައިރިން ދޭ ހަމަލާތަކަށް ރައްދު ދިނުމުގައި ދެމިހުންނާނަން،" އިސްރާއީލު އަސްކަރިއްޔާގެ ތަރުޖަމާނު ޑޭންޔަލް ހަގަރީ ބުންޏެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް އުފެދިގެން އުޅެނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ލުބްނާންގައި ތިބެގެން ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ހަމަލާދޭތީއެވެ.

ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒުބްﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރިޔަސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާދޭން ފެށިއެވެ. އެއީ މާރިޗު ދެއަކުން ފެށިގެންނެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ހިޒްބުﷲ، އިސްރާއީލާއި ލުބްނާން ގުޅޭ ބޯޑަރުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށް އިސްރާއީލުން ކުރިން ވަނީ ބުނެފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލިޔަސް އެ ސީޒްފަޔާގައި ލުބްނާން "މައްސަލަ" ނުހިމެނޭނެ ކަމަށް ޓްރަމްޕާއި އިސްރާއީލުން ބުނެފައި، އިސްރާއީލުން ދިޔައީ ލުބްނާނަށް ހަމަލާދެމުންނެވެ. ނަމަވެސް މި މަހު 17 ގައި އިސްރާއީލުން ލުބްނާނާއެކު 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކޮށް، އެ ސީޒްފަޔާ ތިން ހަފުތާއަށް ދަންމާލައި، އީރާނާއެކު އެމެރިކާއިން ގާއިމުކުރި ދެ ހަފުތާގެ ސީޒްފަޔާ ވަކި މުއްދަތެއް ނެތް ގޮތަށް ވަނީ ދަންމާލައިފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތަކުގައި ލުބްނާންގެ 2،500 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ. އިސްރާއީލުން ބުނީ ބޯޑަރުން ހިޒްބުﷲ ހަނގުރާމަވެރިން ދުރުކުރެވެންދެން ގެދޮރު ދޫކޮށް ދިޔަ މީހުން ގެދޮރަށް އަނބުރާ އައުމަށް ހުއްދަ ނުދޭނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *