Support Us

ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލުން ހަމަލާދީފައި

ސީޒްފަޔާއަށްފަހު އިސްރާއީލުން ދިން އެންމެ ވަރުގަދަ ހަމަލާގައި ލުބްނާންގައި 14 މަރު

ލުބްނާނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތައް މި މަހު 17 ގައި މެދުކަނޑައިލަން އެއްބަސްވިޔަސް، އިސްރާއީލުން ކުރިއަށްގެންދާ ހަމަލާތައް ސީރިއަސްވެ، އެންމެ ފަހުން ދިން ހަމަލާގައި ލުބްނާންގެ 14 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިއެއްގެ ދައުރު އަދާކުރައްވައިގެން ތިން ހަފުތާއަށް ސީޒްފަޔާ ދަންމާލިޔަސް އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ދެ އަންހެނުން ވެސް ހިމެނެއެވެ.

އިސްރާއީލުން ބުނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ދިން ހަމަލާތަކުގައި އިސްރާއީލުގެ ސިފައިންގެ މީހަކު މަރުވި ކަމަށެވެ.

ޓްރަމްޕް ސީޒްފަޔާ ގާއިމުކުރެއްވިޔަސް، އިސްރާއީލުން އެ އަށް އިހްތިރާމް ނުކުރާތީ ލުބްނާނުން ބުނީ ލުބްނާންގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރިކުރުމުގައި ދެމިހުންނާނެ ކަމަށެވެ.

"އަހަރެމެންގެ ބިމުން ބޭރުގެ (އިސްރާއީލުގެ) ސިފައިން ބާލުވާނެކަމުގެ ކަށަވަރުކަން ނުލިބޭ (ސުލްހައިގެ) އެއްބަސްވުމެއް އަހަރެމެން ބަލައެއްނުގަންނާނަން،" ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު ވިދާޅުވިއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި ހަނގުރާމަ ފެށުމުން ހިޒްބުﷲއިން އިސްރާއީލަށް މާރިޗު ދޭއްގައި ހަމަލާދޭން ފެށުމާއެކު އޭގެ ފަހުން އިސްރާއީލުން ލުބްނާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ލުބްނާންގެ 2،500 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވެއެވެ.

އިސްރާއީލުން ބުނީ އިސްރާއީލުން ހަމަލާދެނީ ލުބްނާންގައި ހުރި ހިޒްބުﷲގެ މަރުކަޒުތަކަށް ކަމަށާއި އެއީ އިސްރާއީލުގެ ރައްޔިތުން ރައްކާތެރިކުރުމަށް ކަމަށެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު އެތައް ދަހަރެއްގެ ހަމަނުޖެހުންތައް އުފެދިގެން އުޅެނީ ހިޒްބުﷲއިން ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ހަމަލާދޭތީއެވެ.

ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒުބްﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރިޔަސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން އިސްރާއީލަށް މާރިޗު ދެއަކުން ފެށިގެން އަލުން ހަމަލާދޭން ފެށީއެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ހިޒްބުﷲ، އިސްރާއީލާއި ލުބްނާން ގުޅޭ ބޯޑަރުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލިޔަސް އެ ސީޒްފަޔާގައި ލުބްނާން "މައްސަލަ" ނުހިމެނޭނެ ކަމަށް ޓްރަމްޕާއި އިސްރާއީލުން ބުނެފައި، އިސްރާއީލުން ދިޔައީ ލުބްނާނަށް ހަމަލާދެމުންނެވެ. ނަމަވެސް މި މަހު 17 ގައި އިސްރާއީލުން ލުބްނާނާއެކު 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކޮށްފައި، ޓްރަމްޕްގެ އެދިވަޑައިގަތުމަކަށް އެ ސީޒްފަޔާ ތިން ހަފުތާއަށް ދަންމާލައި، އީރާނާއެކު އެމެރިކާއިން ގާއިމުކުރި ދެ ހަފުތާގެ ސީޒްފަޔާ ވެސް ވަކި މުއްދަތެއް ނެތް ގޮތަށް މި މަހު ހަތެއްގައި ވަނީ ދަންމާލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *