Support Us

ސީޒްފަޔާ ދަންމާލިޔަސް އިސްރާއީލާ ސުލްހަވުމާމެދު ލުބްނާންގައި ހިޔާލުތަފާތުވުން

އިސްރާއީލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތައް 10 ދުވަހަށް މެދުކަނޑައިލައިފައި އޮތްއޮތުން ނުވަތަ ސީޒްފަޔާގެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާން ކައިރިވެފައިވަނިކޮށް އެ ސީޒްފަޔާ އިތުރު ތިން ހަފުތާއަށް ދަންމާލަން ނިންމިޔަސް އިސްރާއީލާ ސުލްހަވުމާމެދު ލުބްނާންގައި ހިޔާލުތަފާތުވުން އުފެދިއްޖެއެވެ.

ބައެއް ރައްޔިތުން ދެކެނީ އިސްރާއީލާ ދެމެދު އުފެދިފައިވާ އެތައް ދަހަރެއްގެ ހަމަނުޖެހުން ނިމުމަކަށް ގެނެވޭނީ އިސްރާއީލާ ސުލްހަވެގެން ކަމަށެވެ. ނަމަވެސް އަނެއް ބައި ރައްޔިތުން ދެކެނީ ލުބްނާނަށް ހަމަޖެހުން ގެނެވޭނީ އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ޖަމާއަތް ހިޒްބުﷲއިން ލުބްނާންގައި ތިބެގެން އިސްރާއީލާ ދެކޮޅަށް ހަމަލާދިނުން ކުރިއަށްގެންދިއުމުން ކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އިސްރާއީލާއި ލުބްނާންގެ ލީޑަރުންގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ބާއްވަވަން މެދުވެރިއެއްގެ ދައުރު އަދާކުރައްވަން އުއްމީދުކުރައްވާ ކަމަށެވެ.

ލުބްނާންގެ ބޮޑުވަޒީރު ނަވާފު ސަލާމު (ފޮޓޯ) ވިދާޅުވީ ސުލްހައިގެ ވާހަކަތައް ބޭއްވުމުގެ މަގުސަދަކީ ލުބްނާނަށް ހަމަޖެހުން ގެނައުން ކަމަށާއި އެއީ އެއް ގޮތަކަށް ވެސް އިސްރާއީލުގެ ދައުލަތް ބަލައިގަނެ، ޑިޕްލޮމެޓިކް ގޮތުންނާއި އާއްމު އެހެން ގޮތްގޮތުން ވެސް އިސްރާއީލާ ގުޅުންތަކެއް އުފެއްދުން ނޫން ކަމަށެވެ.

"މިއީ ލުބްނާން ރައްކާތެރިކުރަން ބާއްވާ ސުލްހައިގެ ވާހަކަތަކެއް،" އޭނާ ވިދާޅުވިއެވެ.

ސުލްހައިގެ ވާހަކަތަކާ ހިޒްބުﷲއިން ދެކޮޅުހެދިއެވެ.

"ސުލްހައިގެ ވާހަކަތަކަކީ އަހަރެމެންނަށް ލިބޭ ލަދެއް. މި ވާހަކަތަކުގައި ބައިވެރި ނުވުމަށް ސަރުކާރަށް ގޮވައިލަން،" ހިޒްބުﷲގެ ފައުންޑަރު އަދި އަމީންއާއްމު ނައީމު ގާސިމު ބުންޏެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތައް ބޭއްވުން ވެގެންދާނީ "ތާރީހީ ކަމަކަށް" ކަމަށެވެ.

"ނަމަވެސް މިއީ އަދި ސުލްހަ ގާއިމުކުރުމަށް ހަމައެކަނި ފެށުމެއް،" އޭނާ ވިދާޅުވިއެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް އުފެދިގެން އުޅެނީ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ލުބްނާންގައި ތިބެގެން ބޯޑަރު ހުރަސްކޮށް އިސްރާއީލަށް ހަމަލާދޭތީއެވެ.

ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ކުރިޔަސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާދޭން ފެށިއެވެ. އެއީ މާރިޗު ދެއަކުން ފެށިގެންނެވެ.

ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ހިޒްބުﷲ، އިސްރާއީލާއި ލުބްނާން ގުޅޭ ބޯޑަރުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ދެކުނު ލުބްނާންގައި ބައިތިއްބާނެ ކަމަށް އިސްރާއީލުން ކުރިން ވަނީ ބުނެފައެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލިޔަސް އެ ސީޒްފަޔާގައި ލުބްނާން "މައްސަލަ" ނުހިމެނޭނެ ކަމަށް ޓްރަމްޕާއި އިސްރާއީލުން ބުނެފައި، އިސްރާއީލުން ދިޔައީ ލުބްނާނަށް ހަމަލާދެމުންނެވެ. ނަމަވެސް މި މަހު 17 ގައި އިސްރާއީލުން ލުބްނާނާއެކު 10 ދުވަހުގެ ސީޒްފަޔާއެއް ގާއިމުކުރިއިރު، އީރާނާއެކު އެމެރިކާއިން ގާއިމުކުރި ދެ ހަފުތާގެ ސީޒްފަޔާ ވަކި މުއްދަތެއް ނެތް ގޮތަށް މި ދިޔަ ބުދަ ދުވަހު އެމެރިކާއިން ވަނީ ދަންމާލައިފައެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ލުބްނާނަށް ދެމުންދިޔަ ހަމަލާތަކުގައި ލުބްނާންގެ 2،294 މީހުން މަރުވެ، 1.2 މިލިއަން މީހުންނަށް ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް