ލުބްނާނަށް އިސްރާއީލުން ދެމުންދިޔަ ހަމަލާތައް 10 ދުވަހަށް މެދުކަނޑައިލައި، އެ ސީޒްފަޔާ މިއަދު ތަންފީޒުކުރަން ފަށައިފިއެވެ.
ސީޒްފަޔާ ގާއިމުކުރެވިގެން މި ދިޔައީ، ދެ ގައުމުގެ ލީޑަރުން އިއްޔެ ވާހަކަދައްކާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނިކޮށެވެ.
ސީޒްފަޔާ ގާއިމުކުރުމުގައި މެދުވެރިންގެ ބައި އަދާކުރީ އެމެރިކާ އާއި ޕާކިސްތާނުންނެވެ.
"މި ސީޒްފަޔާ އެއްބަސްވުމަކީ ލުބްނާނަށް ތާރީހީ ދުވަހެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ލުބްނާންގެ ރައީސް ޖޯސެފް އައުން އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ސީދާ ވާހަކަދެއްކުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި ސީޒްފަޔާއަށް ފުރިހަމައަށް އިހްތިރާމްކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ގޮވައިލިއެވެ.
އދ.އިން ބުނީ ލުބްނާނާއި އިސްރާއީލާ ދެމެދު އުފެދިފައިވާ ހަމަނުޖެހުމަށް ނިމުމެއް ގެނެސް، ދެ ގައުމުގެ ރައްޔިތުންގެ ވޭނަށް ތަސައްލީއެއް ލިބޭނެ ފިޔަވަޅުތަކަށް މަރުހަބާ ކިޔާ ކަމަށެވެ.
އަރަބި ގައުމުތަކުގެ މެދުގައި ގުޅުން ކުރިއަރުވާ އަރަބް ލީގް ޖަމާއަތުން ވެސް ބުނީ ލުބްނާންގެ ރައްޔިތުންގެ ކެކުޅުންތަކަށް ހައްލެއް ގެނައުމަށް ގާއިމުކުރި މި ސީޒްފަޔާއަށް މަރުހަބާ ކިޔާ ކަމަށެވެ.
ލުބްނާނަށް ދެމުންދާ ހަމަލަތާއް 10 ދުވަހަށް މެދުކަނޑައިލަން އިސްރާއީލުން އެއްބަސްވުމުން، އީރާނުން ވާގިވެރިވާ، ލުބްނާންގައި ތިބެގެން އިސްރާއީލަށް ހަމަލާދޭ ހިޒްބުﷲ ޖަމާއަތުން ވެސް ވަނީ މި ސީޒްފަޔާއަށް މަރުހަބާކިޔައިފައެވެ. ހިޒްބުﷲއިން ބުނީ މި 10 ދުވަހު އިސްރާއީލަށް ހަމަލާނުދޭނެ ކަމަށާއި ނަމަވެސް އެއީ މި ސީޒްފަޔާއަށް އިސްރާއީލުން އިހްތިރާމްކުރާނަމަ ކަމަށެވެ.
"ނަމަވެސް އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނުގައި ބައިތިއްބާފައިތިބޭތިބުމާ ދެކޮޅަށް ފިޔަވަޅު އަޅަން އަހަރެމެންނަށް ހައްގު އެބައޮތް،" ހިޒްބުﷲއިން ބުންޏެވެ.
ލުބްނާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުންތައް އުފެދިގެން އުޅެނީ ހިޒްބުﷲއިން އިސްރާއީލަށް ހަމަލާދޭތީއެވެ. ނޮވެމްބަރު 2024 ގައި އިސްރާއީލާއި ހިޒުބްﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރިއެވެ. އެހެނަސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އެހެން އޮއްވައި މި ދިޔަ ފެބްރުއަރީ 28 ގައި އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ހިޒްބުﷲއިން ވަނީ އިސްރާއީލަށް އަލުން ހަމަލާދޭން ފަށައިފައެވެ.
ޓެރަރިސްޓް ޖަމާއަތެއް ކަމަށް ލުބްނާން ސަރުކާރުން ކަނޑައަޅައިފައިވާ ހިޒްބުﷲ، ލުބްނާނާ އިސްރާއީލު ގުޅޭ ބޯޑަރުން ދުރުކުރެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނުގައި ބައިތިއްބާނެ ކަމަށް އިސްރާއީލުން ވަނީ ބުނެފައެވެ.
އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މި މަހު ހަތެއްގައި ދެ ހަފުތާއަށް މެދުކަނޑައިލިޔަސް އެ ސީޒްފަޔާގައި ލުބްނާން "މައްސަލަ" ނުހިމެނޭނެ ކަމަށް ޓްރަމްޕާއި އިސްރާއީލުން ބުނެފައި، އިސްރާއީލުން ދިޔައީ ލުބްނާނަށް ހަމަލާދެމުންނެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިސްރާއީލުން ލުބްނާނަށް އެއް މަހެއްހާ ދުވަހަށް ދިން ހަމަލާތަކުގައި ލުބްނާންގެ 2،000 އަށްވުރެ ގިނަ މީހުން މަރުވެ، 1.2 މިލިއަން މީހުންވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment