Support Us

ކާރެކްސް ކުންފުނީގެ ސީ.އީ.އޯ ގޯ މީއާ ކިއަޓް

އީރާން ހަނގުރާމައާ ހުރެ ކޮންޑޮމްގެ އަގުތައް ބޮޑުކުރަން ވިސްނަނީ

އެންމެ ގިނައިން ކޮންޑޮމް ހަދާ ކުންފުނިން އީރާން ހަނގުރާމައާ ހުރެ ހުރަހުގެ އަގުތައް 30 ޕަސެންޓް ނުވަތަ އެއަށްވުރެ ވެސް މައްޗަށް ޖައްސަން ވިސްނާ ކަމަށް ބުނެފިއެވެ.

މެލޭޝިއާގެ ކާރެކްސްއިން ބުނީ މި ގޮތަށް ނިންމާނީ އީރާން ހަނގުރައިމައިގެ ސަބަބުން އެ ކުންފުނީގެ އުފެއްދުންތައް ހަދަން ބޭނުންވާ ރޯ މެޓީރިއަލް ނުލިބޭ ނުލިބުން ދިގުދެމިގެންދާނަމަ ކަމަށެވެ.

ކާރެކްސް ކުންފުނީގެ ޗީފް އެގްޒެކެޓިވް ގޯ މީއާ ކިއަޓް ބުނީ ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން ކޮންޑޮމް އުފެއްދުމުގެ ހަރަދުތައް ވަރަށް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ކަމަށެވެ.

ކާރެކްސްއިން އަހަރަކު ފަސް ބިލިއަނަށްވުރެ ގިނަ ކޮންޑޮމް އުފައްދައެވެ. އަދި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑިއުރެކްސް އަދި ޓްރޯޖްންގެ އިތުރުން އިނގިރޭސި ވިލާތުގެ ދައުލަތުގެ ގައުމެއް ކަމަށްވާ އިންގްލެންޑްގެ އާއްމު ސިއްހީ އިދާރާ، ނެޝަނަލް ހެލްތު ސާވިސް (އެން.އެޗް.އެސް)އަށް ކޮންޑޮމް ފޯރުކޮށްދެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނަށް ވައިގެ މަގުން ހަމަލާދޭން ފެށުމުން، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ސާފު ނުކުރާ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސްގެ އިތުރުން ޕެޓްރޯ-ކެމިކަލް ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ހަމަލާދޭނެކަމުގެ އިންޒާރު އީރާނުން ދިނުމުން، ދުނިޔޭގެ ތެލުގެ ސަޕްލައިއަށްވަނީ ސީރިއަސް ހުރަސްތަކެއް ކުރިމަތިވެފައެވެ. މިހެންވެ ހުރުމުޒު މިހާރު ވަނީ އެއްކޮށްހެން ބަންދުވެފައެވެ. ނަތީޖާއަކީ ދުނިޔޭގެ ތެލުގެ ސަޕްލައި ޗެއިންތަކަށް ހުރަސްއެޅުމެވެ.

ކާރެކްސްގެ އުފެއްދުންތައް ބަރޯސާވަނީ ތެލުގެ މައްޗަށެވެ. އޭގެ ތެރޭގައި އެމޯނިއާ ހިމެނެއެވެ. އެ މާއްދާއަކީ ލެޓެކްސް ޕްރިޒާވްކޮށްދޭ މާއްދާއެވެ. އެމޯނިއާގެ އިތުރުން ސިލިކޯން މާއްދާއަށް ބިނާވެފައިވާ ލުބްރިކަންޓްތައް ވެސް ކާރެކްސްގެ އުފެއްދުންތަކަށް ބޭނުންކުރެއެވެ.

ކޮންޑޮމަށް އޮތް ޑިމާންޑް މި އަހަރު ނިސްބަތުން 30 ޕަސެންޓުން ވަނީ އިތުރުވެފައެވެ. އަދި ފްރައިޓްގެ އަގުތައް ބޮޑުވެ، ޝިޕިންގައި ލަސްތައް ކުރިމަތިވާތީ ކޮންޑޮމަށް އޮތް ޑިމާންޑާ އެއްވަރަށް ސަޕްލައި ނުކުރެވޭ ކަމަށް ގޯ ބުންޏެވެ.

"ނުތަނަވަސް ދުވަސްވަރު ކޮންޑޮމް ބޭނުންވުން މާބޮޑަށް އިތުރުވޭ. ސަބަބަކީ ތިބާގެ ކުރިމަގާމެދު ތިބާއަށް ޔަގީންކަމެއް ނޯންނާނެތީ. އަންނަ އަހަރު ތިބާގެ ވަޒީފާ ވެސް އޮންނާނެކަމުގެ ޔަގީންކަމެއް ނޯންނާނެ. ތިބާއަށް މި ވަގުތު ދަރިއެއް ލިބިއްޖެނަމަ ތިބާއަށް އެ ލިބުނީ ކާން ދޭން ޖެހޭނެ އިތުރު އަނގައެއް،" ގޯ ބުންޏެވެ.

ކޮންޑޮމްގެ އަގުތައް ބޮޑުވުމުން ދޭހަވާ އަނެއް ކަމަކީ، އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން އެހެނިހެން މުދަލުގެ އަގު ވެސް ބޮޑުވަމުންދާކަމެވެ. ހަނގުރައިމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ މާރުކޭޓުތަކަށް މިހާރު ވެސް ވަނީ ލޮޅުން އަރައިފައެވެ.

ވައިގެ ދަތުރުފަތުރުގެ ޓިކެޓްތަކުގެ އަގުތަކުގެ ތެރެއިން އިކޮނޮމީ ކްލާހުގެ އެންމެ އަގުހެޔޮ ޓިކެޓްތަކުގެ އަގުތައް ވެސް، މީގެ އަހަރެއްހާ ދުވަސް ކުރިއާ އަޅާބަލާއިރު މިހާރު ވަނީ ނިސްބަތުން 24 ޕަސެންޓުން އިތުރުވެފައިކަން، ފަހުގެ ދިރާސާއަކުން ހާމަވިއެވެ.

ގަލްފު ކަނޑުން މުދާ އުފުލުމަށް ހުރަސްއެޅިފައިވާތީ ފަޓިލައިޒަރުގެ އަގު ބޮޑުވެ، ހީލިއަމް ލިބުން ވަނީ މަދުވެފައެވެ. ހީލިއަމްއަކީ ކޮމްޕިއުޓަރު ޗިޕް އުފެއްދުމަށް ބޭނުންވާ ގޭހެކެވެ.

ރޯ މެޓީރިއަލް ތާށިކަމުން ފުޅީގައި ފެން ބަންދުކުރާ ސިނާއަތް ވެސް ވަނީ ޕްރެޝަރަށް ވެއްޓިފައެވެ.

މި މަހު ކުރީކޮޅު އދ.އިން އިންޒާރުދިން ގޮތުގައި ހަކުރާއި ކިރުގެ ބާވަތްތަކާއި އަދި މޭވާގެ އަގުތައް ވެސް މައްޗަށް ދާނެއެވެ. ސަބަބަކީ ދަތުރުފަތުރުގެ އަގު ބޮޑުވުމެވެ.

އީރާނާއި އެމެރިކާއާ ދެމެދު ފެށި ސުލްހައިގެ ވާހަކަތަކުގެ ކުރިމަގު މިއަދު އޮތީ ކިހިނެތް ކަމެއް ނޭނގެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވީ އީރާނަށް ދެމުންދިޔަ ހަމަލާތައް ވަކި މުއްދަތެއް ނެތި މެދުކަނޑައިލައިފައި ބާއްވަވާނެ ކަމަށެވެ. އެއީ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދަން ފުރުސަތު ދޭށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *