Support Us

މިހާރު ބޭނުންވަނީ އިގުތިސާދަށް ހުރަސްއަޅައިގެން ޑީލަކަށް އީރާން އެއްބަސްކުރުވަން: ޓްރަމްޕް

މިހާރު ބޭނުންވަނީ އީރާންގެ އިގުތިސާދަށް ހުރަސްއަޅައިގެން، އެ ގޮތުން ޕްރެޝަރު ކުރިމަތިކޮށްގެން އެމެރިކާއާއެކު ޑީލަކަށް އީރާން އެއްބަސްކުރުވަން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލުން ނުވަތަ ސީޒްފަޔާގެ މުއްދަތު މިއަދު ހަމަވާން ކައިރިވެފައިވަނިކޮށް ވަކި މުއްދަތެއް ނެތް ގޮތަށް އެ ސީޒްފަޔާގެ މުއްދަތު ޓްރަމްޕް (ފޮޓޯ) ވަނީ އިތުރުކުރައްވައިފައެވެ.

ނަމަވެސް އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތައް ނައްތައިނުލައިނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކަން ކުރިއަށް ނުގެންގޮސްފިނަމަ އީރާނުން ޑީލެއް ހަދަން އެއްބަހެއް ނުވާނެ. ޑީލަކަށް ދެން އެއްބަސްކުރެވިދާނެ އަނެއް ގޮތަކީ އީރާންގެ ބާކީ އޮތް ބައި ގޮއްވައިލުން،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން އަޅައިފައިވާ ހުރަސްތަކުގެ ސަބަބުން އީރާންގެ އިގުތިސާދަށް ދުވާލެއްގެ މައްޗަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ގެއްލުން ކުރިމަތިވަމުންދާ ކަމަށެވެ.

"މާލީ ގޮތުން އީރާން މިހާރު ދަނީ އިނދަޖެހެމުން. އީރާން މިހާރު ވަނީ ފައިސާއަށް ބޭނުންވެފައި،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ގޮތަށް ނިންމެވީ ދެ ގައުމުގެ ދެމެދުގައި ސުލްހައިގެ ވާހަކަތައް ބޭއްވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާންގެ އެދުމުގެ މަތިން ސުލްހައަށް އިތުރު ފުރުސަތު ދިނުމަށް ކަމަށެވެ.

އިއްޔެ ޕާކިސްތާންގައި ބާއްވަން ހަމަޖެހިފައި އޮތް ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ވަނީ ކެންސަލްކޮށްފައެވެ. ސަބަބަކީ އެންމެ ފަހު ވަގުތު އީރާނާއި އެމެރިކާގެ ޑެލިގޭޝަންތައް ޕާކިސްތާނަށް ދަތުރު ނުކުރީމައެވެ. އީރާންގެ ޑެލިގޭޝަންގެ ވެރިޔާ، އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލީބާފު ވިދާޅުވީ އެމެރިކާގެ "ބިރުދެއްކުންތަކުގެ ހިޔަނީގައި" އެމެރިކާގެ ޑެލިގޭޝަންގެ ވެރިޔާ، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވާންސްއާއެކު ވާހަކަތައް ކުރިއަށް ނުގެންދަވާނެ ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ އީރާންގެ ލީޑަޝިޕްގެ ތެރޭގައި ކޯޅުންތަކެއް އުޅޭ ކަމަށެވެ. ސީޒްފަޔާގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށް، ސުލްހައަށް ފުރުސަތު ދިނީ އީރާންގެ ވެރިންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތައް އެއްފަރާތްކޮށް، އެމެރިކާއަށް އާ ހުށަހެޅުންތައް ހުށަހެޅުމަށް ފުރުސަތު ދިނުމަށް ކަމަށެވެ.

ސީޒްފަޔާގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް އިތުރުކޮށް، އެމެރިކާއިން އީރާނަށް އަލުން ހަމަލާދޭން ނުފެށިޔަސް، އީރާނުން މިއަދު ވަނީ ހުރުމުޒު ކަނޑުއޮޅިން ދަތުރުކުރި އާގުބޯޓަކާ ދިމާއަށް ބަޑިޖަހައިފައެވެ. މީހަކު ޒަހަމް ނުވިޔަސް އެ ބޯޓަށް ވަނީ ގެއްލުން ލިބިފައެވެ. ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒުން ދަތުރުކުރި އެ އުޅަނދަށް ހަމަލާދިނީ އީރާންގެ ބަނދަރުތަކަށް އެމެރިކާއިން ހުރަސްއަޅައިފައި އޮތީމާ ކަމަށް އީރާންގެ ސުޕްރީމް ލީޑަރު އަދި ރޫހީ ލީޑަރު އާޔަތުﷲ މުޖުތަބާ ހާމަނާއީ ވިދާޅުވިއެވެ.

ހުރުމުޒު ހުޅުވައިފައި މިހާރު އަލުން ބަންދުކޮށްފައި އޮތުމުން 2،000 އުޅަނދު އެ ތަނުގައި ތާށިވެ، ހާލުގައި ޖެހިފައިވާ 20،000 ސީމަނުންނަށް އެހީތެރިވުމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައި.އެމް.އޯ)އިން ވަނީ ގޮވައިލައިފައެވެ.

އީރާނާއި އެމެރިކާއާ ދެމެދު އިއްޔެ ނުތަނަވަސްކަން އޮތުމުން އިއްޔެ ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 99 ޑޮލަރު (1،526ރ.)އަށް އެރިއެވެ. ނަމަވެސް މިހާރު ސީޒްފަޔާގެ މުއްދަތު ވަކި މުއްދަތެއް ނެތް ގޮތަށް ޓްރަމްޕް އިތުރުކުރެއްވުމުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު މިއަދު ހުރީ 97 ޑޮލަރު (1،495ރ.)ގައެވެ. އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް