Support Us

ދެކުނު ކޮރެއާގެ ހައިވާނު ބަގީޗާއަކުން ފިލި މިނިކާ ކުއްތާ މިއަދު އަތުލައިގެންފައި އެ ސޮރުގެ ސިއްހަތު ޗެކުކުރަނީ

ޒުލުން ފިލި މިނިކާ ކުއްތާ އަތުލައިގެންފި

މީގެ ނުވަ ދުވަސް ކުރިން ދެކުނު ކޮރެއާގެ ޒުލަކުން ފިލި "ވުލްފު" ނުވަތަ މިނިކާ ކުއްތާ، އެންމެ ފަހުން މިއަދު އަތުލައިގެންފިއެވެ.

އުމުރުން ދެ އަހަރުގެ، ބަރުދަނުގައި 35 ކިލޯ ހުރި، "ނޫކްގޫ"ގެ ނަން ދީފައިވާ ފިރިހެން މިނިކާ ކުއްތާ ޑޭޖަން ސިޓީގެ އޯ-ވޯލްޑު ހައިވާނު ބަގީޗާއިން ފިލައިގެން އުޅެނިކޮށް އެ ސޮރު ހިފީ ޒުލާ 2.5 މޭލު ކައިރީގައި އޮންނަ މަގަކުންނެވެ.

ނޫކްގޫ އަތުލައިގަތީ ހައިވާނުންގެ ސިއްހަތާ ބެހޭ ޑޮކްޓަރަކު ނުވަތަ ވެޓެއް ލައްވާ ޓްރާންކުއިލައިޒަރެއް ނުވަތަ ހޭނައްތާ ކެމިކަލެއް އަޅައިފައިވާ ޑާޓެއް އެ ސޮރުގެ ގަޔަށް ޓްރާންކުއިލައިޒަރު ބަޑިއަކުން ޖަހައިގެންނެވެ.

ހޭނެތުމުން އެ ސޮރު ވަނީ އަނބުރާ ޒުލަށް ގެންގޮސް އެ ސޮރުގެ ސިއްހަތު ޗެކުކޮށްފައެވެ. އެ ސޮރުގެ އަސާސީ ސިއްހަތު ރަނގަޅު ނަމަވެސް އެ ސޮރުގެ ބަނޑު ތެރެއިން ވަނީ މަސް ބާނާ ބުޅިއެއް ނަގައިފައެވެ.

ނޫކްގޫއަކީ "ކޮރެއަން ވުލްފް" ނުވަތަ ލަފުޒީ މާނައިން "ކޮރެއާ މިނިކާ ކުއްތާ" އަލުން އާލާކުރުމަށް ހިންގާ ޕްރޮގްރާމެއްގެ ދަށުން އޯ-ވޯލްޑްގައި ގެންގުޅޭ މިނިކާ ކުއްތާއެކެވެ. ކޮރެއަން ވުލްފް މިހާރު ޖަންގަލިތަކުގައި ނޫޅެއެވެ.

"ޒުލާއި އަދި އެ ތަނާ ގުޅިފައިވާ ތީމް ޕާކެއް ހުޅުވަން އަދި ދުވަސްކޮޅެއް ނަގާނެ،" ނޫކްގޫ އަތުލައިގަނެވުމުން އޮފިޝަލަކު ބުންޏެވެ.

ނޫކްގޫ ފިލުމުން ޕްރިސްކޫލަކާއި އެހެނިހެން ބައެއް ސްކޫލްތައް ވެސް ބަންދުކުރިއެވެ. އެ ސޮރު ފިލައިގެން އުޅުނު ދުވަސްތަކުގައި އެއްވެސް މީހަކަށް ގޯނާއެއް ކޮށްފައިވާކަމުގެ ރިޕޯޓެއް ނެތެވެ.

އެ ސޮރު ހޯދަން އަސްކަރިއްޔާ، ފުލުހުން، އަލިފާން ނިއްވާ މީހުން އަދި ޕްރޮފެޝަނަލްކޮށް ޝިކާރަކުރާ މީހުން ހިމެނޭ ގޮތަށް 400 މެންބަރުންގެ ޓީމަކަށް އެ ސޮރު ހޯދަން ދަތިތަކަކާ ކުރިމަތިވީ މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އި) ފޭކް ފޮޓޯތައް ހަދައިގެން އެ ސޮރު އުޅޭ ތަންތަން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް މީހުން ދޮގު މައުލޫމާތު ފެތުރުމުންނެވެ.

ނޫކްގޫ އަތުލައިގަނެވުމުން، ވެރިރަށް ސޯލްއާ 105 މޭލު ދެކުނުގައި އޮންނަ ޑޭޖަން ސަހަރުގެ މޭޔަރު ލީ ޖޭންގް-ވޫ ވަނީ ނޫކްގޫ ހޯދި ޓީމަށް ޝުކުރު އަދާކޮށްފައި ފޭސްބުކްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓްގައި އޭނާ ބުނީ ޒުލުގައި ހައިވާނުންގެ ސިއްހަތު ރަނގަޅުކުރުމަށާއި އާއްމުންގެ ރައްކާތެރިކަން ކަށަވަރުކުރަން އިސްލާހުތަކެއް ގެންނާނެ ކަމަށެވެ. ނޫކްގޫ ޒުލުން ފިލީ ބިންކޮނެގެން ފެންސް ދަށުންނެވެ.

ނޫކްގޫ ހިފި ހަބަރު ލިބުމާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ އެ ކަމާ ގުޅޭ މެސެޖުތައް ޕޯސްޓްކުރަމުންނެވެ. ބައެއް މީހުން ބުނީ ނޫކްގޫއަކީ އޯ-ވޯލްޑް ޒުލުގެ "އެމްބެސެޑަރެއް" ކަމަށާއި ޒޫ އަލުން ހުޅުވުމުން ނޫކްގޫއަށް ޒިޔާރަތްކުރާނެ ކަމަށެވެ.

"އަހަރެން އުއްމީދުކުރަނީ އެއްވެސް އިންސާނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް. އަދި އަހަރެން ދުއާކުރަނީ ނޫކްގޫ ވެސް އެ ސޮރުގެ ގެއަށް ރައްކާތެރިކަމާއެކު އަންނާނެ ކަމަށް،" ނޫކްގޫ ފިލުމުން ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މީއަންގް ކުރިން ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *