ދެކުނު ކޮރެއާގެ ޒުލަކުން ފިލި "ވުލްފު" ނުވަތަ މިނިކާ ކުއްތާއެއްގެ ފޭކު ފޮޓޯތަކެއް މަސްނޫއީ ވިސްނުން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން ހަދައިގެން ސޯޝަލް މީޑިއާގައި ފަތުރަމުންދާތީ އެ ސޮރު ހޯދުމަށް ހުރަސްއެޅިއްޖެއެވެ.
އުމުރުން ދެ އަހަރުގެ، ބަރުދަނުގައި 35 ކިލޯ ހުރި، "ނޫކްގޫ"ގެ ނަން ދީފައިވާ ފިރިހެން މިނިކާ ކުއްތާ ޑޭޖަން ސިޓީގެ އޯ-ވޯލްޑު ހައިވާނު ބަގީޗާއިން ފިލުމުން ޕްރިސްކޫލެއްގެ ކިޔެވުން މެދުކަނޑައިލިއިރު މިހާރު ދައުރުވަމުންދާ އޭ.އައި ފޮޓޯތަކުގައި އެ ސޮރު އެކި ހިސާބުތަކުގައި އުޅޭކަމަށް ދޮގު މައުލޫމާތު ފެތުރުމުން އިތުރު ސްކޫލްތައް ބަންދުކުރަން ޖެހިފައިވާ ކަމަށް އޮފިޝަލުން ބުންޏެވެ.
ބިން ކޮނެގެން ޒުލުގެ ފެންސް ދަށުން ބޭރަށް ނުކުމެ ފިލި ނޫކްގޫ ފިލިތާ މިއަދަށް މިއީ ހަވަނަ ދުވަސް ކަމަށްވާއިރު އެ ސޮރުގެ ހާލު ދެރަވެގެން ބަނޑުހައިހޫނުކަމުގެ ސަބަބުން މީހުންނަށް ނުރައްކާވެދާނެ ފަދަ ކަމެއް ކޮށްފާނެކަމަށް އޮފިޝަލުން ބުންޏެވެ. މިނިކާ ކުއްތާއަކީ ފެން ނުބޮއި 10 ދުވަހު އުޅެވޭ ހައިވާނަކަށް ވިޔަސް ކާނެ އެއްޗެއް ނުލިބޭތާ ތިން ދުވަސް ވުމުން ނޫކްގޫގެ ހަށިގަނޑުން ވަރުދޫވާނެ ކަމަށް އޮފިޝަލުން ބުންޏެވެ. ނޫކްގޫއަކީ ޒުލުގައި އުޅެ ބޮޑުވި މިނިކާ ކުއްތާއަކަށްވާތީ ޝިކާރަކުރަން ނޭނގޭނެތީއެވެ. ޒުލުން ފިލުމުގެ ކުރިން އެ ސޮރު ކައިފައިވަނީ ދެ ކުކުޅެވެ.
"އަހަރެން އުއްމީދުކުރަނީ އެއްވެސް އިންސާނަކަށް ގެއްލުމެއް ނުލިބޭނެ ކަމަށް. އަދި އަހަރެން ދުއާކުރަނީ ނޫކްގޫ ވެސް އެ ސޮރުގެ ގެއަށް ރައްކާތެރިކަމާއެކު އަންނާނެ ކަމަށް،" ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ މީއަންގް ވިދާޅުވިއެވެ.
އަސްކަރިއްޔާ، ފުލުހުން، އަލިފާން ނިއްވާ މީހުން އަދި ޕްރޮފެޝަނަލްކޮށް ޝިކާރަކުރާ މީހުން ހިމެނޭ ގޮތަށް 400 މީހުންގެ ޓީމެއް ނޫކްގޫ ހޯދަން މަސައްކަތްކުރަމުންދެއެވެ. މިހާރު ބޮޑަށް ސަމާލުކަން ދެނީ ނޫކްގޫ ހޯދަން ތަންތަނަށް ދިއުމުގެ ބަދަލުގައި ހައިވާނު ބަގީޗާ ހުރި ހިސާބުގައި އެ ސޮރު ހިފިދާނެ ކަހަލަ އާލާތްތައް ބަހައްޓައި، މިނިކާ ކުއްތާ ގޮވާ އަޑު އިވޭ ރެކޯޑިން ޖެހުމަށެވެ. ޒުލުގެ ކައިރިއަށް ނޫކްގޫ އާދޭތޯއެވެ. އެއީ ޒުލުގެ ކައިރީގައި ހުރި ޖަންގަލި އޮންނަ ކުދި ފަރުބަދަތަކުގައި އެ ސޮރު ފިލައިގެން އުޅެފައިނެތީއެވެ.



advertisment