Support Us

އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ "ގާތްގަނޑަކަށް ނިމެނީ": ޓްރަމްޕް

އީރާނާ ދެކޮޅަށް ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ "ގާތްގަނޑަކަށް ނިމެނީ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޕާކިސްތާންގައި އެމެރިކާ އާއި އީރާނާ ދެމެދު ބޭއްވި، ކޮޅެއްގައި ނުޖެހުނު ވާހަކަތަކަށްފަހު، ވާހަކަތަކުގެ ދެވަނަ ބުރެއް ހަމަ ޕާކިސްތާންގައި ބާއްވަފާނެ ކަމަށް ވެސް ޓްރަމްޕް (ފޮޓޯ) އިޝާރާތްކުރެއްވިއެވެ.

"ނަމަވެސް ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލައިފައި ބާއްވާނީ. އިތުރު މުއްދަތެއް ނުދޭނަން. ބޭނުންވަނީ އެ މުއްދަތުގެ ތެރޭގައި އީރާނުން އެމެރިކާއާއެކު ޑީލެއް ހެދުން،" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނީ އީރާންގެ ބަނދަރުތަކަށް ދާ އުޅަނދުތަކާއި އެ ބަނދަރުތަކުން ފުރާ އުޅަނދުތަކަށް ހުރަސްއަޅައިފައިވާތާ މިހާރު ދެ ދުވަސް ވެއްޖެ ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި ދާއިމީ ސުލްހައެއް ގާއިމު ނުކުރެވިގެން އުޅެނީ މައިގަނޑު ދެ މައްސަލައަކާހުރެއެވެ. އެއީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުޅުވައިލާނެ އުސޫލަކާއި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމަށް ޔުރެނިއަމް މާއްދާ ފައްކާކުރުން މެދުކަނޑައިލައިފައި ބާއްވާނެ މުއްދަތަކާ ގުޅޭ ގޮތުންނެވެ. އެމެރިކާއިން ބޭނުންވަނީ އީރާނުން ޔުރެނިއަމް ފައްކާ ނުކޮށް 20 އަހަރު މަޑުކޮށްލާށެވެ. ނަމަވެސް އީރާނުން ބޭނުންވަނީ އެ މުއްދަތު ފަސް އަހަރަށް ކުރުކޮށްލާށެވެ.

ހަނގުރައިމައިގެ ސަބަބުން ސީދާކޮށާއި ނުސީދާކޮށް އީރާނަށް ލިބިފައިވާ ގެއްލުމާ ބެހޭ ގޮތުން ވެސް ހޮނިހިރު ދުވަހުގެ ބުރުގައި ވަނީ ވާހަކަދައްކައިފައެވެ. އެ ގޮތުން 270 ބިލިއަން ޑޮލަރު (4،174 ބިލިއަން ރުފިޔާ)އަށް އަރާ ގެއްލުމުގެ ބަދަލު ހޯދުމަކީ އެމެރިކާއާއެކު ދާއިމީ ސުލްހައެއް ގާއިމުކުރުމުގެ ޝަރުތެއް ކަމަށާއި އެ ބަދަލު ހޯދުމާ ބެހޭ ގޮތުން ދެވަނަ ބުރުގައި ވެސް އެމެރިކާއާ ވާހަކަދައްކާނެ ކަމަށް އީރާނުން ބުންޏެވެ. އަދި އެމެރިކާއިން އީރާނަށް ހަމަލާދޭން ބޭނުންކުރި އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ފަސް ގައުމެއްގެ ފަރާތުން ވެސް އެ ބަދަލު ހޯދުމާ ބެހޭ ގޮތުން ވާހަކަދައްކާނެ ކަމަށް އީރާނުން ބުންޏެވެ. މީގެ އިތުރުން ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުތަކުން ޓެކްސް ނަގައިގެން އެ ބަދަލު ހޯދުމުގެ ހިޔާލު ވެސް އީރާނުން ގެންގުޅެއެވެ.

ހަނގުރާމަ ނިމުމަކާ ގާތަށް އަންނަ ވާހަކަ ޓްރަމްޕް ވިދާޅުވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 110 ޑޮލަރު (1،696ރ.)ގައި ހުރެފައި މިއަދު ވަނީ 95 ޑޮލަރު (1،464ރ.)އަށް ދަށްވެފައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް