Support Us

އުޅަނދެއް އިއްޔެ ހުރުމުޒު ކަނޑުއޮޅީގައި

އީރާންގެ ބަނދަރުތަކަށް ހުރަސްއަޅަން އެމެރިކާއިން ނިންމައިފި

ޕާކިސްތާންގައި ހޮނިހިރު ދުވަހު އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްގެންދިޔަ ސުލްހައިގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުމުން އީރާންގެ ކަނޑުގެ ބަނދަރުތަކަށް މިއަދުން ފެށިގެން ހުރަސްއަޅަން އެމެރިކާއިން ނިންމައިފިއެވެ.

ދެކުނު އޭޝިއާ، މެދުތެރޭ އޭޝިއާ އަދި މެދުއިރުމަތީގެ 20 ގައުމެއްގެ ކަނޑުތަކާއި އެ ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތައް ހިމާޔަތްކުރާ ޔޫ.އެސް ސެންޓްރަލް ކޮމާންޑް ނުވަތަ ކުރުކޮށް ސެންޓްކޮމް ކިޔާ އިދާރާއިން ރޭގައި ބުނީ ހުރަސްއަޅާނީ އީރާންގެ ކަނޑުގެ ބަނދަރުތަކަށް ދާ އަދި އެ ތަންތަނުން ފުރާ އުޅަނދުފަހަރަށް ކަމަށެވެ.

"އެ ފަދަ އުޅަނދުތަކަކީ ކޮންމެ ގައުމެއްގެ އުޅަނދުތަކެއް ކަމަށް ވިޔަސް ހެޔޮ. އީރާންގެ އައްސޭރިފަށަށް ދިޔަކަ ނުދޭނަން. އަދި އެ ތަންތަނުން ފުރިޔަކަ ވެސް ނުދޭނަން. މީގެ ތެރޭގައި (ފާރިސީ) ގަލްފާއި އުމާން ގަލްފްގައި ހިމެނޭ އީރާންގެ ބަނދަރުތައް ވެސް ހިމެނޭނެ،" ސެންޓްކޮމްއިން ބުންޏެވެ.

އެ އިދާރާއިން ބުނީ، އީރާންގެ ބާރުގެ ދަށުގައި އޮންނަ، ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި ތެރެއިން ދަތުރުކުރާ، އީރާންގެ ކަނޑުގެ ބަނދަރަކަށް ނުދާ، އަދި އީރާންގެ ކަނޑުގެ ބަނދަރަކުން ނުފުރާ އުޅަނދުފަހަރަކަށް އެމެރިކާއިން ހުރަސްނާޅާނެ ކަމަށެވެ.

ސެންޓްކޮމްއިން މިހެން ބުނީ، މުޅި ހުރުމުޒު އެއްކޮށް ބަންދުކޮށްލައި، އެ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރުގެ ތެރެއިން އީރާނަށް ޓޯލް ދައްކާ އުޅަނދުފަހަރާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނިކޮށެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން މި ދިޔަ އަންގާރަ ދުވަހުވި އެއްބަސްވުމަށްފަހު ޕާކިސްތާންގައި ކުރިއަށްގެންދިޔަ ސުލްހައިގެ ވާހަކަތަކުން، އެމެރިކާ އާއި އީރާނާ ދެމެދު ދާއިމީ ސުލްހައިގެ މުއާހަދާއެއް ގާއިމު ނުކުރެވުނީ އީރާންގެ ނިއުކްލިއަ ހަކަތަ މަޝްރޫއު ކުރިއަށް ނުގެންދަން އީރާނުން އެއްބަސްނުވުމުން ކަމަށް އެމެރިކާއިން ބުންޏެވެ.

އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމު ނުކުރެވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާރު ވަނީ އަނެއްކާވެސް މައްޗަށް ޖެހިލައިފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު 93 ޑޮލަރު (1،434ރ.)ގައި ހުރެފައި މިއަދު ހުރީ 103 ޑޮލަރު (1،588ރ.)ގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް