Support Us

އެމެރިކާގެ ވެރިރަށް ވޮޝިންޓަންގައި އިއްޔެ ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ ވާހަކަތައް ކުރިއަށްގެންދަނީ

ލުބްނާން، އިސްރާއީލު މަސްރަހު ހަމައަކަށްއެޅެން ވަގުތު ނަގާނެ: އެމެރިކާ

ލުބްނާނާއި އިސްރާއީލުގެ މަސްރަހު ހަމައަކަށްއެޅެން ވަގުތު ނަގާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު 1983 ގެ ފަހުން ބޭއްވި ފުރަތަމަ ސުލްހައިގެ ސީދާ ވާހަކަތައް އިއްޔެ އެމެރިކާގައި ނިންމައިލުމަށްފަހު އެ ވާހަކަތަކުގެ ރިޔާސަތު ބެލެހެއްޓެވި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ ވިދާޅުވީ ލުބްނާނާއި އިސްރާއީލުގެ ހޫނުވެފައިވާ މަސްރަހު ފިނިކުރަން ގޮންޖެހުންތަކެއް ހުރި ކަމަށެވެ.

"އަހަރެމެންނަށް ފަހުމްވީ އަހަރެމެން ކުރިމަތިލައިގެން މި އުޅެނީ އެތައް ދަހަރެއްގެ ތާރީހަކާއި ނާޒުކު ކަންތައްތަކަކާކަން،" ރުބިއޯ ވިދާޅުވިއެވެ.

ދެ ގަޑިއިރަށް ދެމިގެންދިޔަ ވާހަކަތައް ފެށީ ލުބްނާނާއި އިސްރާއީލުން ހިޔާލުތަފާތުވެފައިވާ މައްސަލަތަކަކާއެކުއެވެ.

އެ ގޮތުން ލުބްނާންގައި ހަރަކާތްތެރިވާ، އީރާނުން ވާގިވެރިވާ ހަނގުރާމަވެރި ހިޒްބުﷲ ޖަމާއަތުގެ ތަންތަނަށް ހަމަލާދެމުންގެންދާނެ ކަމަށް އިސްރާއީލުން ބުންޏެވެ. އަދި އިސްރާއީލުން ބުނީ ލުބްނާން ސަރުކާރުން ހިޒްބުﷲ އަތުން ހުރިހާ ހަތިޔާރެއް އަތުލަން ޖެހޭނެ ކަމަށެވެ.

ލުބްނާނުން ބުނީ ލުބްނާންގައި 2،124 މީހުން މަރުވެ، 1.1 މިލިއަން މީހުން ގެދޮރު ދޫކޮށްފައި ދާން ޖެހިފައިވާތީ، ލުބްނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓައިލަން ޖެހޭނެ ކަމަށެވެ.

ހިޔާލުތަފާތުވުންތައް ހުއްޓަސް ވާހަކަތައް ކުރިއަށް ދިޔައީ ރަނގަޅަށް ކަމަށް ދެ ގައުމުން ބުންޏެވެ.

ވާހަކަތަކުގައި ބައިވެރިވި ލުބްނާނުން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ނާދާ ހަމާދާ-މުވާދު ބުނީ މަޝްވަރާތައް ވެގެންދިޔައީ "ބިނާކުރަނިވި" ވާހަކަތަކަކަށް ކަމަށެވެ.

"އަހަރެން ގޮވައިލިން ހަނގުރާމަ މެދުކަނޑައިލައި، ގެދޮރު ދޫކޮށް ދާން ޖެހުނު މީހުން އަނބުރާ ގެދޮރަށް ދިއުމަށް މަގުފަހިކުރުމަށާއި އަހަރެންގެ ގައުމުގައި އޮތް އިންސާނީ ކާރިސާއަށް ހައްލެއް ގެނައުމަށް ފިޔަވަޅުތަކެއް އަޅަން،" އޭނާ ބުންޏެވެ.

ވާހަކަތަކުގައި ބައިވެރިވި އިސްރާއީލުން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ޔެހީއެލް ލައިޓާ ބުނީ ވާހަކަތައް ވެގެން ދިޔައީ "ވަރަށް ރަނގަޅު ހިޔާލު ބަދަލުކުރުންތަކަކަށް" ކަމަށެވެ. އެ ގޮތުން ދެ ގައުމުން ވެސް ކަންތައްތަކަކަށް އެއްބަސްވި ކަމަށާއި އޭގެ ތެރޭގައި ލުބްނާނުން ހިޒްބުﷲ ބޭރުކޮށްލުން ހިމެނޭ ކަމަށް އޭނާ ބުންޏެވެ.

"ލުބްނާން ސަރުކާރުން ވަރަށް ސާފުކޮށް ބުނީ ހިޒްބުﷲ ބޮލަށް ލައިގެން ދެން ނޫޅޭނެ ކަމަށް. އީރާން މިހާރު ވަނީ ނިކަމެތިކޮށްލެވިފައި. ހިޒްބުﷲ ވަނީ ވަރަށް ބޮޑަށް ނިކަމެތިކޮށްލެވިފައި. މިއީ ރަނގަޅު ފުރުސަތެއް،" ލައިޓާ ބުންޏެވެ.

މި ވާހަކަތަކުގައި ހިޒްބުﷲ ބައިވެރިއެއް ނުކުރެއެވެ. ހިޒްބުﷲގެ ފައުންޑަރު އަދި އަމީންއާއްމު ނައީމް ގާސިމް ބުނެފައިވަނީ މި ވާހަކަތަކަކީ "ފައިދާއެއް ކުރާނެ ވާހަކަތަކެއް ނޫން" ކަމަށެވެ.

"ދެ ގައުމުގެ ދެމެދުގައި ހައްލު ނުކުރެވޭނެ މައްސަލަތައް އެބަހުރި. މި ވާހަކަތަކަކީ ހިޒްބުﷲއިން ހަތިޔާރު ބަހައްޓަން އޮޅުވައިލުމެއްގެ ތެރެއިން ޕްރެޝަރުކުރަން ބާއްވާ ވާހަކަތަކެއް،" އޭނާ ބުނެފައިވެއެވެ.

ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު 2024 ގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އަދި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދެއެވެ. އެހެން އޮއްވައި ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާދޭން ފެށީ ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުންނެވެ.

ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން އެމެރިކާއާއެކު އީރާނުން މި މަހު ހަތެއްގައި އެއްބަސްވުމުން ހިޒްބުﷲއިން އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލިއެވެ. ނަމަވެސް އެއްބަސްވުމުގައި ލުބްނާންގެ "މައްސަލަ" ނުހިމެނޭ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުނެ، ލުބްނާނަށް އިސްރާއީލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ.

އިސްރާއީލުން ބުނީ ލުބްނާނާއި އިސްރާއީލު ގުޅޭ ބޯޑަރުން ހިޒްބުﷲ ބޭރުކޮށްލެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް