ހިޔާލުތަފާތުވުންތައް ހުރި ނަމަވެސް ލުބްނާނާއި އިސްރާއީލުގެ އޮފިޝަލުން އެމެރިކާގައި މިއަދު ސުލްހައިގެ ވާހަކަތައް ފަށަން ނިންމައިފިއެވެ.
އެމެރިކާއިން ލުބްނާނަށް ކަނޑައަޅައިފައި ހުންނަ ސަފީރު މީޝެލް އީސާ މެދުވެރިއެއްގެ ދައުރު އަދާކުރާ ވާހަކަތަކުގައި ލުބްނާނާއި އިސްރާއީލުން ސުލްހަ ދެކެނީ މުޅިން ތަފާތު ދެ ގޮތަށެވެ.
ވާހަކަތަކުގައި ބައިވެރިވާ، ލުބްނާނުން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަ ސަފީރު ނާދާ ހަމާދާ-މުވާދު ބުނީ ލުބްނާނުން ބޭނުންވަނީ، ލުބްނާންގެ އާއްމު ރައްޔިތުންގެ ފުރާނަ ސަލާމަތްކުރަން، އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް ކަމަށެވެ.
"އަހަރެމެން އެންމެ އިސްކަންދެނީ އެއްވެސް ޝަރުތެއް ނެތި ފުރިހަމަ ގޮތުގައި (ލުބްނާންގެ ވެރިރަށް) ބައިރޫތާއި (ލުބްނާންގެ) ދެކުނު ސަރަހައްދުން ލޭއޮހޮރުވުން ނައްތައިލުމަށް،" އޭނާ ބުންޏެވެ.
އިސްރާއީލުން ބުނީ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުން "އާދައިގެ ގޮތަކަށް މެދުކަނޑައިލަން ބޭނުންނުވާ" ކަމަށެވެ. ވާހަކަތަކުގައި ބައިވެރިވާ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އިސް އެޑްވައިޒަރު ރޮން ޑާމާ ބުނީ އިސްރާއީލުން މަޝްވަރާކުރަން ބޭނުންވަނީ ހަމައެކަނި އިސްރާއީލަށް ދިގު މުއްދަތުގައި ސަލާމަތްތެރިކަން ލިބިދޭނެ ރޭވުމަކާ ގުޅޭ ގޮތުން ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި އޮތް ހަމަނުޖެހުން ވަގުތީ ގޮތުން ނިމުމަކަށް ގެންނަން އަހަރެމެންގެ ޝައުގުވެރިކަމެއް ނެތް. އަހަރެމެން ބޭނުންވަނީ (އީރާނުން ވާގިވެރިވާ، ލުބްނާންގައި ހަރަކާތްތެރިވާ) ހިޒްބުﷲ އަތުން ހުރިހާ ހަތިޔާރެއް އަތުލައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ސުލްހައިގެ މުއާހަދާއެއް ގާއިމުކުރަން،" އޭނާ ބުންޏެވެ.
ހިޒްބުﷲގެ ފައުންޑަރު އަދި އަމީންއާއްމު ނައީމް ގާސިމް ބުނީ މި ވާހަކަތަކަކީ "ފައިދާއެއް ކުރާނެ ވާހަކަތަކެއް ނޫން" ކަމަށެވެ.
"ދެ ގައުމުގެ ދެމެދުގައި ހައްލު ނުކުރެވޭނެ މައްސަލަތައް އެބަހުރި. މި ވާހަކަތަކަކީ ހިޒްބުﷲއިން ހަތިޔާރު ބަހައްޓަން އޮޅުވައިލުމެއްގެ ތެރެއިން ޕްރެޝަރުކުރަން ބާއްވާ ވާހަކަތަކެއް،" އޭނާ އިއްޔެ ބުންޏެވެ.
ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު 2024 ގައި ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް އިސްރާއީލުން އެއަށް އިހްތިރާމެއް ނުކުރެއެވެ. އަދި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދެއެވެ. އެހެން އޮއްވައި ހިޒްބުﷲއިން އިސްރާއީލަށް އަލުން ހަމަލާދޭން ފެށީ ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ހަނގުރާމަ ފެށުމުންނެވެ.
ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން އެމެރިކާއާއެކު އީރާނުން މި ދިޔަ އަންގާރަ ދުވަހު އެއްބަސްވުމުން ހިޒްބުﷲއިން އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލިއެވެ. ނަމަވެސް އެއްބަސްވުމުގައި ލުބްނާންގެ "މައްސަލަ" ނުހިމެނޭ ކަމަށް ބުނެ ލުބްނާނަށް އިސްރާއީލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ.
އިސްރާއީލުން ބުނީ ލުބްނާނާއި އިސްރާއީލު ގުޅޭ ބޯޑަރުން ހިޒްބުﷲ ބޭރުކޮށްލެވެންދެން އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނު ސަރަހައްދުގައި ބައިތިއްބާނެ ކަމަށެވެ.
އިސްރާއީލު ސިފައިން ލުބްނާންގެ ދެކުނުގައި މިހާރު ހިންގާ އަސްކަރީ އޮޕަރޭޝަންގައި މަދުވެގެން 2،055 މީހުންވަނީ މަރުވެފައެވެ. އޭގެ ތެރޭގައި 165 ކުޑަކުދިންނާއި 87 ސިއްހީ އެހީތެރިން ހިމެނެއެވެ. ގާތްގަނޑަކަށް 6،500 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާއިރު 1.2 މިލިއަން މީހުންވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައެވެ.



advertisment