ޗައިނާއިން އެ ގައުމާ "ދުޝްމިނު" ސަރުކާރެއް އޮތް ޓައިވާނަށް ސީދާ ފްލައިޓްތައް އޮޕަރޭޓްކުރަން ފަށާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
މި ކަން ޗައިނާއިން މި އިއުލާންކުރީ ހަ ދުވަހުގެ ދަތުރެއްގައި ޓައިވާންގެ އިދިކޮޅު ކުއޮމިންޓޭންގް ޕާޓީގެ ލީޑަރު ޗެންގް ލީ-ވުން ޗައިނާއަށް ގޮސް ހުކުރު ދުވަހު ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލު ކުރުމަށްފަހުއެވެ. މިއީ ތާރީހީ ގޮތުން މަސްރަހު ހޫނުވެފައިވާ ދެ ގައުމުގެ ސިޔާސީ ވެރިންގެ ފެންވަރުގައި ވޭތުވެދިޔަ ދަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. ޗެންގް ބުނެފައިވަނީ އޭނާގެ ދަތުރަކީ ދެ ގައުމުގެ ދެމެދުގައި ސުލްހަ ގާއިމުކުރަންކުރި ދަތުރެއް ކަމަށެވެ.
ސީދާ ފްލައިޓްތައް ޗައިނާއިން ޓައިވާނަށް އޮޕަރޭޓްކުރުމުގެ އިތުރުން ޗައިނާއަށް ޓައިވާންގެ ކަނޑުގެ ވަސީލަތްތަކުގެ ކާބޯތަކެތި އެތެރެކުރަން ހުއްދަ ދޭނެ ކަމަށް ވެސް ޗައިނާއިން ބުންޏެވެ.
"ސީދާ ދަތުރުތައް ޗައިނާއިން ޓައިވާނަށް ފެށުމުގެ އިތުރުން ޓައިވާންގެ ސީފުޑް ޗައިނާއަށް އިމްޕޯޓްކުރުމަށާއި ކުއޮމިންޓޭންގް ޕާޓީއާ ދިގު މުއްދަތުގެ ގުޅުންތައް ގާއިމުކުރާނަން،" ޗައިނާއިން ބުންޏެވެ.
ޓައިވާން ސަރުކާރުން މި ކަމާ ހިތްހަމަނުޖެހިގެން ބުނީ ޗައިނާއިން ޓައިވާނަށް ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުމާއި ޓައިވާންގެ ސީފުޑް ޗައިނާއަށް އިމްޕޯޓްކުރުމުގެ ވާހަކައަކީ "ސިޔާސީ ބޭނުމަށް ބުނި އެއްޗެއް" ކަމަށާއި މި ދެ ކަމުން ކުރެ ކަމެއް ކުރެވޭނީ ކިހިނަކުންކަން ޗައިނާއަށް ތަފުސީލުކޮށްދެވިފައިނުވާ ކަމަށެވެ.
"މި ކަހަލަ ގުޅުންތައް ދެ ސަރުކާރުގެ ދެމެދުގައި ކުރިއަށްގެންދަން ޖެހޭނީ ދެ ގައުމުގެ ހަމަހަމަކަން ގަބޫލުކުރުމާއެކު ޝަރަފުވެރި ބިންގަލެއްގެ މަތީގައި،" ޓައިވާން ސަރުކާރުން ބުންޏެވެ.
ޗައިނާއިން އަބަދުވެސް ބުނަމުންދަނީ ޓައިވާން ޖަޒީރާއަކީ ޗައިނާގެ ބައެއް ކަމަށާއި ޗައިނާގެ ބައެއް ކަމަށް ޓައިވާން ހަދަން އަސްކަރީ ބާރު ވެސް ބޭނުންކޮށްފާނެ ކަމަށެވެ.
ކުއޮމިންޓޭންގް ޕާޓީއަކީ 20 ވަނަ ގަރުނުގައި ޗައިނާގައި ވެރިކަންކުރި ޕާޓީއެވެ. ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ޗައިނާގެ ވެރިކަން ލިބުމުން ކުއޮމިންޓޭންގް ޕާޓީގެ މެންބަރުން ޓައިވާނަށް ގޮސް ޓައިވާންގައި ވަކި ސަރުކާރެއް ގާއިމުކުރީއެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އޮންނަނީ އެމެރިކާއިން ޓައިވާނަށް ތާއީދުކުރާތީއެވެ. ޓައިވާނަކީ މިނިވަން ދައުލަތެއް ކަމަށް ގަބޫލުކުރަނީ އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން އެންމެ 12 ގައުމެވެ.



advertisment