ޗައިނާ އާއި ޓައިވާންގެ ސިޔާސީ ވެރިންގެ ނާދިރު ބައްދަލުވުމެއްގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް ޓައިވާންގެ އިދިކޮޅު ލީޑަރު ޗެންގް ލީ-ވުންއާ ބައްދަލުކުރައްވައިފިއެވެ.
މިއީ ތާރީހީ ގޮތުން މަސްރަހު ހޫނުވެފައިވާ ދެ ގައުމުގެ ސިޔާސީ އިސްވެރިންގެ ފެންވަރުގައި ވޭތުވެދިޔަ ދަހަރެއްހާ ދުވަހުގެ ތެރޭގައި ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.
ޓައިވާންގެ އިދިކޮޅު ކުއޮމިންޓޭންގް ޕާޓީގެ ލީޑަރު ޗެންގާ ޝީ ބައްދަލުކުރެއްވީ ޗެންގް މިއަދު ނިންމައިލި ޗައިނާއަށްކުރި ހަ ދުވަހުގެ ދަތުރެއްގައި ހުކުރު ދުވަހުއެވެ.
ބައްދަލުކުރުމުގައި ޝީ ވަނީ އޭނާ ވިދާޅުވަމުންދާ އެންމެ ސީރިއަސް ވާހަކަ އަނެއްކާވެސް ތަކުރާރުކުރައްވައިފައެވެ. އެއީ ޓައިވާނަކީ ޗައިނާގެ ޖަޒީރާއެއް ކަމަށާއި ޓައިވާންގެ މިނިވަންކަން ބަލައިނުގަންނަވާކަމެވެ.
"ޓައިވާނުން މިނިވަންކަމަށްކުރާ ދައުވާއަކީ ޗައިނާ އާއި ޓައިވާންގެ ދެމެދުގައި ނުތަނަވަސްކަން އޮތުމަށް އޮތް މައިގަނޑު ސަބަބު. ޗައިނާ އާއި ޓައިވާނަކީ އެއް އާއިލާއެއް. ދެ ފަރާތުން ވެސް ބޭނުންވަނީ ސުލްހަ އާއި އެއްބާރުލުން،" ޗެންގްގެ ގާތުގައި ޝީ ވިދާޅުވިއެވެ.
ޗެންގް ބުނީ އޭނާ ޗައިނާއަށްކުރި ދަތުރަކީ "ސުލްހައިގެ މިޝަނެއް" ކަމަށެވެ.
"އަހަރެން އެދެނީ ވާހަކަދައްކައިގެން ޗައިނާ އާއި ޓައިވާންގެ ދެމެދުގައި ދިގުދެމިންދާ ގުޅުންތަކެއް އުފެދުން،" އޭނާ ޝީ އަރިހުގައި ދެންނެވިއެވެ.
ޗެންގް ޗައިނާއަށް މި ދަތުރު ކުރީ ޗައިނާ އާއި ޓައިވާނާ ދެމެދު އަސްކަރީ ގޮތުންނާއި ސިޔާސީ ގޮތުން ނުތަނަވަސްކަން ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. ޗައިނާއިން އަބަދުވެސް ބުނަމުންދަނީ ޓައިވާނަކީ ޗައިނާގެ ބައެއް ކަމަށާއި ޗައިނާގެ ބައެއް ކަމަށް ޓައިވާން ހަދަން އަސްކަރީ ބާރު ވެސް ބޭނުންކޮށްފާނެ ކަމަށެވެ.
ކުއޮމިންޓޭންގް ޕާޓީއަކީ 20 ވަނަ ގަރުނުގައި ޗައިނާގައި ވެރިކަންކުރި ޕާޓީއެވެ. ނަމަވެސް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ޗައިނާގެ ވެރިކަން ލިބުމުން ކުއޮމިންޓޭންގް ޕާޓީގެ މެންބަރުން ޓައިވާނަށް ގޮސް ޓައިވާންގައި ވަކި ސަރުކާރެއް ގާއިމުކުރީއެވެ. އެމެރިކާ އާއި ޗައިނާއާ ދެމެދު ނުތަނަވަސްކަން އޮންނަނީ އެމެރިކާއިން ޓައިވާނަށް ތާއީދުކުރާތީއެވެ.



advertisment