Support Us

ހަނގުރާމަ މެދުކަނޑައިލުމުގެ އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް އެމެރިކާ، އީރާން އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުކޮށްފި

ފެބްރުއަރީ 28 ގައި އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން އަންގާރަ ދުވަހު ވި އެއްބަސްވުމާ ހިލާފުވެއްޖެ ކަމަށް، އެމެރިކާ އާއި އީރާނުން އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުކޮށްފިއެވެ.

މި ކަން މި ގޮތަށް މި ދިމާވީ އެމެރިކާ އާއި އީރާނާ ދެމެދު ސުލްހައިގެ ވާހަކަތައް މާދަމާ ޕާކިސްތާންގައި ފަށަން ތައްޔާރުވެފައިވަނިކޮށެވެ.

ދެ ގައުމުން އެއް ގައުމުން އަނެއް ގައުމަށް ތުހުމަތުގެ އިނގިލި ދިއްކުރީ ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ ހުރުމުޒު ކަނޑުއޮޅި (ފޮޓޯ) އީރާނުން ހުރިހާ ގައުމުތަކަށް ހުޅުވައިލި ގޮތަށް ބިނާކޮށާއި އިސްރާއީލުން މިހާރު ވެސް ލުބްނާނަށް ހަމަލާދެމުންދާތީއެވެ.

ހުރުމުޒު ހުޅުވައިލިޔަސް އެ ތަނުން ދަތުރުކުރާ ބޯޓުފަހަރަށް އީރާންގެ އަތުން ހުއްދަ ނަގަން ޖެހޭތީ އާއި އީރާނުން ކަނޑައަޅައި ޝަރުތުތައް ގަބޫލުކުރަން ޖެހުމާއި އަދި ސިޔާސީ ގޮތުން ވެސް އީރާނަށް ފައިދާކުރާ ގޮތަށް ހުރުމުޒުން ދަތުރުކުރާ ބޯޓުފަހަރަށް ދަތުރުކުރުމުގެ ނިޒާމު ހަމަޖެއްސުމުން އެ ކަމާ އެމެރިކާއިން ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

ހުރުމުޒާ ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ ވިދާޅުވީ ހުރުމުޒުން ދަތުރުކުރާ އުޅަނދުފަހަރުގެ "މައްސަލަ"އިގައި އީރާނުން އަމަލުކުރަނީ "ލަދުވެތި" ގޮތަކަށް ކަމަށެވެ.

"މިއީ އަހަރެމެން އެއްބަސްވި ގޮތެއް ނޫން،" އޭނާ ވިދާޅުވިއެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ މެދުކަނޑައިލުމުން އެ ކަމަށް އިހްތިރާމް ކުރުމުގެ ގޮތުން އީރާނުން ވާގިވެރިވާ ލުބްނާންގެ ހިޒްބުﷲ ޖަމާއަތުން އިސްރާއީލަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލިއެވެ. ނަމަވެސް އިސްރާއީލުން އަދިވެސް ދަނީ ލުބްނާނަށް ހަމަލާދެމުންނެވެ. އިސްރާއީލާއި އެމެރިކާއިން ބުނީ ލުބްނާން "މައްސަލަ"، އެމެރިކާ އާއި އީރާނާ ދެމެދުވި ހަނގުރާމަ ހުއްޓައިލުމާ ގުޅޭ އެއްބަސްވުމުގައި ނުހިމެނޭނެ ކަމަށެވެ. މި ކަމާ ގުޅިގެން ހިޒްބުﷲ އާއި އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން ބުނީ ލުބްނާނަށް އިސްރާއީލުން ހަމަލާދެންޏާ މަޑަކުން ނުތިބޭނެ ކަމަށެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ އިސްރާއީލުން ލުބްނާނަށް ހަމަލާދެމުންގެންދަންޏާ އެ ކަން ބެލެވޭނީ އެމެރިކާ އާއި އީރާނާ ދެމެދު ހަނގުރާމަ މެދުކަނޑައިލަންވި އެއްބަސްވުމާ އެމެރިކާއިން ހިލާފުވީ ކަމަށެވެ.

"ލުބްނާންގައި ހިންގަމުންދާ ގާތުލުއާއްމު ދުނިޔެ ދެކެމުން އެ ދަނީ. ބޯޅަ އޮތީ އެމެރިކާގެ ފަޅީގައި. އެމެރިކާއިން އެއްބަސްވި ކަންތައްތަކަށް އެމެރިކާއިން އަމަލުކުރާނެތޯ ދުނިޔެއިން ބަލަމުން ދަނީ،" އޭނާ ވިދާޅުވިއެވެ.

ލުބްނާންގެ ސިއްހީ ވުޒާރާއިން ބުނީ އިސްރާއީލުގެ ހަމަލާތަކުގައި މިހާތަނަށް 1،000 އަށްވުރެ ގިނަ މީހުން މަރުވެ، 4،000 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ލުބްނާންގެ ދެކުނު ސަރަހައްދުން އެއް މިލިއަނެއްހާ މީހުން ގެދޮރު ދޫކޮށްފައި ދާން ޖެހުނު ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *