Support Us

އިސްރާއީލުން އިއްޔެ ލުބްނާނަށް ހަމަލާދީފައި

ލުބްނާނަށް ހަމަލާދެންޏާ މަޑަކުން ނުތިބޭނަން: އައި.އާރް.ޖީ.ސީ، ހިޒްބުﷲ

ލުބްނާނަށް އިސްރާއީލުން އިއްޔެ ދިން ހަމަލާގައި މަދުވެގެން 200 މީހުން މަރުވެ، ހާހެއްހާ މީހުން ޒަހަމްވުމާ ގުޅިގެން، އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ، މަޑަކުން ނުތިބޭނެ ކަމަށް އީރާންގެ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ) އާއި ލުބްނާންގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަން އެއްބަސްވެފައި، ލުބްނާންގެ "މައްސަލަ" އޭގެ ތެރޭގައި ނުހިމެނޭ ކަމަށް އެމެރިކާ އާއި އިސްރާއީލުން ބުންޏެވެ. އަދި ހަނގުރާމަ މެދުކަނޑައިލަން އެއްބަސްވުމުން ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ދެމުންދިޔަ ހަމަލާތައް ހުއްޓައިލުމުން ވެސް ލުބްނާންގެ ދެކުނު ސަރަހައްދު އިސްރާއީލުގެ ސަލާމަތީ ސަރަހައްދަކަށް ހަދަން އިސްރާއީލުން ދަނީ ލުބްނާނަށް ހަމަލާދެމުންނެވެ.

"އަހަރެމެންގެ ލޮބުވެތި ލުބްނާނަށް ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓައިނުލައިފިނަމަ، މުއާހަދާތައް މުގުރާލާ އެމެރިކާއަށާއި އެ މުގުރާލުންތައް ތަންފީޒުކުރާ އެމެރިކާގެ ޒަޔަނިސްޓް އެކުވެރިޔާ (އިސްރާއީލު)އަށް އަހަރެމެން މި ދެނީ ހަރުކަށި އިންޒާރެއް. އެއީ އަހަރެމެންގެ ވާޖިބު އަދާކުރާނެ ކަމާއި ރައްދެއްދޭނެކަން،" އައި.އާރް.ޖީ.ސީން ބުންޏެވެ.

ހިޒްބުﷲއިން ބުނީ އިސްރާއީލުން ދިން ހަމަލާއަށް ރައްދުދިނުމުގެ ހައްގު އެ ޖަމާއަތަށް ލިބިގެންވާ ކަމަށެވެ.

އެ ޖަމާއަތުން ބުނީ އިސްރާއީލުން ދިން ހަމަލާއަކީ އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ ދެ ހަފުތާއަށް މެދުކަނޑައިލަންވި އެއްބަސްވުމާ ހިލާފުވުމެއް ކަމަށާއި އިސްރާއީލުން ލުބްނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްގެންދާނަމަ އެ އެއްބަސްވުމުގެ ކުރިމަގު ބަނަ ކަމަށެވެ.

"އަހަރެމެން ޔަގީންކަން މި ދެނީ ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ލޭ އޮހޮރިގެންދިޔައީ ބޭކާރު ގޮތުގައި ނޫންކަން. ހުރިހާ ބާވަތެއްގެ ހަމަލާތަކާއި ނާތަހުޒީބު ކުށްތައް ފަދައިން، މިއަދުގެ ގަތުލުއާއްމާ ގުޅިގެން އަހަރެމެން ޔަގީންކަން މި އަރުވަނީ (އިސްރާއީލުން) ހިފައިފައިވާ ބިންތައް ހިފައިފައިވުމާ ދެކޮޅަށް އަހަރެމެން ހަރަކާތްތެރިވާނެކަމާއި (އިސްރާއީލުން) ދެމުންދާ ހަމަލާތަކަށް ރައްދުދޭނެކަން،" ހިޒްބުﷲއިން ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *