Support Us

މި ދިޔަ މަހު 24 ގައި އިސްރާއީލުން ޑްރޯނުން ދިން ހަމަލާއެއްގައި ލުބްނާންގެ ސަރުކާރު ހޮސްޕިޓަލެއްގައި މަސައްކަތްކުރާ މުވައްޒަފެއްގެ ފިރިހެން ދަރިފުޅު މަރުވި ހަބަރު ލިބިގެން އެ ހޮސްޕިޓަލްގެ މުވައްޒަފަކު ހިތާމަކުރަނީ

ލުބްނާންގެ ދެކުނު ސަރަހައްދުން މީހުން ހުސްކުރަން އިސްރާއީލުން ސިއްހީ އިންފްރާސްޓްރަކްޗަރު ނެތިކޮށްލަނީ

ލުބްނާންގެ ދެކުނު ސަރަހައްދުން ރައްޔިތުން ބާލާ ހުސްކުރަން އިސްރާއީލުން އެ ސަރަހައްދުގެ ސިއްހީ އިންފްރާސްޓްރަކްޗަރަށް ދޭ ހަމަލާތައް ވަރުގަދަކުރަން ފަށައިފިއެވެ.

ފާޑުކިޔާ ފަރާތްތަކުން ބުނީ މިއީ ޣައްޒާގައި ފަލަސްތީން ނަސްލު ނެތިކޮށްލަން އެ ތަނުން ފަލަސްތީން ރައްޔިތުން ބޭރުކޮށްލައި، ފަލަސްތީން ރައްޔިތުންނަށް ނޫޅެވޭވަރު ކޮށްލަން އިސްރާއީލުން ބޭނުންކުރި އުކުޅު ފަދަ އުކުޅެއް ކަމަށެވެ. އެ ގޮތުން ލުބްނާންގެ ދެކުނު ސަރަހައްދުގައި ދިރިއުޅުނު އެއް މިލިއަނަށްވުރެ ގިނަ މީހުން މިހާރުވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގައި މިއަދުގެ ނިޔަލަށް 1،345 ލުބްނާން ރައްޔިތުންވަނީ މަރުވެފައެވެ.

ލުބްނާންގެ ދެކުނު ސަރަހައްދަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކުރި މި ވީ އެއް މަސް ދުވަސްގެ ތެރޭގައި ވަނީ 53 ސިއްހީ އޮފިސަރުން މަރުވެ، އެމްބިއުލަންސް ހިމެނޭ ގޮތަށް 87 ސިއްހީ މަރުކަޒު ސުންނާފަތިވެފައެވެ.

"މީގެ އިތުރުން ފަސް ހޮސްޕިޓަލް ބަންދުކުރަން ވެސް މަޖުބޫރުވި،" ލުބްނާންގެ ސިއްހީ ވުޒާރާއިން ބުންޏެވެ.

ބައިނަލްއަގުވާމީ ޑޮކްޓަރުންގެ ޖަމިއްޔާ ޑޮކްޓާސް ވިތައުޓް ބޯޑާސްއިން ބުނީ އިސްރާއީލުން ދެމުންދާ ހަމަލާތަކާއި ގެދޮރު ދޫކޮށްދާން ނެރެމުންދާ އަމުރުތަކުގެ ސަބަބުން ސިއްހީ ފަރުވާ ހޯދުމަށް މީހުންނަށް ހުރަސްއެޅެމުންދާ ކަމަށެވެ.

"ހަމަލާތައް ދެނީ ވަކި ނިޒާމެއްގެ ދަށުންކަން ފާހަގަކުރެވޭ. ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް އަހަރެމެންނަށް އޮތް ފުރުސަތު ދަނީ ހަނިވަމުން،" ލުބްނާންގައި ހުންނަ އެ ޖަމިއްޔާގެ ވިލަރެސްކުރުންތެރިޔާ ލަނާ ހާމަދު ބުންޏެވެ.

ލުބްނާނަށް ދެމުންދާ ހަމަލާތައް އިސްރާއީލުން ވަރުގަދަކުރީ ފެބްރުއަރީ 28 އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރައިމައިގެ ތެރެއަށް، ލުބްނާންގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހިޒްބުﷲ ޖަމާއަތުން ވަދެ، އިސްރާއީލަށް އަލުން ހަމަލާދޭން ފެށުމުންނެވެ.

އިސްރާއީލާއި ހިޒްބުﷲއާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް 2024 ގައި ގާއިމުކޮށްފައި އޮތަސް އިސްރާއީލުން އެއަށް މިހާތަނަށް އިހްތިރާމެއް ނުކުރެއެވެ. ނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން މަހެއްހާ ދުވަސް ކުރިން ހަނގުރާމަ ފެށުމުގެ ކުރިން ހިޒްބުﷲއިން ދިޔައީ އެ އެއްބަސްވުމަށް އިހްތިރާމްކުރަމުންނެވެ.

އިސްރާއީލުން ބުނީ މިހާރު ދެމުންދާ ހަމަލާތައް ވަރުގަދަކުރީ ހިޒްބުﷲއިން އިސްރާއީލުގެ އުތުރު ސަރަހައްދަށް ހަމަލާދިނުން ހުއްޓުވައިލުމަށް ލުބްނާންގެ ދެކުނު ސަރަހައްދަކީ އިސްރާއީލުގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ސަރަހައްދަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް ލުބްނާންގެ ރައީސް ޖޯސެފް އައުން މި ދިޔަ މަހު 22 ގައި ވިދާޅުވެފައިވަނީ އިސްރާއީލުގެ ބޭނުމަކީ ލުބްނާން އެއްކޮށް ހިފުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *