Support Us

ލުބްނާންގެ ބްރިޖެއް އިސްރާއީލުން ގޮއްވައިލަނީ

އިސްރާއީލުން މަޑުމަޑުން ލުބްނާން އެއްކޮށް ހިފަން ފަށައިފި

އިސްރާއީލުން މަޑުމަޑުން ލުބްނާން އެއްކޮށް ހިފަން ފަށައިފިއެވެ.

ލުބްނާންގެ ރައީސް ޖޯސެފް އައުން އިއްޔެ ވިދާޅުވީ ލުބްނާންގެ ދެކުނު ސަރަހައްދާ ލުބްނާންގެ އުތުރު ސަރަހައްދާ ގުޅޭ ބްރިޖްތައް އިސްރާއީލުން ގޮއްވައިލަން ފަށައިފި ކަމަށާއި އިންފްރާސްޓްރަކްޗަރަށް ވެސް ގެއްލުން ދޭން ފަށައިފި ކަމަށެވެ.

"މިއީ މުޅި ލުބްނާން ހިފަން އިސްރާއީލުން މަސައްކަތް ފަށައިފިކަން ދައްކައިދޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

ލުބްނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކޮށްފައި އޮތަސް އިސްރާއީލުން އެ އަށް އިހްތިރާމެއް ނުކުރެއެވެ. އީރާނުން ވާގިވެރިވާ، ލުބްނާންގައި ހަރަކާތްތެރިވާ ހިޒްބުﷲއަކީ ޣައިރުގާނޫނީ ޖަމާއަތެއްކަމަށް ލުބްނާނުން ކަނޑައަޅައިފައިވީ ނަމަވެސް މެއެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ މަހު 28 ގައި އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މި މަހު ދޭއްގައި ހިޒްބުﷲ ވެސް ވަނީ މި ހަނގުރައިމައިގެ ތެރެއަށް ވަދެފައެވެ. މި ކަމާ ގުޅިގެން އިސްރާއީލުން ވަނީ ލުބްނާންގެ ދެކުނު ސަރަހައްދުތަކުގެ އިތުރުން ވެރިރަށް ބައިރޫތަށް ވެސް ވައިގެމަގުން ވަރުގަދައަށް ހަމަލާދޭން ފަށައިފައެވެ.

ލުބްނާނަށް އެއްގަމުމަގުން އަރަނީ ކަމަށް އިސްރާއީލުން އިއުލާންކުރީ މި ދިޔަ ހޯމަ ދުވަހުއެވެ. އަދި ކުރިން ވަކިވަކި ތަންތަނަށް ރެއިޑް ޖެހި ނަމަވެސް އެއްގަމުމަގުން ހިންގާ އަސްކަރީ އޮޕަރޭޝަން އިއްޔެ ވަނީ ފުޅާކުރަން ފަށައިފައެވެ.

އިސްރާއީލުން ލުބްނާން އެއްކޮށް ހިފަން މަޑުމަޑުން ފަށައިފައި މި ވަނީ އެ ކަމަށް ހިތްވަރު ލިބޭ ގޮތަށް، ޒަޔަނިސްޓް ހިޔާލަށް ތާއީދުކުރާ ނަސޯރާ ދީނުގެ، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅައިފައި ހުންނަ ސަފީރު މައިކް ހަކަބީ، ލުބްނާން، ސޫރިޔާ، އުރުދުން އަދި ސައުދީ އަރަބިއްޔާއަކީ އިސްރާއީލަށް "ދީނީ ގޮތުން ލިބިދޭ ބިންތަކެއް" ކަމަށް ބުނެފައިވަނިކޮށެވެ. ފުރާތު ކޯރުން އިރާގުން ފެށިގެން ނީލަ ކޯރުން މިސްރާ ހިސާބުގެ ދެމެދުގައިވާ ބިންތައް އިސްރާއީލުން ހިފިޔަސް އެ ކަމާ ދެކޮޅުނުހަދާނެ ކަމަށް އޭނާ މި ދިޔަ މަހު 20 ގައި ބުނެފައިވެއެވެ.

ލުބްނާންގެ ލައިތަނީ ކޯރުގެ މަތިން ހަދައިފައިވާ ހުރިހާ ބްރިޖެއް ނައްތައިލަން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާއީ ވަޒީރު އިސްރާއީލު ކަޓްޒް މިހާރު ވަނީ އަމުރުކޮށްފައެވެ. ބޭނުމަކީ ބަފަރު ޒޯނެއް ގާއިމުކޮށް އިސްރާއީލުގެ އުތުރު ސަރަހައްދުތަކަށް ހިޒްބުﷲއިން ކުރު ރާސްތާގެ ރޮކެޓް ފޮނުވައިނުލެވޭނެ ގޮތް ހެދުމެވެ.

"މިއީ އަދި މި އަސްކަރީ އޮޕަރޭޝަންގެ ފެށުން. މި އޮޕަރޭޝަން ދިގުދެމިގެންދާނެ،" އިސްރާއީލުގެ އަސްކަރީ ވެރިޔާ އިޔާލު ޒަމީރު ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ ދުރު ރާސްތާގެ މިސައިލް އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކަށް ފޮނުވުން ހިޒްބުﷲއިން ނުހުއްޓައިފިނަމަ ލުބްނާންގެ އުތުރަށް ވެސް އަރާނެ ކަމަށެވެ.

ބައިރޫތުގެ ދެކުނު ސަރަހައްދާއި ލުބްނާންގެ ދެކުނު ސަރަހައްދުގައިވާ 100 އަށްވުރެ ގިނަ ވިލެޖު ދޫކޮށް ދިއުމަށް އެ ތަންތަނުގެ ވަޒަންވެރިންނަށް އިސްރާއީލުން ވަނީ އަންގައިފައެވެ. މިއީ މިހާތަނަށް މިހާ ގިނަ އަދަދަކަށް ގެދޮރު ދޫކޮށްދާން ލުބްނާން ރައްޔިތުންނަށް ޖެހުނު ފުރަތަމަ ފަހަރެވެ. އެ ގޮތުން ލުބްނާންގެ އެއް މިލިއަން މީހުން ނުވަތަ ގާތްގަނޑަކަށް 20 ޕަސެންޓް މީހުން މިހާރު ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

މި މަހު ދޭއްގައި ހިޒްބުﷲއިން އީރާން ހަނގުރައިމައިގެ ތެރެއަށް ވަނުމާއެކު އިސްރާއީލުން މިހާތަނަށް ދިން ހަމަލާތަކުގައި ލުބްނާންގެ 1،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އަދި 2،700 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *