Support Us

މެދުއިރުމަތީގެ ބޮޑު ބައެއް އިސްރާއީލަށް ނެގިޔަސް މައްސަލައެއް ނެތް: އެމެރިކާ

ފުރާތު ކޯރުން އިރާގުން ފެށިގެން ނީލަ ކޯރުން މިސްރާ ހިސާބުގެ ދެމެދުގައިވާ ބިންތައް އިސްރާއީލުން ހިފިޔަސް އެ ކަމާ ދެކޮޅުނުހަދާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ޒަޔަނިސްޓް ހިޔާލަށް ތާއީދުކުރާ ނަސޯރާ ދީނުގެ، އެމެރިކާއިން އިސްރާއީލަށް ކަނޑައަޅައިފައި ހުންނަ އެމްބެސެޑަރު މައިކް ހަކަބީ (ފޮޓޯ) އިއްޔެ ބުނީ ލުބްނާން، ސޫރިޔާ، އުރުދުން އަދި ސައުދީ އަރަބިއްޔާއަކީ އިސްރާއީލަށް "ދީނީ ގޮތުން ލިބިދޭ ބިންތަކެއް" ކަމަށެވެ.

"އިސްރާއީލުން އެ ހުރިހާ ބިމެއް ނެގިޔަސް މައްސަލައެއް ނެތް،" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި ދިޔަ އަހަރު މަގާމު ދެއްވި ހަކަބީ ބުންޏެވެ.

އޭނާ ބުނީ މެދުއިރުމަތީގެ ގައުމުތަކުން އިސްރާއީލަށް ހަމަލާދީ، އިސްރާއީލު އެ ހަނގުރާމައިން މޮޅުވެއްޖެނަމަ "އެއީ މުޅިން އެހެން ބަހުސެއް" ކަމަށެވެ.

ގަދަބާރުން ބިން އަތުލުމަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ފަހުން ބައިނަލްއަގުވާމީ ގާނޫނުގައި މަނާކޮށްފައިވާ ކަމެކެވެ.

ބައިނަލްއަގުވާމީ މުޖުތަމައުގައި އިންސާފު ގާއިމުކުރާ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން 2024 ގައި ހުކުމް ކޮށްފައިވަނީ ފަލަސްތީންގެ ބިންތައް އިސްރާއީލުން ހިފައިގެން ތިބުމަކީ ގާނޫނާ ހިލާފު އަމަލެއް ކަމަށެވެ. އަދި ވަގުތުން ފައިބަން ގޮވައިލިއެވެ.

ހަކަބީ ބުނީ އިސްރާއީލުގެ މިނިވަން ދައުލަތެއް އޮތުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ނަމަވެސް ހަމަ އެ ގާނޫނު ނަގަހައްޓާ މުއައްސަސާތައް އިސްރާއީލުން ހިންގާ ޖަރީމާތަކާ ދެކޮޅުހަދާތީ ހަކަބީ އެ މުއައްސަސާތަކަށް ފާޑުކިޔެވެ.

އޭނާ ބުނީ އައި.ސީ.ޖޭ އާއި ބައިނަލްއަގުވާމީ ޖިނާއީ ކޯޓް ކަމަށްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) ބަދަލުވެފައިވަނީ ހަމަހަމަކަމާއެކު އަމަލުނުކުރާ މުއައްސަސާތަކަކަށް ކަމަށާއި މިހެންވެ ޓްރަމްޕް އާއި އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އެ ދެ ކޯޓާ ދެކޮޅަށް މަސައްކަތްކުރާތީ "ވަރަށް ބޮޑަށް ޝުކުރުވެރިވާ" ކަމަށެވެ.

މެދުއިރުމަތި ދިރާސާކުރާ ފަރާތްތަކާއި ފަލަސްތީންގެ ހައްގުތަކަށް ވަކާލާތްކުރާ ފަރާތްތަކުން ބުނީ ހަކަބީ އެ ފަދަ ވާހަކަތަކެއް ދެއްކުމުން އިސްރާއީލުން އެހެން ގައުމުތައް ހިފުމަށް ހިތްވަރު ލިބޭ ވިސްނުން ޕްރޮމޯޓްވާނެ ކަމަށާއި ބައިނަލްއަގުވާމީ ގާނޫނާއި ޑިޕްލޮމެޓިކް ގުޅުންތައް ހީނަރުވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން ބުނީ ހަކަބީގެ ވާހަކަތަކުން ހާމަވީ އިސްރާއީލުގެ ބޯޑަރާމެދު ހިޔާލު ތަފާތުވެފައިވާ ކަމަށެވެ. އަދި ސިޔާސީ ކަންކަމުގައި ދީން ހަތިޔާރެއް ގޮތަށް ބޭނުންކުރުމާއި އެމެރިކާގެ މެދުއިރުމަތީ ސިޔާސަތާމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތައް ވެސް ހާމަވި ކަމަށެވެ.

އިސްރާއީލުގެ ގާނޫނުތަކުގައި އެ ގައުމުގެ އިންތަކެއް ކަނޑައަޅައިފައެއް ނުވެއެވެ. އަދި 1981 ގައި ވަނީ ސޫރިޔާގެ ޖޫލާން އުސްބިންތައް ވެސް ހިފައިފައެވެ. ޖޫލާން އުސްބިންތަކަކީ އިސްރާއީލުގެ ތަނެއް ކަމަށް ގަބޫލުކުރާ ހަމައެކަނި ގައުމަކީ އެމެރިކާއެވެ.

ހިޒްބުﷲއާ ހަނގުރާމަ ކުރުމަށްފަހު 2024 ގައި އިސްރާއީލުން ވަނީ ލުބްނާންގައި ފަސް އަސްކަރީ މަރުކަޒު ގާއިމުކޮށްފައެވެ.

އިސްރާއީލުގެ ބޯޑަރު ފުޅާކޮށް "ގްރޭޓާ އިސްރާއީލު" ގާއިމުކުރުމުގެ ހިޔާލު އިސްރާއީލުގެ ބައެއް ސިޔާސީ ފަރާތްތައް ޕްރޮމޯޓްކުރެއެވެ. އޭގެ ތެރޭގައި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހިމެނެއެވެ.

ފަލަސްތީންގެ ބިންތަކާއި ލުބްނާންގެ ބައެއް ސަރަހައްދުތަކާއި ސޫރިޔާ އަދި އުރުދުންއަކީ އިސްރާއީލުގެ ބައެއް ކަމަށް ކުރަހާފައިވާ ޗާޓެއް އިސްރާއީލު ދިދައިގެ ކުލަތަކާއެކު ދައްކުވައިފައިވާ ކުރެހުމެއް ބަހައްޓައިގެން 2023 އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ދިން ތަގުރީރެއްގެ ސަބަބުން ބައިނަލްއަގުވާމީ މުޖުތަމައުގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *