އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފަށައިފައިވާ ހަނގުރާމަ ދެވަނަ މަހަކަށް އެޅުނުއިރު ހަނގުރާމަ ހުއްޓައިލުމާ ގުޅޭ ގޮތުން އެމެރިކާއާއެކު ޑީލެއް ހަދަން އީރާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް ގޮވައިލައްވައިފިއެވެ.
"މިއީ ލަސްނުވަނީސް ޑީލެއް ހަދަން އީރާނަށް އޮތް ވަގުތު. އެއީ، ގަދަ ގައުމަކަށް ވާން އީރާނަށް އަދިވެސް ފުރުސަތު އޮއްވައި،" ޓްރަމްޕް (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
ޓްރަމްޕްގެ ގޮވައިލެއްވުމަށް އީރާނުން އަދި ވަކި އެއްޗެއް ނުބުނެއެވެ.
އެމެރިކާގެ ހާރިޖިއްޔާއިން އިއްޔެ ބުނީ އީރާނާ ދެކޮޅަށް ހަނގުރާމަ ކުރިއަށްގެންދިޔަ ނަމަވެސް ޑިޕްލޮމެޓިކް ހައްލެއް އެމެރިކާއިން އަދިވެސް ބޭނުންވާ ކަމަށެވެ.
"ޓްރަމްޕް އެންމެ އިސްކަން ދެއްވަނީ ޑިޕްލޮމެޓިކް ހައްލަކަށް،" ހާރިޖިއްޔާގެ ތަރުޖަމާނެއް ކަމަށްވާ ޓޮމީ ޕިގޮޓް ބުންޏެވެ.
އީރާނުން އެމެރިކާއާއެކު ޑީލެއް ނުހަދައިފިނަމަ އީރާންގެ އާއްމު އިންފްރާސްޓްރަކްޗަރަށް ގެއްލުންދޭނެ ކަމަށް އެމެރިކާއިން އިންޒާރުދިނެވެ. އެ ގޮތުން އީރާންގެ ބްރިޖްތަކާއި އިންޖީންގެތަކާއި ފެން ޕްލާންޓްތަކަށް ހަމަލާދޭނެ ކަމަށް އެމެރިކާއިން ބުންޏެވެ.
އީރާން "ސްޓޯން އޭޖް" ނުވަތަ ލަފުޒީ މާނައިން "ހިލައިގެ ޒަމާނަ"ކަށް ފޮނުވައިލައިނެ ކަމަށް ޓްރަމްޕް ވިދާޅުވުމަށްފަހު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އެމެރިކާއިން ވަނީ އީރާންގެ މައި ބްރިޖަކަށް ހަމަލާދީފައެވެ. އެ ބްރިޖަކީ އީރާންގައި ހަތިޔާރު އުފައްދަން ބޭނުންވާ ސާމާނު ގެންދާ މަގެއް ކަމަށް އެމެރިކާއިން ބުންޏަސް އީރާނުން ބުނީ އެއީ އާއްމުންގެ ބޭނުމަށް ހަދައިފައިވާ ބްރިޖެއް ކަމަށެވެ.
އީރާނާ ދެކޮޅަށްކުރާ ހަނގުރާމައަށް ކަށަވަރު ހައްލެއް ޓްރަމްޕް ސާފުކޮށްނުދެއްވައިތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވެސް ވަނީ މައްޗަށް ގޮސްފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 107 ޑޮލަރު (1،649ރ.)ގައި ކަމަށްވީއިރު މިއަދު ހުރީ 109 ޑޮލަރު (1،680ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.
އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ އިއްޔެއާ ތަފާތެއް ނޫނެވެ. އަލްޖަޒީރާއިން މިއަދު ގެނެސްދިން އަދަދުތައް ތިރީގައި މި ވަނީއެވެ:
- އީރާން – 1،937
- އިސްރާއީލު – 24
- އެމެރިކާ (ސިފައިން) – 13
- ލުބްނާން – 1،318
- އިރާގު – 108
- ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12
- ކުވައިތު – 7
- ބަހްރައިން – 3
- އުމާން – 3
- ސައޫދީ އަރަބިއްޔާ – 2



advertisment