Support Us

އީރާނާ ބެހޭ ދޮގު މައުލޫމާތު ގަބޫލު ނުކުރުމަށް އެމެރިކާގެ ރައްޔިތުންނަށް އީރާންގެ ރައީސް ގޮވައިލައްވައިފި

އީރާނާ ބެހޭ ދޮގު މައުލޫމާތު ގަބޫލު ނުކުރުމަށް، ހުޅުވައިލެވިފައިވާ ސިޓީއެއްގައި އީރާންގެ ރައީސް މަސްއޫދު ފަޒަޝްކިއަން އެމެރިކާގެ ރައްޔިތުންނަށް ގޮވައިލައްވައިފިއެވެ.

ފެބްރުއަރީ 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިގެން މިހާރު ވެސް ކުރިއަށްދާއިރު، އީރާންގެ ދައުލަތުގެ މީޑިއާ ޕްރެސް-ޓީވީން އިއްޔެ ބްރޯޑްކާސްޓްކުރި ސިޓީގައި ފަޒަޝްކިއަން (ފޮޓޯ) ވިދާޅުވީ އީރާނާ ބެހޭ ގޮތުން އޮޅުންބޮޅުން ހިމެނޭ މައުލޫމާތާއި ދޮގު ވާހަކަތައް ހަދަހަދައިގެން ފަތުރަމުންދާ ކަމަށެވެ.

"(އީރާނާ ދެކޮޅަށްކުރާ ހަނގުރާމައިން) އެމެރިކާގެ ރައްޔިތުންނަށް ސީދާ ފައިދާކުރާ ކަންތައްތަކަކީ ހަގީގަތުގައި ކޮބައިތޯ؟" އޭނާ ސުވާލު އުފެއްދެވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ނުވަތަ ލަފުޒީ މާނައިން "ފުރަތަމަ އެމެރިކާ" ސިޔާސަތަކީ އެމެރިކާގެ ސަރުކާރުން ހަގީގަތުގައި މިހާރު އިސްކަންދޭ ކަންތައްތައްތޯ ފަޒަޝްކިއަން ސުވާލުކުރެއްވިއެވެ.

"މައުސޫމް ކުޑަކުދިންނާ ދެކޮޅަށް ގަތުލުއާއްމު ހިންގުމާއި ކެންސަރު ބައްޔަށް ބޭސް ދޭ ފާމަސީ މަރުކަޒުތައް ސުންނާފަތިކޮށްލުމާއި ބޮންއަޅައިގެން 'ސްޓޯން އޭޖް’އަށް ގައުމެއް ފޮނުވައިލައިނެ ކަމަށް (ޓްރަމްޕް) ފޮނިކެނޑުމުން، ދުނިޔޭގައި އޮތް އެމެރިކާގެ ހައިބަތު ގެއްލުން ނޫން މަގުސަދެއް ހާސިލުވާނެބާ؟" ފަޒަޝްކިއަން ސުވާލުކުރެއްވިއެވެ.

ސްޓޯން އޭޖަކީ މީގެ 3.3 މިލިއަން އަހަރު ކުރިން އާލާތްތަކާއި ހަތިޔާރު ހިލައިންނާއި ކަށްޓާއި ލަކުޑިން ހަދައިގެން އުޅުނު ޒަމާނެވެ. އަލިފާން ބޭނުންކޮށްގެން ކަންތައްތައް ކުރުމުގެ ކުޅަދާނަކަން ހޯދި އެ ޒަމާން ނިމުމަކަށް އައީ އީސާގެފާނު އުފަންވެ ވަޑައިގަތުމުގެ 4،000 އަހަރު ކުރިންނެވެ. މިހެންވެ ސްޓޯން އޭޖަކީ އިންސާނީ ޓެކްނޮލޮޖީގެ އެންމެ ދިގު ޒަމާނެވެ. އެއީ އިންސާނީ ޓެކްނޮލޮޖީގެ ތާރީހުގެ 99 ޕަސެންޓް ހިއްސާކުރި ޒަމާނެވެ. އެ ޒަމާން ނިމުމަކަށް އައީ އާލާތްތަކާއި ހަތިޔާރު މައުދަނުން އުފައްދަން ފެށުމުންނެވެ.

އީރާނަކީ އެހެން ގައުމުތަކަށް އޮތް ބިރެއް ކަމަށް ބުނާ ބުނުން ފަޒަޝްކިއަން ދޮގުކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވީ އެމެރިކާ އާއި އެހެން ގައުމުތަކާ ގުޅިގެން އީރާނުން އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ގުޅޭ ވާހަކަތައް ކުރިއަށްގެންދިޔަ ކަމަށާއި ނަމަވެސް އެ ކަން ކުރިއަށް ދަނިކޮށް ވެސް އީރާނަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ދެ ފަހަރު ހަމަލާދީފައިވާކަމެވެ. އެއީ މި ދިޔަ އަހަރު ޖޫންގައި 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމަ އާއި މިހާރު ކުރިއަށްގެންދާ ހަނގުރާމައެވެ.

ފަޒަޝްކިއަން ވިދާޅުވީ އީރާންގެ ހަކަތަ އާއި ސިނާއީ މަރުކަޒުތައް ހިމެނޭ ގޮތަށް، އީރާންގެ އަސާސީ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަކީ ސީދާ އީރާންގެ ރައްޔިތުން އަމާޒުފަތްގަނޑަކަށް ހެދުން ކަމަށެވެ. މިއީ ހަނގުރައިމައިގެ ޖަރީމާއެއްގެ އިތުރުން މި ފަދަ ހަމަލާތަކުގެ އަސަރު އީރާނަށްވުރެ ދުރަށް ފޯރާނެ ކަމަށް ވިދާޅުވިއެވެ.

ފަޒަޝްކިއަންގެ ހުޅުވައިލެވިފައިވާ ސިޓީ އީރާނުން ހާމަކުރީ ޓްރަމްޕް އެންމެ ފަހުން އީރާނަށް ބިއްރުދެއްކިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. ޓްރަމްޕް އިއްޔެ ވިދާޅުވީ ހުރުމުޒު ކަނޑުއޮޅި ހުރިހާ ގައުމަކަށް އީރާނުން ހުޅުވައިނުލައިފިނަމަ "އީރާން އެއްކޮށް ސުންނާފަތިކޮށްލާނެ" ކަމަށާއި "އީރާން އަނބުރައި ސްޓޯން އޭޖަށް ފޮނުވައިލައިނެ" ކަމަށެވެ.

ޓްރަމްޕް އަނެއްކާވެސް ވިދާޅުވީ ހަނގުރާމަ ހުއްޓައިލަން އީރާނުން އިސްވެ އެދިފައިވާ ކަމަށެވެ. ނަމަވެސް އީރާނުން އެ ކަން ދޮގުކުރިއެވެ.

އީރާން ސްޓޯން އޭޖަށް ފޮނުވައިލައިނެ ކަމަށް ޓްރަމްޕް ވިދާޅުވުމުން އޭގެ މާނައަކީ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އެމެރިކާ-އިސްރާއީލު އިއްތިހާދުން މިހާރަށްވުރެ ވަރުގަދަކުރާނެ ކަމަށް ބެލެވޭތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިއްޔެ ދަށުގައި ހުރެފައި މިއަދު ވަނީ މައްޗަށް ޖެހިފައެވެ. ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ ހުރީ 98 ޑޮލަރު (1،511ރ.)ގައި ކަމަށް ވީއިރު މިއަދު ހުރި އަގަކީ 107 ޑޮލަރު (1،649ރ.)އެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ ތިރީގައި މި ވަނީއެވެ:

  • އީރާން – 1،937
  • އިސްރާއީލު – 24
  • އެމެރިކާ (ސިފައިން) – 13
  • ލުބްނާން – 1،318 (އިއްޔެ 1،268)
  • އިރާގު – 108 (އިއްޔެ 106)
  • ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 12
  • ކުވައިތު – 7
  • ބަހްރައިން – 3
  • އުމާން – 3
  • ސައޫދީ އަރަބިއްޔާ – 2

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *