Support Us

އެމެރިކާގެ އަސްކަރީ މަނަވަރު ޔޫ.އެސް.އެސް އެބްރަހަމް ލިންކަންއިން ހަނގުރާމަމަތީ ޖެޓެއް ނައްޓައިލަން މި މަހު 22 ގައި ތައްޔާރުވަނީ

ޓްރަމްޕް ބޭނުންވަނީ އަރަބި ގައުމުތަކުން އީރާން ހަނގުރައިމައިގެ ހަރަދާ ހަވާލުވާން

އެމެރިކާ-އިސްރާއީލު އިއްތިހާދުން މި ދިޔަ މަހު 28 ގައި އީރާނާ ދެކޮޅަށް ފަށައިފައިވާ ހަނގުރައިމައިގެ ހަރަދާ ހަވާލުވާން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޭނުންވެ ވަޑައިގަންނަވަނީ އަރަބި ގައުމުތަކުން ކަމަށް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއިން ބުނެފިއެވެ.

އިރާގުން ކުވައިތަށް އެރުމުން 1990 ގައި އެމެރިކާއާ އެތައް ގައުމުތަކަކުން ގުޅިގެން ކުވައިތުން އިރާގު ސިފައިން ބޭލުވި ހަނގުރައިމައިގެ ވެސް ހަރަދުތަކާ އަރަބި ގައުމުތަކާއި އެމެރިކާގެ ރަހްމަތްތެރި ގައުމުތަކުން ހަވާލުވި ފައިދާއިން ޓްރަމްޕް ވެސް ބޭނުންވެ ވަޑައިގަންނަވަނީ އަރަބި ގައުމުތަކުން އީރާން ހަނގުރައިމައިގެ ހަރަދާ ހަވާލުވާން ކަމަށް ވައިޓް ހައުސްގެ ތަރުޖަމާނު ކެރަލައިން ލެވިޓު އިއްޔެ ބުންޏެވެ.

"އެއީ ޓްރަމްޕް ގެންގުޅުއްވާ ހިޔާލެއްކަން އަހަރެންނަށް އެނގޭ. އޭގެ ވާހަކަ އަދި އިތުރަށް ޓްރަމްޕްގެ ފަރާތުން އިވިގެންދާނެ،" ލެވިޓު ބުންޏެވެ.

އިރާގު ސިފައިން ކުވައިތުން ބޭރުކޮށްލަން އެމެރިކާގެ އެހީއަށް އެދުނީ ކުވައިތާއި ކުވައިތުގެ ގިނަ އަދަދެއްގެ އަވަށްޓެރި އަރަބި ގައުމުތަކެވެ. އަދި އެ އޮޕަރޭޝަންގެ ހަރަދުތަކަށްޓަކައި ޖަރުމަނާއި ޖަޕާން ފަދަ އެމެރިކާގެ ރަހްމަތްތެރި ގައުމުތައް ވެސް އެއިރު 54 ބިލިއަން ޑޮލަރު (834 ބިލިއަން ރުފިޔާ) އެމެރިކާއަށް ހޯދައިދީފައިވެއެވެ. މިހާރުގެ އަދަދަށް ބަލައިފިނަމަ އެއީ 134 ބިލިއަން ޑޮލަރު (2،070 ބިލިއަން ރުފިޔާ)އެވެ.

މި ފަހަރު ތަފާތީ މެދުއިރުމަތީގެ ގައުމުތަކާއި އެމެރިކާ އާއި އިސްރާއީލުގެ ރަހްމަތްތެރި ގައުމުތަކާ ނުގުޅި އެމެރިކާ އާއި އިސްރާއީލުން އަމިއްލަ އަމިއްލައަށް އީރާނާ ހަނގުރާމަ ފެށުމެވެ.

ޓްރަމްޕާ ގާތް މީހުން ބުނަނީ އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފަށައިފައިވާ ހަނގުރައިމައިގެ ޖުމްލަ ހަރަދު އެމެރިކާއަށް ދޭން ޖެހޭނީ އީރާނުން ކަމަށާއި އެ އަގު އީރާނުން ދޭން ޖެހޭނީ އީރާންގެ ތެލުން ކަމަށެވެ. އީރާނުން ބުނެފައިވަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެސެޓްތަކަށް އީރާނުން ދޭ ހަމަލާތައް ހުއްޓައިލައިނީ އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފަށައިފައިވާ ހަނގުރައިމައިގައި އީރާނަށް ލިބުނު ގެއްލުންތަކުގެ ބަދަލު އެމެރިކާއިން އީރާނަށް ދިނުމުން ކަމަށެވެ.

އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރައިމައިގެ ފުރަތަމަ ހަ ދުވަހު ހަނގުރާމައަށް އެމެރިކާއިން 11 ބިލިއަން ޑޮލަރު (169 ބިލިއަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ. އަދި ހަނގުރާމައަށް 12 ދުވަސް ވީއިރު 16 ބިލިއަން ޑޮލަރު (247 ބިލިއަން ރުފިޔާ) ހަނގުރާމައަށް ހަރަދުކޮށްފައިވެއެވެ.

އެމެރިކާ ސަރުކާރުން މިހާރު ވެސް ދަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކިބައިން 200 ބިލިއަން ޑޮލަރު (3،090 ބިލިއަން ރުފިޔާ) އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް ހަރަދުކުރުމަށް ހޯދުމަށް މަސައްކަތްކުރަމުންނެވެ.

އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ފަށައިފައިވާ ހަނގުރާމަ މިހާރު މެދުއިރުމައްޗަށް ފެތުރި، ހަނގުރާމަ ހޫނުވަމުންދިޔަ ނަމަވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވަނީ އެއް ޑޮލަރު ދަށަށް ގޮސްފައެވެ. އެ ގޮތުން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު އިއްޔެ 116 ޑޮލަރު (1،788ރ.)ގައި ހުރިއިރު މިއަދު ހުރީ 115 ޑޮލަރު (1،773ރ.)ގައެވެ. އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ. އަދި ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް ދިޔައީ 119 ޑޮލަރު (1،834ރ.)އަށެވެ.

އެމެރިކާ-އިސްރާއީލު އިއްތިހާދުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުން މެދުއިރުމައްޗަށް މިހާރު ފެތުރިފައިވާ ހަނގުރައިމައިގައި މެދުއިރުމަތީގެ އެކި ގައުމުތަކުން މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމަ ތިރީގައި މި ވަނީއެވެ:

  • އީރާން – 1،937
  • އިސްރާއީލު – 20 (އިއްޔެ 19)
  • އެމެރިކާ (ސިފައިން) – 13
  • ލުބްނާން – 1،238 (އިއްޔެ 1،116)
  • އިރާގު – 100 (އިއްޔެ 96)
  • ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ) – 11
  • ކުވައިތު – 7 (އިއްޔެ 6)
  • ބަހްރައިން – 3
  • އުމާން – 3
  • ސައޫދީ އަރަބިއްޔާ – 2

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *