އީރާނާ ދެކޮޅަށް މި ދިޔަ މަހު 28 ގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ފެށި ހަނގުރާމަ މަސްތަކަކަށް ދެމިގެން ނުދާނެ ކަމަށާއި ހަފުތާތަކެއްގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އެމެރިކާއިން އަނެއްކާވެސް ބުނެފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ ހަނގުރާމަ މަހަކަށް ދެމިގެން ނުދާނެ ކަމަށެވެ. ނަމަވެސް ހަނގުރާމައަށް މަހެއްވާން ކައިރިވެފައިވާއިރު ހަނގުރާމަ އަދިވެސް ދަނީ ކުރިއަށެވެ.
"އީރާނާ ދެކޮޅަށް އަހަރެމެން ފަށައިފައިވާ އަސްކަރީ އޮޕަރޭޝަން ހަފުތާތަކެއްގެ ތެރޭގައި ނިންމައިލެވޭނެ ކަމަށް އަހަރެމެން އުއްމީދުކުރަނީ. މަސްތަކަކަށް ދެމިގެނެން ނުދާނެ،" އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ (ފޮޓޯ)، ގްރޫޕް އޮފް ސެވަން (ޖީ-7)ގެ ގައުމުތަކުގެ ބައްދަލުވުމަކަށްފަހު އިއްޔެ ވިދާޅުވިއެވެ.
އެއްގަމުމަގުން އެމެރިކާ އާއި އިސްރާއީލު ސިފައިން އީރާނަށް ނައިރައި ވެސް އީރާނާ ދެކޮޅަށްކުރާ ހަނގުރައިމައިގެ މަގުސަދުތައް ފުރިހަމަކުރުމަށްފަހު، ހަނގުރާމަ ނިންމައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ފަސްބައިކުޅަ އެއްބައި ތެޔޮ ދަތުރުކުރާ، އީރާންގެ ބާރުގެ ދަށުގައި އޮންނަ ހުރުމުޒު ކަނޑުއޮޅި ހުރަސްކުރާ އުޅަނދުފަހަރުން ޓޯލް ނަގާނެ ކަމަށް އީރާނުން މިހާރު ބުނާތީ ރުބިއޯ ވިދާޅުވީ އެއީ "ގާނޫނާ ހިލާފު، ގަބޫލުނުކުރެވޭނެ އަދި ދުނިޔެއަށް ނުރައްކާތެރި" ކަމެއް ކަމަށެވެ. އިގުތިސާދީ ގޮތުން ބާރުގަދަ ޖީ-7 ގައި ހިމެނޭ ހަތް ގައުމު ކަމަށްވާ ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި އެމެރިކާ ވެސް ހިމެނޭ ގޮތަށް، އޭގެ ތެރެއިން ގިނަ ގައުމުތަކުން އީރާންގެ އެ ނިންމުމާ ދެކޮޅު ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށްކުރާ ހަނގުރައިމައިގައި އެމެރިކާ-އިސްރާއީލު އިއްތިހާދުން ހާސިލުކުރަން ބޭނުންވާ އަސްކަރީ އަމާޒުތައް ހާސިލުކުރެވުމަށްފަހު ހަނގުރާމަ ނިންމައިލެވުނަސް ހުރިހާ ގައުމަކަށް ހުރުމުޒު ހުޅުވައިލައިފައި ބޭއްވުންވާނީ ގޮންޖެހުމަކަށް ކަމަށް ރުބިއޯ ވިދާޅުވިއެވެ. މިހެންވެ ހަނގުރާމަ ނިންމައިލުމަށްފަހު ހުރުމުޒު ހުޅުވައިލައިފައި ބޭއްވުމަށް ޕްލޭނެއް ރޭވުމަށް ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އީރާންގައި ތަފާތު ހިދުމަތްތައް ދޭ އިސްލާމީ އިންގިލާބީ ލަޝްކަރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯ (އައި.އާރް.ޖީ.ސީ)އިން އިއްޔެ ބުނީ ހުރުމުޒުން ދަތުރުކުރަން އުޅުނު ތިން ބޯޓު އަނބުރާ ފޮނުވައިލި ކަމަށާއި އީރާންގެ ދުޝްމިން ގައުމުތަކަށް ދަތުރުކުރާ އަދި އެ ގައުމުތަކުން އެހެން ގައުމުތަކަށް ދަތުރުކުރާ އުޅަނދުފަހަރަށް ވެސް ހުރަސްއަޅާނެ ކަމަށެވެ.
އީރާނުން އެމެރިކާއާ ސުލްހަވާން ބޭނުންވާ ކަމަށް ޓްރަމްޕް ވިދާޅުވާ ވިދާޅުވުން މިހާރު އިތުބާރު ނުކުރެވޭ ވިދާޅުވުމަކަށްވާތީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ވެސް މައްޗަށް ގޮސް، މިހާރު ހުރީ ހަނގުރާމަ ފެށި ފަހުން އެންމެ މައްޗަށް އެރި އަގުގައެވެ. އެއީ ތެޔޮ ފީފާއެއްގެ އަގު 114 ޑޮލަރު (1،757ރ.)ގައެވެ. ހަނގުރާމަ ފެށުމުގެ ކުރިން ހުރީ 71 ޑޮލަރު (1،094ރ.)ގައެވެ.
އީރާނާ ދެކޮޅަށް އެމެރިކާ-އިސްރާއީލު އިއްތިހާދުން ކުރަމުންދާ ހަނގުރައިމައިގައި މަރުވަމުންދާ މީހުންގެ އަދަދު އެކި މީޑިއާތަކުން ރިޕޯޓްކުރަނީ އެކި ގޮތަށް ކަމަށްވާއިރު ކޮންމެ ދުވަހަކު އެ އަދަދުތަކުގެ އަދާހަމަ ގެނެސްދޭ ގަތަރުގެ ހަބަރު ފަތުރާ އެޖެންސީ އަލްޖަޒީރާއިން މިއަދު ގެނެސްދީފައިވާ އަދާހަމައަށް ބަލާއިރު އިއްޔެއާ ތަފާތެއް ނޫނެވެ. އެ ގޮތުން އީރާނުން ޝަހީދުވި މީހުންގެ އަދަދު ހުރީ 1،937 ގައެވެ.
އިސްރާއީލުން މިހާތަނަށް މަރުވީ 19 މީހުން ކަމަށްވާއިރު އެމެރިކާގެ 13 ސިފައިން މަރުވެފައިވެއެވެ.
ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އެސެޓްތަކަށާއި ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ދެމުންދާ ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން 11 މީހުން، ކުވައިތުން ހަ މީހުން، އުމާނުން ތިން މީހުން، ބަހްރައިނުން ތިން މީހުން އަދި ސައޫދީ އަރަބިއްޔާއިން ދެ މީހުން މަރުވެފައިވެއެވެ.



advertisment