އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން ހޮނިހިރު ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތައް "ހަތަރު ހަފުތާއަށް ދެމިގެން ހިނގައިދާނެ" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ވިދާޅުވެއްޖެއެވެ.
"އަހަރެމެން ބޭނުންވާ ހުރިހާ އަމާޒެއް ހާސިލުކުރެވެންދެން ހަމަލާތައް ކުރިއަށްގެންދާނަން. އަހަރެމެންގެ ވަރަށް ވަރުގަދަ އަމާޒުތަކެއްވޭ. މި ވަގުތު ވެސް ފުރިހަމަ ބާރުގައި ވަރުގަދަ ހަމަލާތައް ދެމުން މި ދަނީ. އީރާނަކީ ބޮޑު ގައުމެއް. އެހެންކަމުން ހަތަރު ހަފުތާ ނުވަތަ އެއަށްވުރެ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަނގުރާމަ ހުއްޓިދާނެ. މި ހަމަލާތަކަކީ ޝެޑިއުލްކޮށްފައިވާ ވަގުތުގެ ކުރިން ދޭން ފެށި ހަމަލާތަކެއް،" ޓްރަމްޕް ވިދާޅުވިއެވެ.
އީރާނަށް ދޭ ހަމަލާތަކުގައި ބައިވެރިވެދާނެކަމުގެ އިޝާރާތެއް އިނގިރޭސި ވިލާތާއި ފްރާންސާއި ޖަރުމަނުން މިހާރު ވަނީ ދީފައެވެ. ގުޅިފައިވާ ބަޔާނެއްގައި އެ ތިން ގައުމުން ބުނީ ކޮންމެހެން ކުރަން ޖެހިއްޖެނަމަ އެ ގައުމުތަކާއި އެ ގައުމުތަކާ ރަހްމަތްތެރި ގައުމުތަކުގެ އަރަނިތައް ރައްކާތެރިކުރަން އީރާނުން "ހަމަލާ ނުދެވޭވަރު ކޮށްލާނެ" ކަމަށާއި އީރާނުން "މިސައިލާއި ޑްރޯން އުދުއްސައިނުލެވޭވަރު ކޮށްލަފާނެ" ކަމަށެވެ.
ޓްރަމްޕް ހާސިލުކުރައްވަން ބޭނުންވެ ވަޑައިގަންވާ އަމާޒުތަކަކީ ކޮބައިކަން ސާފެއް ނޫނެވެ.
ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ އާއި އަދި އިދިކޮޅު އެންމެ ބޮޑު ޑިމޮކްރެޓިކް ޕާޓީން ވެސް ބުނީ ހަމަލާތައް ނިންމައިލުމަށްފަހު އީރާނާމެދު އަމަލުކުރައްވާނެ ގޮތެއް ޓްރަމްޕް އަދި ހާމަނުކުރައްވާ ކަމަށެވެ.
އީރާނާއެކު ބާއްވަމުން ދިޔަ މަޝްވަރާތަކުގައި އެމެރިކާއިން އެދިފައިވަނީ އީރާނުން ނިއުކްލިއަ ހަކަތަ އުފައްދަން ޔުރެނިއަމް ފައްކާކުރުން ހުއްޓައިލަން ޖެހޭނެ ކަމަށާއި ބެލިސްޓިކް މިސައިލްގެ ސްޓޮކް މަދުކުރަން ޖެހޭނެ ކަމަށާއި މެދުއިރުމަތީގެ ހަނގުރާމަވެރިންނަށް ދޭ ވާގިވެރިކަން ހުއްޓައިލަން ޖެހޭނެ ކަމަށެވެ.
ނަމަވެސް މި ދިޔަ ޖެނުއަރީ މަހު އީރާންގައި ފައިސާގެ އަގު ވެއްޓުމުން ހިނގި މުޒާހަރާތަކުގައި ބައިވެރިވި މީހުން އީރާންގެ ވެރިކަން ބަދަލުކުރުމަށް އެހީވެދިނުމަށް އެމެރިކާއިން ތައްޔާރުކަމަށް ޓްރަމްޕް ވިދާޅުވުމުން އީރާންގެ ސަރުކާރު ބަދަލު ކުރުމަކީ ވެސް އެމެރިކާގެ އަމާޒެއް ކަމަށް ވަނީ ބެލެވިފައެވެ. އެކަމަކު ޓްރަމްޕް މިހާތަނަށް ބާރުއަޅުއްވައިފައިވަނީ އީރާންގެ ސަރުކާރު ބަދަލުކުރަން އީރާން ރައްޔިތުން އަމިއްލައަށް އިސްނެގުމަށެވެ.
އީރާނަށް އަދިވެސް ދެމުންދާ ހަމަލާތަކަށް ރިޕަބްލިކަން ޕާޓީން ތާއީދުކޮށްފައިވާއިރު ޑިމޮކްރެޓިކް ޕާޓީން ބުނީ ހަމަލާތަކުން ރަނގަޅު ނަތީޖާއެއް ނިކުތުމާމެދު ޝައްކު ކަމަށެވެ. ނަމަވެސް ދެ ޕާޓީގެ ވެސް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބުނީ ކައިރި ކުރިމަގެއްގައި މެދުއިރުމަތީގެ މަސްރަހަށް އަންނާނެ ބަދަލުތަކެއް ބުނަން ނޭނގޭ ކަމަށެވެ.
އީރާނުން ރައްދުދެމުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކުގައި ހުރި އެމެރިކާގެ 27 އަސްކަރީ މަރުކަޒަށް ހަމަލާދީފައެވެ. އަދި އިސްރާއީލުގެ މުހިންމު ސިޓީއެއް ކަމަށްވާ ޓެލް އަވީވްގައި ހުރި އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ.
އެމެރިކާ އާއި އީރާނާ ދެމެދު ނިއުކްލިއަ މުއާހަދާއެއް ހަދަން އޮސްޓްރިއާގައި މިއަދު ބާއްވަން ހަމަޖައްސައިފައި އޮތް ހަތަރުވަނަ ބުރުގެ ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރާ އުމާނުން ބުނީ އެމެރިކާ އާއި އީރާނާ ދެމެދު މައްސަލަތައް ހައްލުކުރުމަށް "ޑިޕްލޮމެސީގެ ދޮރު އަދިވެސް ވަނީ ހުޅުވިފައި" ކަމަށެވެ.
"ހަނގުރާމައިގެ މާނައަކީ ސުލްހައިގެ އުއްމީދުގެ ހުޅުކޮޅު ނިވިއްޖެކަމެއް ނޫން،" އުމާންގެ ހާރިޖީ ވަޒީރު ބަދްރު އަލްބުސައިދީ ވިދާޅުވިއެވެ.
ޓްރަމްޕް ވިދާޅުވީ އީރާނާ ވާހަކަދައްކަން ތައްޔާރުކަމަށެވެ. ނަމަވެސް އެ ކަން ކުރިއަށްގެންދަވާނީ ކިހާ އަވަހަކަށްކަން ވިދާޅެއް ނުވެއެވެ.
"ބުނާކަށް ނޭނގޭ. އީރާނުން ބުނަނީ ވާހަކަދައްކަން ބޭނުމޭ އެކަމަކު އަހަރެން ބުނީ އީރާނުން ވާހަކަދައްކައިފައި އޮންނަން ޖެހޭނީ މި ދިޔަ ހަފުތާގައޭ، މި ހަފުތާއަކު ނޫނޭ،" ޓްރަމްޕް ވިދާޅުވިއެވެ.
އިތުރު ތަފުސީލު ނުދެއްވައި އޭނާ ވިދާޅުވީ އީރާންގެ އޮފިޝަލުންނާ އެމެރިކާގެ އޮފިޝަލުން މިހާރު ވެސް ވާހަކަދައްކަމުންގެންދާ ކަމަށެވެ.
އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު އަލީ ހާމަނާއީ ހޮނިހިރު ދުވަހުގެ ހަމަލާތަކުގައި އަވަހާރަކޮށްލައިފައިވާތީ އާ ސުޕްރީމް ލީޑަރަކު އިންތިހާބުކުރުމަށް އީރާނުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
އީރާނުން ބުނީ ސުޕްރީމް ލީޑަރަކު އިންތިހާބުކުރުމަށް އެތެރޭގެ ނިޒާމެއް އަބަދުވެސް އޮންނަ ކަމަށެވެ. އެއީ 1979 ގައި އީރާނަށް ގެނައި އިސްލާމީ އިންގިލާބަށްފަހު ގައުމުގައި ގާއިމުކުރި "އެސެމްބްލީ އޮފް އެކްސްޕާޓްސް" ނުވަތަ "ތަޖުރިބާކާރުންގެ ގްރޫޕަ"ކުން ގައުމުގެ އެންމެ އިސްވެރިޔާ އަދި ރޫހީ ލީޑަރު އިންތިހާބުކުރުމުގެ ނިޒާމެކެވެ.
"ހާމަނާއީ އަވަހާރަކޮށްލުމުން އާ ސުޕްރީމް ލީޑަރަކު އިންތިހާބުކުރުމުގެ މަސައްކަތް އެ ގްރޫޕުން ފަށައިފި،" އީރާންގެ ރައީސް މަސްއޫދު ޕަޒަޝްކިއަން ވިދާޅުވިއެވެ.
އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވީ "ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސުޕްރީމް ލީޑަރު އިންތިހާބުކުރާނެ" ކަމަށެވެ.
އެ ކަން ހަމަޖެހެންދެން އީރާންގައި ވެރިކަން ބަލަހައްޓާނީ ތިން މެންބަރުން އެކުލެވޭ ކައުންސިލަކުންނެވެ. އެ ކައުންސިލްގައި ޕަޒަޝްކިއަންގެ އިތުރުން ޖުޑިޝަރީގެ ވެރިޔާ ގުލާމް-ހުސައިން މުހްސިނީ-އީޖައި ހިމެނެއެވެ.
އީރާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 201 މީހުން އީރާންގައި މަރުވެފައިވެއެވެ. އޭގެ ތެރޭގައި އާއްމުންނާއި ސިޔާސީ މީހުންނާއި ސިފައިން ހިމެނެއެވެ. ކުރީގެ ރައީސް މަހްމޫދު އަހްމަދީނީޖާދު ވެސް ވަނީ ހޮނިހިރު ދުވަހު ދިން ހަމަލާތަކުގައި އަވަހާރަކޮށްލައިފައެވެ.
އެމެރިކާގެ ތިން ސިފައިން މަރުވެފައިވެއެވެ. ޓްރަމްޕް އިއްޔެ ވިދާޅުވީ އެމެރިކާގެ އިތުރު ސިފައިން ކުރިމަގުގައި މަރުވުން އެކަށީގެންވާ ކަމަށެވެ.
އިސްރާއީލުގައި މަދުވެގެން ނުވަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި އާއްމުންނާއި ސިފައިން ހިމެނެއެވެ. ނަމަވެސް ސިޔާސީ މީހުން ހިމެނޭކަން އަދި ކަށަވަރު ކުރެވިފައެއް ނުވެއެވެ.
މެދުއިރުމަތީގެ ގައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ އިންފްރާސްޓްރަކްޗަރަށް އީރާނުން ދިން ހަމަލާތަކުގައި ޔުނައިޓަޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގައި ބިދޭސީ ތިން މީހުން މަރުވެފައިވެއެވެ. ބަހްރައިން، ކުވައިތު އަދި ގަތަރު ފަދަ ގައުމުތަކުން ބުނީ ބައެއް މީހުން ޒަހަމްވެފައިވާ ކަމަށެވެ.



advertisment