އީރާން ހަނގުރައިމައިގެ ސަބަބުން ދުނިޔެއަށް މިހާރު ކުރިމަތިވެފައިވަނީ 70 ގެ އަހަރުތަކުގައި ދެ ފަހަރު ކުރިމަތިވި ތެލުގެ ދަތިކަމާއި ޔޫކްރެއިން ހަނގުރާމައިން ކުރިމަތިވި ގޭހުގެ ދަތިކަން އެއްކޮށްލުމުން ވެސް އެއަށްވުރެ ސީރިއަސް ތެލުގެ "ސިހުމެއް" ކަމަށް ބައިނަލްއަގުވާމީ ހަކަތައާ ބެހޭ އިދާރާ، އިންޓަނޭޝަނަލް އެނަޖީ އެޖެންސީ (އައި.އީ.އޭ)އިން މިއަދު ބުނެފިއެވެ.
އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާގައި އޮތް އެ ގައުމުގެ މީޑިއާ ކްލަބްގެ އިވެންޓެއްގައި އައި.އީ.އޭގެ އެގްޒެކެޓިވް ޑިރެކްޓަރު ފަތިހު ބައިރުލް ބުނީ އެމެރިކާ-އިސްރާއީލުގެ އިއްތިހާދުން މި ދިޔަ މަހު 28 ގައި ފެށި އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔެއަށް ކުރިމަތިވެފައިވާ ތެލުގެ "ޝޮކް" ނުވަތަ ސިހުމަކީ 1973 އާއި 1979 ގައި ދުނިޔެއަށް ކުރިމަތިވި ތެލުގެ ދަތިކަމާއި ރަޝިޔާއިން 2022 ގައި ޔޫކްރެއިން ހިފަން ފެށި ހަނގުރައިމައިގައި ދުނިޔެއަށް ކުރިމަތިވެފައިވާ ގޭހުގެ ދަތިކަން އެއްކޮށްލުމުން ވެސް އެއަށްވުރެ ސީރިއަސް ސިހުމެއް ކަމަށެވެ.
"މިހާރު ކަންތައްތައް ހުރި ގޮތުން، އީރާން ހަނގުރައިމައިން ކުރިމަތިވެފައި މި ވަނީ ދުނިޔެއަށް ދެ ފަހަރު ކުރިމަތިވި ތެލުގެ ދަތިކަމާއި (ޔޫކްރެއިން ހަނގުރާމަ ފެށިތަނާ ކުރިމަތިވި) ގޭހުގެ ދަތިކަން އެއްކޮށްލުމުން ވެސް މާ ސީރިއަސްކަން ބޮޑު ދަތިކަމެއް،" ބައިރުލް ބުންޏެވެ.
އޭނާ ބުނީ އީރާނުން ހުރުމުޒު ކަނޑުއޮޅި އީރާނާ ދުޝްމިން ގައުމުތަކަށް ބަންދުކޮށްލައިފައި އޮތުމާއި ގަލްފު ގައުމުތަކުގެ ހަކަތަ މަރުކަޒުތަކަށް އީރާނުން ހަމަލާދެމުންދާތީ ދުވާލެއްގެ މައްޗަށް ދުނިޔެއިން ތެޔޮ އުފައްދާ މިންވަރު ދުވާލަކު 11 މިލިއަން ތެޔޮ ފީފާއިން މަދުވެފައިވާ ކަމަށެވެ.
"މިއީ 1973 އަދި 1979 ގެ ތެލުގެ ދަތިކަން އެއްކޮށްލުމުން އޭގެ ދެ ގުނަ މަދު މިނެއް،" ބައިރުލް ބުންޏެވެ.
ލިކުއިފައިޑް ނެޗުރަލް ގޭސް (އެލް.އެން.ޖީ)ގެ މިންވަރު ގާތްގަނޑަކަށް 140 ބިލިއަން ކޮޑިމީޓަރުން މަދުވެފައިވާ ކަމަށާއި ރަޝިޔާއިން ޔޫކްރެއިން ހަނގުރާމަ ފެށިތަނާ އެ އަދަދު ހުރީ 75 ބިލިއަން ކޮޑިމީޓަރުގައި ކަމަށް އޭނާ ބުންޏެވެ.
އީރާނުން ހަމަލާދިނުމުގެ ސަބަބުން ނުވަ ގައުމެއްގެ 40 ހަކަތަ މަރުކަޒު ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށް ބައިރުލް ބުންޏެވެ.
"ދުނިޔޭގެ އިގުތިސާދު މިއަދު މި ވަނީ ވަރަށް، ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިފައި. އަހަރެން އުއްމީދުކުރަނީ ވީ އެންމެ އަވަހަކަށް މި މައްސަލަ ހައްލު ކުރާނެ ކަމަށް،" އޭނާ ބުންޏެވެ.
ބައިރުލް ބުނީ ކަމުގެ ސީރިއަސްކަން ކުރިން ފަހުމްވެފައިނުވާ ކަމަށެވެ. މި ދިޔަ ހަފުތާގައި މި މައްސަލައާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަދައްކަން އޭނާ ނިންމީ މިހެންވެ ކަމަށް އޭނާ ބުންޏެވެ.
ކުއްލި ހާލަތަށް ބޭނުންވެދާނެ ކަމަށް ރައްކާކޮށްފައި ހުރި ތެލުގެ ސްޓޮކްގެ ތެރެއިން 400 މިލިއަން ފީފާ ތެޔޮ ދޫކުރާނެ ކަމަށް ރާވާފައިވާ ކަމަށް، ފްރާންސްގެ ވެރިރަށް ޕެރިސްގައި ހުންނަ އައި.އީ.އޭއިން މި މަހު ކުރީކޮޅު އިއުލާންކުރިއެވެ. އަދި ހަކަތަ ބޭނުންކުރުން މަދުކުރެވޭނެ ގޮތްތަކެއް ސަރުކާރުތަކަށް ހުށަހެޅިއެވެ. އޭގެ ތެރޭގައި އޮފީހަށް ނުގޮސް ގެއިން މަސައްކަތްކުރުމާއި ދަތުރުކުރުމުގައި ހިނގުމާއި ބައިސްކަލް ދުއްވުމާއި ބަހާއި ރޭލު ފަދަ އާއްމު ދަތުރުފަތުރުގެ ހިދުމަތްތައް ބޭނުންކުރުމާއި މަގުތަކުން ދަތުރުކުރާ ދުވެލި މަޑުކުރަން ގޮވައިލިއެވެ.
"ދުނިޔޭގައި ނިންމުންތައް ނިންމާ ފަރާތްތަކަށް ކަމުގެ ސީރިއަސްކަން ވިސްނިފައި ނެތް ކަމަށް އަހަރެންނަށް ވިސްނުނީ،" ބައިރުލް ބުންޏެވެ.
ބޭނުންވެއްޖެނަމަ އިތުރަށް ތެޔޮ ދޫކުރުމާ ގުޅޭ ގޮތުން އެކިއެކި ގައުމުތަކާ ވާހަކަދައްކަމުންދާ ކަމަށާއި ނަމަވެސް އެންމެ މުހިންމު ކަމަކީ ދުނިޔޭ 20 ޕަސެންޓް ތެލާއި އެލް.އެން.ޖީ ސަޕްލައި ދަތުރުކުރާ ހުރުމުޒު އީރާނުން ހުޅުވައިލުން ކަމަށް އޭނާ ބުންޏެވެ.
އީރާން ހަނގުރާމަ ފެށުމާއެކު ދުނިޔޭގައި ތެލުގެ އަގު 50 ޕަސެންޓަށްވުރެ މައްޗަށް ގޮސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިއަދު ހުރީ 107 ޑޮލަރު (1،649ރ.)ގައެވެ.
ހުރުމުޒުން ދަތުރުކުރާ ތެލުގެ 10 ޕަސެންޓް ވެސް ބޭނުންނުކުރި ނަމަވެސް ދުނިޔޭގައި ތެޔޮ އެންމެ ގިނައިން އުފައްދާ އެމެރިކާއަށް އެހެން ގައުމުތަކުން ޕްރެޝަރު އައިސްގެން ހުރުމުޒު ހުޅުވަން ދެ ދުވަހުގެ މުހުލަތެއް އީރާނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވަނީ ދެއްވައިފައެވެ. މުހުލަތު ހަމަވާނީ އެމެރިކާއަށް ހޯމަ ދުވަހުގެ ރެއެވެ. ހުރުމުޒު ނުހުޅުވައިފިނަމަ އީރާންގެ ހުރިހާ ހަކަތަ މަރުކަޒަށް ހަމަލާދޭނެ ކަމަށް ޓްރަމްޕް އިންޒާރުދެއްވުމުން ރައްދުގައި އީރާނުން އިންޒާރުދިނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ ހަކަތަ މަރުކަޒުތަކަށް ހަމަލާދޭނެ ކަމަށެވެ.



advertisment