އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ފެބްރުއަރީ 28 ގައި ފެށި ހަނގުރާމައިގައި ޣައްޒާގެ ބޯޑަރު ހުޅުވައިލި ނަމަވެސް އެހީ ވެއްދުން އަލުން ތާށިކޮށްލައިފިއެވެ.
މިސްރާއި އިސްރާއީލުން ޣައްޒާއަށް މުދާ ވެއްދޭ ކެރެމް ޝަލޯމް މަގު މި ދިޔަ އަންގާރަ ދުވަހު ހުޅުވައިލި ނަމަވެސް، އީރާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް މިހާރު ވަރުގަދަކުރަމުންދާއިރު އިސްރާއީލުގެ ސަމާލުކަން އެ ކަމަށް ހުއްޓިފައިވުމުން ހަމާސްއިން އެ ކަމުގެ ފައިދާ ނަގާފާނެތީ ކަމަށް ބުނެ އިސްރާއީލުން ވަނީ އެ މަގުގައި ސެކިއުރިޓީ ވަރުގަދަކޮށްފައެވެ. އަދި މިހެންވެ މި ދިޔަ އަހަރުގެ އޮކްޓޫބަރު 10 ގައި ގާއިމުކުރި ސުލްހައިގެ މުއާހަދާގެ ދަށުން ޣައްޒާއަށް ދުވާލަކު 600 ލޮރީގެ އެހީ ވައްދަން އެއްބަސްވިޔަސް މިހާރު ވައްދަމުން ދަނީ ވަރަށް މަދު ލޮރީއެއްގެ އެހީއެވެ.
މެދުއިރުމަތި، އުތުރު އެފްރިކާ އަދި ޔޫރަޕަށް ނިސްބަތްވާ އިންސާނީ ހައްގުތައް މޮނިޓާކުރާ ޔޫރޯ-މެޑް ހިއުމަން ރައިޓްސް މޮނިޓާ ޖަމާއަތުން ބުނީ އީރާން ހަނގުރާމަ ފުޅާވަމުންދިއުމުން ޣައްޒާގެ އަހުލުވެރިންގެ ހާލަތު އިތުރަށް ގޯސްވަމުންދާ ކަމަށެވެ.
"އީރާން ހަނގުރައިމައިގެ ސަބަބުން، ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތައް އިތުރަށް ވަރުގަދަކުރުމަށް އިސްރާއީލަށް ޖާގަ ލިބިއްޖެ. ޣައްޒާއަށް އެހީ ވައްދާ މަގުތަކަށް ހަމަޖެއްސި އެތައް ހުރަސްތަކެއް އަޅައިފައިވާ ނިޒާމުތަކުގެ ސަބަބުން ޣައްޒާގެ ހާލަތު ހަލުވި ދުވެއްޔެއްގައި ދަނީ ދަށަށް،" އެ ޖަމާއަތުގެ ވެރިޔާ ރާމީ އަބްދު ބުންޏެވެ.
އެހީ ދޭ ގްރޫޕްތަކުން ބުނީ ޣައްޒާގެ ދެ މިލިއަން ރަށްވެހިންނަށް ކާބޯތަކެއްޗާއި ބޭހާއި ތެލާއި އަދި އެންމެ އަސާސީ އެހީތައް ވެސް ލިބުން މިހާރު ކުރިއަށްވުރެ ހަނިވެފައިވާ ކަމަށެވެ.
އިސްރާއީލުން މިހާރު ވަނީ އެ ގައުމުގެ ގައުމީ ސަލާމަތީ ކަންތައްތައް ކުރިއަށްވުރެ ވަރުގަދަކޮށްފައެވެ. އިސްރާއީލުން ބުނީ އެ ގައުމުގެ ސަމާލުކަން އީރާނަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި ސަރަހައްދީ ހަނގުރާމަވެރިން ޣައްޒާއަށް ސިއްރުން ހަތިޔާރު ވައްދަން މަސައްކަތްކޮށްފާނެ ކަމަށެވެ. މީގެ އިތުރުން އިސްރާއީލާއި ޣައްޒާގެ ބޯޑަރުގެ އެހެން ސަރަހައްދުތަކުން އިސްރާއީލަށް ހަމަލާދޭން ފަށައިފައިނެ ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.
އީރާން ހަނގުރާމަ ވަރުގަދަކުރަން އިސްރާއީލުން ވަނީ ސިފައިންނާއި ވައިގެ ޒަރީއާއިން ހަމަލާދޭ އާލާތްތަކާއި އިންޓެލިޖެންސް އޮފިޝަލުންގެ މަސައްކަތްތައް ވެސް އީރާނަށް ފޯކަސްކޮށްފައެވެ. މިހެންވެ، ޣައްޒާއަށް އެހީ ވައްދާ މަގުތަކުގައި ބައިތިއްބަން ޖެހޭ ވަރަށް ސިފައިންނާއި އެހީ މޮނީޓާކުރާ ޓީމްތަކުގެ މީހުންނާއި އަދި ލޮޖިސްޓިކްސް ބަލަހައްޓާނެ މުވައްޒަފުން ވެސް މި ވަގުތު ނެތް ކަމަށް އިސްރާއީލުން ބުންޏެވެ.
މީގެ އިތުރުން އެހީ ވައްދާ މަގުތަކުގައި ސެކިއުރިޓީ ވަރުގަދަކުރީ އީރާނަށް އިސްރާއީލުގެ ސަމާލުކަން މިހާރު ހުއްޓިފައިވާތީ އެ ކަމުގެ ފައިދާ ނަގައިން ހަމާސްއިން އިސްރާއީލަށް އަނެއްކާވެސް ހަމަލާދޭން ފަށައިފައިނެތީ ކަމަށް ވެސް އިސްރާއީލުން ބުންޏެވެ.



advertisment