ހޮނިހިރު ދުވަހު އެމެރިކާއާ ގުޅިގެން އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތައް ކުރިއަށްދިޔަ ނަމަވެސް ޣައްޒާގެ ބޯޑަރު އިސްރާއީލުން މިއަދު ހުޅުވައިލައިފިއެވެ.
އީރާނަށް ހަމަލާދޭން ފަށަމުން އިސްރާއީލުންވަނީ ޣައްޒާގެ ބޯޑަރު ބަންދުކޮށްފައެވެ. ނަމަވެސް މިއަދު ވަނީ ބޯޑަރު ހުޅުވައިލައި އެހީ ވެއްދުމަށް މަގުފަހިކޮށްދީފައެވެ.
"އަސާސީ އެހީ އާއި ރޯދަ މަހަށް ހާއްސަ އެއްޗެހި ޣައްޒާއަށް މިއަދު ވައްދަން ފަށައިފި،" ޣައްޒާގެ ސުލްހައިގެ ބޯޑުން ނިންމާ ކަންތައްތަކަށް އަމަލީ ފިޔަވަޅު އަޅައި، ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ބަލަހައްޓާ ނިކޮލައި މްލާޑެނާފް ބުންޏެވެ.
މިސްރާއި އިސްރާއީލުން ޣައްޒާއަށް މުދާ ވެއްދޭ ކެރެމް ޝަލޯމް މަގު (ފޮޓޯ) ހުޅުވައިލީ އިއްޔެއެވެ.
"އެއީ އަވަހަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް،" އދ.އިން މުޅި ދުނިޔެއަށް ކާބޯތަކެތި ފޯރުކޮށްދޭ ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިޔު.އެފް.ޕީ)ގެ ސަރަހައްދީ ޑިރެކްޓަރު ސާމިރު އަބްދުލްޖާބިރު ބުންޏެވެ.
ޑަބްލިޔު.އެފް.ޕީގެ 170،000 މެޓްރިކް ޓަންގެ ކާބޯތަކެތި މިސްރާއި އުރްދުންގައި އެބަހުއްޓެވެ. އެއީ ޣައްޒާގެ ދެ މިލިއަން މީހުން ބަނޑަށްނުޖެހި ތިން މަސް ވަންދެން ތިބެވޭނެ މިންވަރެކެވެ. ނަމަވެސް ޣައްޒާއަށް އެހީ ވައްދާ ލޮރީތައް މިހާރު ވައްދަމުންދާ ދުވެލި މިހާރު ދާ ލަސް ދުވެލީގައި ދާނަމަ ރޯދަ މަހަށް ހާއްސަ ޕެކެޖްތައް ލިބޭނީ ޣައްޒާގެ މަދު މީސްކޮޅަކަށް ކަމަށް އެ އިދާރާއިން ބުންޏެވެ. ލޮރީތައް ވެއްދުމުގެ ދުވެލި ލަސްވެފައިވަނީ އީރާނަށް އިސްރާއީލުން ހަމަލާދެމުންދާތީ އިސްރާއީލުން ޣައްޒާގެ ބޯޑަރުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާތީއެވެ.
ބޯޑަރު ހުޅުވައިލި ނަމަވެސް އދ.ގެ ފަލަސްތީންގެ ރެފިއުޖީންނާ ބެހޭ އިދާރާ ޔޫ.އެން.އާރް.ޑަބްލިޔު.އޭއިން ބުނީ އެހީ ފޯރުކޮށްދިނުމުގައި ފާހަގަކުރެވޭ ވަރަށް ހުރަސްތައްވަނީ ކުރިމަތިވެފައި ކަމަށެވެ. އެއީ އިސްރާއީލުން 2024 ގައި ފާސްކުރި ގާނޫނަކުން އެ އިދާރާގެ ބައިނަލްއަގުވާމީ މުވައްޒަފުން ޣައްޒާއަށް ވަނުން މަނާކޮށްފައިވާތީ ކަމަށެވެ.
ސިޔާސީ ތަޖުރިބާކާރުން ބުނީ އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މި ދިޔަ އަހަރު އޮކްޓޫބަރުގައި ޣައްޒާ ހަނގުރާމަ ހުއްޓައިލުމަށް ހަމާސްއާއެކު އިސްރާއީލުންވި އެއްބަސްވުމަށް ކޮންމެވެސް ކަހަލަ އަސަރެއް ކުރާނެ ކަމަށެވެ.
"މެދުއިރުމަތީގައި މިހާރު އީރާނާއި އެމެރިކާ-އިސްރާއީލުގެ ގުޅުމުން ހަމަލާ ބަދަލުކުރުން އިތުރުވަމުންދާތީ ރޭވިފައިވާ ގޮތަށް، އިންސާނީ އެހީ ދިނުމުގައި މަސައްކަތްކުރާ ސްޓާފުން ރޮޓޭޓް ކުރުމާއި ސިއްހީ އެވަކުއޭޝަން ހިންގުން މި ވަގުތުވަނީ ވަގުތީ ގޮތުން މެދުކަނޑައިލަން ޖެހިފައި،" އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސްގެ ތަރުޖަމާނު ސްޓެފާން ޑަޝާރީކް ބުންޏެވެ.
ޣައްޒާ ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 80،000 އަށްވުރެ މަތި ކަމަށް އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 171،000 އަށްވުރެ ގިނައެވެ.



advertisment