Support Us

އެމެރިކާ-އިސްރާއީލުގެ ގުޅުމުން އީރާންގެ ވެރިރަށް ތެހްރާނަށް ދިން ހަމަލާތަކެއްގައި އިމާރާތްތަކެއްގައި ރޯވެފައި

ހަނގުރާމަކުރުމުގެ ބާރު ޓްރަމްޕް އަތުން ނުނެގުނު، އެއްގަމު ހަނގުރާމައަށް އީރާން ތައްޔާރު

އިސްރާއީލާ ގުޅިގެން އެމެރިކާއިން އީރާނާ ފަށައިފައިވާ ހަނގުރާމަ ކުރިއަށްގެންދިއުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތުން ނެގުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުންކުރި މަސައްކަތް ހަނި ގޮތަކަށް ނާކާމިޔާބުވެއްޖެއެވެ.

މި ކަމާ ގުޅިގެން އީރާނުން ބުނީ އެއްގަމު މަގުން އީރާނަށް އެމެރިކާ ސިފައިން އަރަން ޖެހިދާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ އެ ކަމަށް ތައްޔާރުވެއްޖެ ކަމަށެވެ.

އެމެރިކާގެ ޕާލަމަންޓް ނުވަތަ ކޮންގްރެސްގެ ދަށު ގެ ކަމަށްވާ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގައި އިއްޔެ ނެގި ވޯޓުގައި، 435 މެންބަރުންގެ ތެރެއިން ޓްރަމްޕާ ދެކޮޅަށް ވޯޓު ދިނީ 212 މެންބަރުންނެވެ. އޭނާއާ އެއްކޮޅަށް ވޯޓު ދިނީ 219 މެންބަރުންނެވެ.

ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގައި ޓްރަމްޕްގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީގެ އޮންނަނީ ހަނި އަޣްލަބިއްޔަތެކެވެ.

ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގެ ގަރާރަށް ވޯޓު އެހުމުގެ ކުރިން، 100 މެންބަރުން ތިބޭ މަތި ގެ ކަމަށްވާ ސެނެޓުގައި ނެގި ވޯޓުގައި ޓްރަމްޕަށް 53 މެންބަރުން ތާއީދުކުރިއެވެ. ޓްރަމްޕާ ދެކޮޅަށް ވޯޓު ދިނީ 47 މެންބަރުންނެވެ.

އީރާންގެ ސަލާމަތާ ބެހޭ ކައުންސިލްގެ އެންމެ އިސްވެރިޔާ އަލީ ލަރިޖާނީ ބުނީ އެއްގަމު މަގުން އީރާނަށް އެމެރިކާ ސިފައިން އަރައިފިނަމަ "ސީރިއަސް ނަތީޖާތަކަކާ" އެމެރިކާ ސިފައިން ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އެމެރިކާއިން އެބަ ބުނޭ އެތައް ހާއްސަ ސިފައިން އީރާނަށް އަރާނެ ކަމަށް. އީރާނަށް އަރާ އެމެރިކާ ސިފައިން އަތުލައި މަރައިލައިނަން،" ލަރިޖާނީ ބުންޏެވެ.

އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ އިއްޔެ ވިދާޅުވީ އެމެރިކާ ސިފައިން އެއްގަމު މަގުން އީރާނަށް އަރައިފައިނެތީ އީރާނުން ބިރެއް ނުގަނޭ ކަމަށެވެ.

"އަސްލު އަހަރެމެން އެ މީހުންނަން އިންތިޒާރުކޮށްގެން މި ތިބީ. އެއްގަމު މަގުންކުރާ ހަނގުރާމައެއް ވެގެންދާނީ އެމެރިކާ ސިފައިންނަށް ބޮޑު ކާރިސާއަކަށް،" އޭނާ ވިދާޅުވިއެވެ.

ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި ހަމަ އެ ދުވަހު ޝަހީދުކޮށްލި އީރާންގެ އެންމެ މަތީ ވެރިޔާ އަދި ރޫހީ ލީޑަރު އަލީ ހާމަނާއީގެ ދަރިކަލް މުޖުތަބާ ހާމަނާއީއާ އީރާން ހަނގުރާމައިގައި އެ ގައުމުގެ ކަންތައްތައް ބެލެހެއްޓުމަށް ހަވާލުކޮށްފައިވާތީ އެ ކަމާ ދެކޮޅުހަދާ ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ.

"އީރާނަށް ދެން އަންނަ ސުޕްރީމް ލީޑަރަކު ހޮވުމުގައި އަހަރެން ބައިވެރިވާން ބޭނުން. އަނެއްކާވެސް ތަކުރާރުކޮށް މި ބުނަނީ އަހަރެންގެ އަމާޒަކީ އީރާނަށް އާ ވެރިކަމެއް ގެނައުމޭ. އީރާންގެ އާ ލީޑަޝިޕް އެމެރިކާއާ ރަހްމަތްތެރި ބަޔަކަށް ވާން ޖެހޭނެ،" ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާމަނާއީގެ ބަދަލުގައި އީރާންގެ ވެރިކަމަށް ގެންނަން އޭނާ ބޭނުންވެ ވަޑައިގެންނެވި ބޭފުޅުންތަކެއް އީރާންގައި ތިއްބެވި ކަމަށާއި ނަމަވެސް އެމެރިކާ އާއި އިސްރާއީލުން ދޭން ފެށި ފުރަތަމަ ހަމަލާތަކުގައި އެ ބޭފުޅުން ވަނީ ޝަހީދުވެފައި ކަމަށެވެ.

އޭނާގެ މި ވިދާޅުވުމަކީ އީރާން ރައްޔިތުން ވެރިކަމަށް ގެންނަން ޖެހޭނީ އެ މީހުން ބޭނުންވާ ބޭފުޅެއް ކަމަށް ޓްރަމްޕް ކުރިން ވިދާޅުވެފައިވާ ވިދާޅުވުމާ ހިލާފު ވިދާޅުވުމެކެވެ.

އީރާނުން ބުނީ ސުޕްރީމް ލީޑަރަކު އިންތިހާބުކުރާނެ ވަކި ދުވަހެއް އަދި ކަނޑަނާޅާ ކަމަށެވެ.

އެމެރިކާއިން ބުނީ އީރާން ހަނގުރާމަ އެއް މަހަށް ދެމިގެން ހިނގައިދާނެ ކަމަށެވެ. އިސްރާއީލުން ބުނީ އެ ގައުމުން ލަފާކުރަނީ އީރާން ހަނގުރާމަ ދެމިގެންދާނީ ދެ ހަފުތާއަށް ކަމަށެވެ.

އެމެރިކާ އާއި އިސްރާއީލުން އަދިވެސް ދަނީ ކެނޑިނޭޅި އީރާނަށް ހަމަލާދެމުންނެވެ. އަދި އީރާނުން ވެސް ދަނީ އިސްރާއީލަށާއި ގަލްފު ގައުމުތަކުގައި ހުރި އެމެރިކާގެ އަރަނިތަކަށް ހަމަލާދެމުންނެވެ.

އީރާން ހަނގުރާމަ މުޅި މެދުއިރުމައްޗަށް ފެތުރެމުންދާއިރު އިސްރާއީލުން ދަނީ އީރާނުން ވާގިވެރިވާ ލުބްނާންގައި އުޅޭ ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ވެސް ހަމަލާދެމުންނެވެ. އެ ގޮތުން މި ހަފުތާގެ ތެރޭގައި އިސްރާއީލުގެ ހަމަލާތަކުގައި ލުބްނާންގައި މަދުވެގެން 123 މީހުން މަރުވެފައިވާ ކަމަށާއި 683 މީހުން ޒަހަމްވި ކަމަށް ލުބްނާންގެ އާއްމު ސިއްހަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ލުބްނާންގެ ދައުލަތުގެ މީޑިއާއިން މިއަދު ބުނީ ދެކުނު ލުބްނާންގެ ގިނަ ޓައުންތަކަކަށް އިސްރާއީލުން ވައިގެ މަގުން ހަމަލާދީފައިވާ ކަމަށެވެ.

އިސްރާއީލުގެ އުތުރު ބޯޑަރު ކައިރީގައި ދިރިއުޅޭ ޔަހޫދީން އެ ސަރަހައްދުތައް ދޫކޮށް ދިއުމަށް ހިޒްބުﷲއިން މިހާރު ވަނީ އަންގައިފައެވެ.

ދުނިޔޭގައި ސިޔާސަތު އެކުލަވާލައި ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދޭ ޖަމިއްޔާ، ސެންޓަ ފޮ ސްޓްރެޓަޖިކް އެންޑް އިންޓަނޭޝަނަލް ސްޓަޑީޒް (ސީ.އެސް.އައި.އެސް)އިން އިއްޔެ ބުނީ އީރާނަށް ހަމަލާދިން ފުރަތަމަ 100 ގަޑިއިރަށް 3.7 ބިލިއަން ޑޮލަރު (57.2 ބިލިއަން ރުފިޔާ) ހަރަދުވެފައިވާ ކަމަށެވެ. އެއީ ދުވާލަކު 891 މިލިއަން ޑޮލަރު (13.7 ބިލިއަން ރުފިޔާ)އެވެ.

އީރާންގެ ސަރުކާރު އިދާރާތަކުން ބުނީ އެމެރިކާ-އިސްރާއީލުގެ ގުޅުމުން ދެމުންދާ ހަމަލާތަކުގައި އީރާންގެ 1،230 ރައްޔިތުން މިހާތަނަށް ޝަހީދުވެފައިވާ ކަމަށެވެ. މަރުވި އެމެރިކާގެ ސިފައިންނާއި އިސްރާއީލުންނާއި އީރާންގެ ހަމަލާތަކުގައި މެދުއިރުމަތީގެ އެހެން ގައުމުތަކުން މަރުވި މީހުންގެ އަދަދަށް އިތުރު ބަދަލެއް ނާދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *