Support Us

އީރާންގެ ވެރިރަށް ތެހްރާނަށް އެމެރިކާ-އިސްރާއީލުގެ ގުޅުމުން މިއަދު ހަމަލާދީފައި

އީރާނާ ހަނގުރާމަކުރުމުގެ ބާރު ޓްރަމްޕްގެ އަތުން ކަނޑައިލަން އެމެރިކާގެ ޕާލަމަންޓުން މަސައްކަތްކުރަނީ

އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތައް ހަ ވަނަ ދުވަހަށް އެޅުނުއިރު، އީރާނާ ހަނގުރާމަކުރުމުގެ ބާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަތުން ނެގުމަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުން މަސައްކަތްކުރަން ފަށައިފިއެވެ.

ކޮންގްރެސްގެ މަތިގެ ކަމަށްވާ 100 މެންބަރުން ތިބޭ ސެނެޓްގައި ނެގި އިޖުރާއީ ވޯޓެއްގައި ހަނގުރާމަކުރުމުގެ ބާރު ޓްރަމްޕްގެ އަތުން ނެގުމަށް 47 ވޯޓު ލިބުނުއިރު އެ ކަމާ ދެކޮޅަށް 53 ވޯޓު ލިބުމުން އެ ގަރާރު ފާސް ނުވުމުން ވަކި ގަރާރެއް ދަށުގެ ކަމަށްވާ 435 މެންބަރުން ތިބޭ ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގައި މިއަދު ނަގަން ވަނީ ހަމަޖައްސައިފައެވެ.

ބައެއް ފަރާތްތަކުން ބުނީ ވެރިކަންކުރާ ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީން، އީރާނާއެކު އެމެރިކާއިން ހަނގުރާމަކުރުން ކުރިއަށްގެންދަން ބޭނުންވާތީ މި ވަކި ގަރާރު ފަހަރެއްގައި ފާސް ނުވުން އެކަށީގެންވާ ކަމަށެވެ.

ކޮންގްރެސްގައި އީރާން ހަނގުރައިމައިގެ މައްސަލައިގައި ވޯޓަށް އަހަނީ އެމެރިކާގެ ގާނޫނުއަސާސީގެ ދެވަނަ މާއްދާއާ ޓްރަމްޕް ހިލާފުވެ ވަޑައިގަންފައިވާތީއެވެ. އެ މާއްދާ ބުނާ ގޮތުން އެމެރިކާގެ ރައީސަކަށް ގައުމަކަށް ހަމަލާދޭން އަމުރު ކުރެވޭނީ އެމެރިކާއަށް ނުރައްކަލެއް ކުރިމަތިވުމުން ހަމައެކަނި އެމެރިކާގެ އަމިއްލަ ދިފާއުގައެވެ. އެހެން ނޫންނަމަ ގައުމަކާ ދެކޮޅަށް ހަނގުރާމަ އިއުލާންކުރެވޭނީ ހަމައެކަނި ކޮންގްރެސްއަށެވެ. ސެނެޓުގައި ވޯޓަށް އެހި ގަރާރާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މިއަދު ވޯޓަށް އަހާ ގަރާރަށް ތާއީދުކުރާ ފަރާތްތަކުން ބުނީ އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ޓްރަމްޕް ހަނގުރާމަ އިއުލާންކުރެއްވުމަކީ އޭނާގެ ދުސްތޫރީ ބާރާ ހިލާފުވެ ވަޑައިގަތް އަމަލެއް ކަމަށެވެ.

"އީރާންގެ ފަރާތުން ކަށަވަރު ނުރައްކަލެއް އެމެރިކާއަށް އޮތްކަމުގެ ހެއްކެއް ކޮންގްރެސްގެ ސިއްރު ބައްދަލުވުމަކަށް ވެސް ޓްރަމްޕްގެ ސަރުކާރަށް ހުށަހަޅައިދެވިފައެއް ނުވޭ،" ސެނެޓްގެ މެންބަރު ޓިމް ކެއިން ބުންޏެވެ.

ޓްރަމްޕް ވިދާޅުވީ މި ކަހަލަ ގަރާރެއް ފާސްވެއްޖެނަމަ، އެ ގަރާރަކާ ދެކޮޅަށް ވީޓޯކުރައްވައިނެ ކަމަށެވެ. ވީޓޯ ކުރައްވައިފިނަމަ، ވީޓޯ ބާތިލުކުރެވޭނީ ސެނެޓާއި ހައުސް އޮފް ރިޕްރެޒެންޓެޓިވްސްއިން ވެސް ވީޓޯ ބާތިލުކުރަން ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވެއްޖެނަމައެވެ.

ހައުސް އޮފް ރިޕްރެޒެންޓެޓިވްސްގައި ތިބި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ބައެއް މެންބަރުން ހުށަހެޅީ ކޮންގްރެސްއިން ހުއްދަ ނުދީފިނަމަ އީރާނަށް ދެމުންދާ ހަމަލާތައް ހަތަރު ހަފުތާގެ ތެރޭގައި ހުއްޓައިލަން ޖެހޭ ގޮތަށެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މާކޯ ރުބިއޯ އަދި ޖާސޫސީ އިދާރާ ސެންޓްރަލް އިންޓެލިޖެންސް އެޖެންސީ (ސީ.އައި.އޭ)ގެ ޑިރެކްޓަރު ޖޯން ރެޓްކްލިފް ބުނީ އެމެރިކާގެ ގާނޫނުއަސާސީގެ ދެވަނަ މާއްދާގެ ދަށުން އެމެރިކާގެ އަސްކަރިއްޔާގެ އެންމެ އިސްވެރިޔާ ނުވަތަ ކޮމާންޑާ-އިން-ޗީފްގެ ގޮތުން އީރާނަށް ހަމަލާދިނުމުގެ ބާރު ޓްރަމްޕަށް ލިބިވަޑައިގަންނަވާ ކަމަށާއި އީރާނުން އެމެރިކާއަށް ނުރައްކާކުރި ކަމަށެވެ. އަދި 1973 ގައި ފާސްކުރި ހަނގުރާމައިގެ ބާރުތަކާ ބެހޭ ގަރާރާ އެއްގޮތަށް ހަނގުރާމަ ފެށިތާ 48 ގަޑިއިރުގެ ތެރޭގައި އެ ކަން ކޮންގްރެސްއަށް އެންގި ކަމަށާއި އެހެންވެ އީރާން ހަނގުރާމަ ކުރިއަށްދަނީ އެމެރިކާގެ ގާނޫނާ އެއްގޮތަށް ކަމަށެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ގަރާރު މިއަދު ފާސް ނުވެއްޖެނަމަ، އީރާނާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ. ސަބަބަކީ ކޮންގްރެސްގެ ރުހުން ލިބުމުން ރައްޔިތުންގެ ތާއީދު އީރާން ހަނގުރާމައަށް ލިބުނީ ކަމަށް ޓްރަމްޕްއަށް ޔަގީންކަން ލިބިވަޑައިގަންނަވާނެތީއެވެ.

އެމެރިކާގެ ހަނގުރާމަތަކާ ބެހޭ ވަޒީރު ޕީޓް ހެގްސެތު ވިދާޅުވީ ހަނގުރާމަ ހަތަރު ހަފުތާއަށް ދެމިގެން ހިނގައިދާނެ ކަމަށެވެ. ހަތަރު ހަފުތާއަށް ހަނގުރާމަ ކުރިއަށް ހިނގައިދާނެ ކަމަށް ޓްރަމްޕް ވެސް ވިދާޅުވެފައިވާއިރު އިސްރާއީލުން ބުނީ ހަނގުރާމަ ކުރިއަށްދާނެ ކަމަށް ފެންނަނީ ދެ ހަފުތާއަށް ކަމަށެވެ.

އީރާނުން އަދިވެސް ދަނީ އިސްރާއީލަށާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އަރަނިތަކަށް ހަމަލާދެމުންނެވެ.

ހަނގުރާމަ މިހާރު ވަނީ މެދުއިރުމަތިން ބޭރުވެފައެވެ. އެ ގޮތުން ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އެމެރިކާގެ ސަބްމެރީނަކުން ޓޮރުޕީޑޯއިން ފުރަތަމަ ފަހަރަށް ހަމަލާދީ އީރާންގެ އެންމެ ފަހުގެ ހަނގުރާމަމަތީ މަނަވަރުތަކުގެ ތެރެއިން އަރާހުރި ޑޭނާ ވަނީ ޝްރީ ލަންކާގެ ކައިރިން އިއްޔެ ފައްތައިލައިފައެވެ. އެ ހާދިސާގައި 87 މީހުން ވަނީ މަރުވެފައެވެ. އަދި 148 މީހުން ގެއްލިފައެވެ.

އީރާނަށް އެމެރިކާ އާއި އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ޝަހީދުވެފައި އަދި ޒަހަމްވެފައިވާ ކަމަށް އެކި އިދާރާތަކުން ބުނާ އީރާން ރައްޔިތުންގެ އަދަދު:

  • އީރާންގެ ސިއްހީ ވުޒާރާއިން ބުނީ 867 މީހުން ޝަހީދުވެފައިވާ ކަމަށާއި 5،946 މީހުން ޒަހަމްވެފައިވާ ކަމަށް.
  • އީރާންގެ ރެޑް ކްރެސެންޓުން ބުނީ 787 މީހުން ޝަހީދުވެފައިވާ ކަމަށް. ނަމަވެސް މި ތަފާސްހިސާބަކީ އެންމެ ފަހުގެ ތަފާސްހިސާބެއް ނޫން.
  • އީރާންގައި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ހިއުމަން ރައިޓްސް އެކްޓިވިސްޓުންގެ ނޫސް އެޖެންސީން ބުނީ 1،097 އާއްމު ރައްޔިތުން ޝަހީދުވެފައިވާ ކަމަށް. އޭގެ ތެރޭގައި މަދުވެގެން 181 ކުޑަކުދިން ހިމެނޭ ކަމަށް ބުނި. އަދި އިތުރު 900 މީހުން ޝަހީދުވެފައިވާ ކަމަށް ބުނާ ރިޕޯޓްތަކެއް ދިރާސާކުރަމުންދާ ކަމަށް ބުނި.
  • އެމެރިކާ އާއި އިސްރާއީލުގެ އިންޓެލިޖެންސުން ބުނީ 1،000 އާއި 1،500 އާ ދޭތެރޭގެ އަދަދުގެ އީރާންގެ މީހުން ޝަހީދުވެފައިވާ ކަމަށް. އޭގެ ތެރޭގައި ސިފައިންނާއި ސަލާމަތީ އޮފިސަރުން ހިމެނޭ ކަމަށް ބުނި.

އީރާނުން ބަދަލުގައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެހެން ގައުމުތަކުން މަރުވި މީހުން ކަމަށް އެ ގައުމުތަކުން ބުނާ އަދަދު:

  • އެމެރިކާއިން ބުނީ ކުވައިތުގައި ހުރި މަރުކަޒަކުން އެމެރިކާގެ ހަ ސިފައިން މަރުވި ކަމަށް.
  • އިސްރާއީލުން ބުނީ އިސްރާއީލުގެ 12 ރައްޔިތުން މަރުވެފައިވާ ކަމަށް. އޭގެ ތެރޭގައި އެއް ސިފައިންގެ މީހަކު ހިމެނޭ ކަމަށް ބުނި.
  • ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)އިން ބުނީ ތިން މީހުން މަރުވި ކަމަށް.
  • ބަހްރައިނުން ބުނީ ދެ މީހުން މަރުވި ކަމަށް.
  • ކުވައިތުން ބުނީ ދެ މީހުން މަރުވި ކަމަށް.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *