އެމެރިކާ އާއި އިސްރާއީލުގެ ގުޅުމުން އީރާނަށް ދެމުންދާ ހަމަލާތަކަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި އެ ކަމުގެ ފައިދާ ނަގައިގެން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީން ފަލަސްތީން ރަށްވެހިންނަށް ދެމުންދާ ހަމަލާތައް އިތުރުކޮށްފިއެވެ.
ޔަހޫދީން ދަނީ ފަލަސްތީން ރަށްވެހިންގެ ވިލެޖްތަކަށް ރެއިޑް ޖަހައި، ގެދޮރު ހަލާކުކޮށް، ދަނޑުގޮވާން ބިންތަކަށް ގެއްލުން ދީ އަދި އާއިލާތަކަށް ބިރުދައްކަމުންނެވެ. މި ކަމުގެ ސަބަބުން ބައެއް މީހުން ވަނީ ގެދޮރު ދޫކޮށް ފިލައިގެން ގޮސްފައެވެ.
ހުޅަނގު އައްސޭރީގެ ރަށްވެއްސެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސާބިތު ބުނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ އީރާން ހަނގުރާމައަށްވުރެ ބޮޑަށް ޔަހޫދީ ވަޒަންވެރިން ކޮންމެ ދުވަހަކު ދޭ ޓެރަރިސްޓް ހަމަލާތަކުގެ ބިރު ފަލަސްތީން މީހުންނަށް މާ ބޮޑަށް ކައިރިހެން އިހްސާސްކުރެވޭ ކަމަށެވެ.
"ޔަހޫދީ ވަޒަންވެރިންނާއި އިސްރާއީލުގެ އަސްކަރިއްޔާއަކީ އަހަރެމެންނަށް ހުރި ބިރު. އެއީ އަހަރެމެން މިހާރު ބިރުގަންނަ ބަޔަކީ،" ސާބިތު ބުންޏެވެ.
އިސްރާއީލުން ބުނީ އީރާން ހަނގުރާމަ ހިނގަމުންދާތީ އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގައި ބައިތިއްބަނީ ސަލާމަތީ ސަބަބުތަކަށް ކަމަށެވެ.
ފަލަސްތީންގެ ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން ބުނަނީ ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމަކީ ނިޒާމެއްގެ ދަށުން ރޭވިގެން ފަލަސްތީން ރަށްވެހިން ވަޒަނުން ބޭރުކުރަން އަމާޒުހިފައިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ބުނަނީ ފަހުގެ އަހަރުތަކެއްގައި ޔަހޫދީ ވަޒަންވެރިންގެ އަނިޔާވެރިކަމުގެ ސަބަބުން ފަލަސްތީން ރަށްވެހިން އެ މީހުންގެ ގެދޮރުން ނުކުމެގެން ގޮސްފައިވާ ކަމަށާއި އީރާން ހަނގުރާމަ ކުރިއަށްދާނަމަ ހުޅަނގު އައްސޭރީގެ ހާލަތު އިތުރަށް ގޯސްވާނެ ކަމަށެވެ.
ހުޅަނގު އައްސޭރީގެ ބިންތައް އަމިއްލަކުރުމަށް އިސްރާއީލުން ކުރަމުންދާ މަސައްކަތުގައި ޔަހޫދީން އެ ތަނުގައި ވަޒަންވެރިކުރުމަކީ ބައިނަލްއަގުވާމީ ގާނޫނާ ހިލާފު ކަމެއް ކަމަށް އދ.އިން އަބަދުވެސް ބުނެއެވެ. ސަބަބަކީ ފަލަސްތީންގެ މިނިވަން ދައުލަތެއް ގާއިމުކުރަން ހުރަސްއެޅޭނެތީއެވެ.



advertisment