ގަލްފު ސަރަހައްދަށް އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތަކާއި ސިފައިން ޖަމާކުރުމަކީ ބޭނުމެއް ނެތް ކަމެއް ކަމަށާއި އެމެރިކާއާއެކު ނިއުކްލިއަ އެއްބަސްވުމެއް ހެދިދާނެ ކަމަށް އީރާނުން ބުނެފިއެވެ.
"އީރާނުން އޮތީ ސުލްހައިގެ މަގަށް ތައްޔާރަށް،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ (ފޮޓޯ) އިއްޔެ ވިދާޅުވިއެވެ.
އެމެރިކާއިން މިހާރު ވަނީ ހަނގުރާމަމަތީ ވައިގެ އުޅަނދު އުފުލައި ދެ މަނަވަރާއި އެތައް ހާސް ސިފައިން ގަލްފަށް ޖަމާކޮށްފައެވެ.
އަރާޣްޝީ ވިދާޅުވީ އީރާންގައި ނިއުކްލިއަ ހަކަތަ އުފެއްދުމާ ބެހޭ މަޝްވަރާތަކުގައި ޔުރެނިއަމް ފައްކާ ނުކުރުމަކަށް އެމެރިކާއިން އެދިފައެއް ނެތް ކަމަށެވެ.
"ޑިޕޮލްމެޓިކް ހައްލެއް އޮތީ ދާދި ގާތުގައި. އަހަރެމެންނަށް އެ ކަން ވަރަށް ފަސޭހައިން ކުރެވިދާނެ،" އަރާޣްޝީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެމެރިކާއާއެކު ހަދާ ޑީލެއް ވާން ޖެހޭނީ އިންސާފުވެރި އަދި ދެ ފަރާތަށް ފައިދާ ހުރި އެއްބަސްވުމަކަށް ކަމަށެވެ.
"އަސްކަރީ ބާރު ހިޔާރުކޮށްފިނަމަ ކަންތައްތައް އުނދަގޫ ފައްތަރަކަށް ވެއްޓޭނެ. ނުރައްކާތެރި ނަތީޖާތައް ނުކުންނާނެ. ހަމައެކަނި އަހަރެމެންނަކަށް ނޫން. ފަހަރެއްގައި މުޅި ސަރަހައްދަށް އަދި މުޅި ބައިނަލްއަގުވާމީ މުޖުތަމައަށް ވެސްމެ،" އަރާޣްޝީ ވިދާޅުވިއެވެ.
އޭނާ މިހެން ވިދާޅުވުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ އެއްބަސްވުމެއް ގާއިމުކުރުމުގައި އެޑްވާންޓޭޖެއް ހޯދަން އީރާނަށް ކޮންމެވެސް މިންވަރަކަށް ހަމަލާތަކެއް ދޭން ވިސްނަވާ ކަމަށެވެ.
ޓްރަމްޕް އެހެން ވިދާޅުވުމުން އަރާޣްޝީ ވިދާޅުވީ އީރާން ރައްޔިތުންނަކީ "ފަހުރުވެރި ބައެއް" ކަމަށާއި ހަމައެކަނި ރައްދު ދޭނީ "އިހްތިރާމްގެ ބަހުން" ކަމަށެވެ.
އަރާޣްޝީ ވިދާޅުވީ ވާހަކަތައް ކުރިއަށްގެންދާނެ ގޮތުގެ އުސޫލުތަކެއް ދެ ގައުމުން ހަމަޖައްސައިފައިވާ ކަމަށާއި ދެން ވާހަކަތައް ބާއްވާއިރު އެއްބަސްވުން އެއްކޮށް ނިންމައިލެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ ޓްރަމްޕްގެ ސަރުކާރާ އެއްގޮތަށް އެމެރިކާގައި ކުރިން އޮތް ސަރުކާރުތަކުން ވެސް ވަނީ އީރާނަށް ތަފާތު ގޮތްގޮތަށް ފިޔަވަޅު އަޅައިފައި ކަމަށެވެ. ނަމަވެސް ހަނގުރާމަކުރުމާއި އަދި ދަތިކުރުމުގެ ފިޔަވަޅުތަކުން ވެސް އީރާނަށް އެއްވެސް އަސަރެއް ނުކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އީރާނުން މި އަހަރު ތެރޭގައި ވަނީ ދެ ފަހަރަށް ވާހަކަތައް ބާއްވައިފައެވެ. ވާހަކަތައް ކޮޅެއްގައި ނުޖެހުނަސް ދެ ގައުމުން ވެސް ބުނީ ނަތީޖާ ރަނގަޅު ކަމަށެވެ. އެހެނަސް އެމެރިކާއިން އަދިވެސް ދަނީ އީރާން ވަށައިގެން އަސްކަރީ ބާރު ގަދަކުރަމުންނެވެ. އެ ގޮތުން އަސްކަރީ ވައިގެ އުޅަނދު އުފުލާ ދުނިޔޭގެ އެންމެ ބޮޑު މަނަވަރު ކަމަށްވާ ޔޫ.އެސް.އެސް ޖެރަލްޑް ފޯޑް މިހާރު ވަނީ މެޑިޓެރޭނިއަން ކަނޑަށް ވަދެފައެވެ.
ނިއުކްލިއަ އެއްބަސްވުމެއް ގާއިމުކުރަން 15 ދުވަހުގެ މުހުލަތެއް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު ދެއްވައިފައެވެ. މި ދިޔަ އަހަރު ޖޫންގައި އިސްރާއީލާ ގުޅިގެން، އީރާނުން ނިއުކްލިއަ ހަކަތަ އުފައްދާ މައި ތިން މަރުކަޒަށް އެމެރިކާއިން ވަނީ ހަމަލާދީފައެވެ. ދާދި ފަހުން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ޓްރަމްޕް ބޭއްވެވި ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނީ އެމެރިކާއާއެކު އީރާނުން ހަދާ އެއްބަސްވުމުގައި އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާއި މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އީރާނުން އެހީވާ "މައްސަލަ" ހިމަނަން ޖެހޭނެ ކަމަށެވެ. މި ދިޔަ ހަފުތާގައި ޓްރަމްޕް ވިދާޅުވީ އަންނަ މަހާ ހަމައަށް އީރާނުން އެމެރިކާއާއެކު އެއްބަސްވުމަކަށް އަންނަން ޖެހޭނެ ކަމަށެވެ.
އީރާނުން ބުނީ ނިއުކްލިއަ ހަތިޔާރު ފެތުރުން ހުއްޓުވާ ބައިނަލްއަގުވާމީ މުއާހަދާއާ އެ ގައުމުން ހިލާފުނުވާ ކަމަށެވެ. ނަމަވެސް ޓްރަމްޕް ވިދާޅުވީ އީރާނުން ނިއުކްލިއަ ހަކަތަ ޕްރޮގްރާމް އެއްކޮށް ހުއްޓައިލަން ޖެހޭނެ ކަމަށެވެ.
އާދައިގެ މިންވަރަކަށް ޔުރެނިއަމް ފައްކާކުރުމުން ކަރަންޓުގެ ހިދުމަތް ދެވޭނެއެވެ. ނަމަވެސް ގާތްގަނޑަކަށް 90 ޕަސެންޓާ ހަމައަށް ޔުރެނިއަމް ފައްކާކޮށްފިނަމަ ނިއުކްލިއަ ހަތިޔާރު އުފައްދަން އެ މާއްދާ ބޭނުން ކުރެވޭނެއެވެ.
އީރާނުން ބުނީ ނިއުކްލިއަ ބޮމެއް ހަދަން ނޫޅޭ ކަމަށާއި ޔުރެނިއަމް ފައްކާކުރުން ފަދަ ކަންތައް ބަލަން ބައިނަލްއަގުވާމީ މުޖުތަމައަށް ފުރުސަތު ދޭނެ ކަމަށެވެ. ނަމަވެސް ނިއުކްލިއަ ހަކަތަ އުފައްދާ މަޝްރޫއު މުޅިން ހުއްޓައިލަން ދެކޮޅުހެދިއެވެ.



advertisment