ކުރިއަށް އޮތް 15 ދުވަސް ތެރޭ މާނަވީ ނިއުކްލިއަ އެއްބަސްވުމެއް ގާއިމު ނުކޮށްފިނަމަ ސީރިއަސް ނަތީޖާތަކަކާ އީރާނުން ކުރިމަތިލާން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
"ފަހަރެއްގައި އަހަރެމެންނަށް ޑީލެއް ހެދިދާނެ. އެހެން ނޫނީ ނުބައި ކަންތައްތަކެއް ހިނގައިފާނެ،" ޓްރަމްޕް އިއްޔެ އިންޒާރުދެއްވިއެވެ.
އޭނާ މިހެން ވިދާޅުވީ އަންގާރަ ދުވަހު ސްވިޒަލޭންޑްގައި ބޭއްވި ނުސީދާ ވާހަކަތަކުގެ ދެވަނަ ބުރު ރަނގަޅު ކަމަށް އީރާނުން ބުނެފައިވަނިކޮށެވެ.
ރަޝިޔާއާއެކު އީރާނުން އުމާން ކަނޑުގައި އިއްޔެ ޑްރިލްތަކެއް ބޭއްވުމުން ވެސް، އެ ކަމާ ދެކޮޅަށް ފުރަތަމަ އިންޒާރުދެއްވިޔަސް ޓްރަމްޕް ފަހުން ފިޔަވަޅެއް ނާޅުއްވައެވެ.
ޓްރަމްޕް އިއްޔެ ދެއްވި އިންޒާރަށް އީރާންގެ ރޫހީ ލީޑަރު އަލީ ހާމަނައީ ވިދާޅުވީ އެމެރިކާއިން ގަލްފަށް ފޮނުވައިފައިވާ އަސްކަރީ މަނަވަރުތައް ފައްތައިލެވޭނެވަރުގެ ހަތިޔާރު އީރާން އަތުގައި ހުރި ކަމަށެވެ.
އީރާނުން އދ.އަށް ކަނޑައަޅާފައި ހުންނަ މަންދޫބު އާމިރު ސައީދު އިރަފަނީ ބުނީ އެމެރިކާގެ ކޮންމެ ހަމަލާއަކަށް އެއާ އެއްވަރުގެ ރައްދެއް ދޭނެ ކަމަށެވެ.
"އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކަކީ ހަމަލާ ދޭން ހައްގު ތަންތަން ކަމަށް އަހަރެމެން ބަލާނީ،" ޓްރަމްޕްގެ އިންޒާރު އދ.ގެ ސަލާމަތީ މަޖިލީހުގެ ސަމާލުކަމަށް ގެންނަމުން އޭނާ ބުންޏެވެ.
އެމެރިކާއިން މިހާރު ވަނީ އަސްކަރީ ވައިގެ އުޅަނދު އުފުލާ ދެ މަނަވަރާއި އެތައް ހާސް ސިފައިން ގަލްފަށް ފޮނުވައިފައެވެ.
އެމެރިކާގެ ހަކަތައާ ބެހޭ ވަޒީރު ކްރިސް ރައިޓް ވިދާޅުވީ "އެއް ގޮތަކުން ނޫނީ އަނެއް ގޮތަކުން ނަމަވެސް އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދިޔަނުދޭނެ" ކަމަށެވެ.
އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ޓްރަމްޕް ދާދި ފަހުން ބޭއްވެވި ބައްދަލުވުމެއްގައި ނަތަންޔާހޫ ބުނެފައިވަނީ އީރާނާއެކު ހަދާ އެއްބަސްވުމެއްގައި އީރާންގެ ދިފާއީ ބާރު ކުޑަކުރުވައި، މެދުއިރުމަތީގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އީރާނުން ދޭ ތަރުހީބު ހުއްޓައިލުމަށް އީރާން އެއްބަސްކުރުވަން ޖެހޭނެ ކަމަށެވެ.
އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ އަހަރުގެ ޖޫންގައި ވަނީ އީރާނުން ނިއުކްލިއަ ހަކަތަ އުފައްދާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.



advertisment