Support Us

އަރަބި ކަނޑުގައި އެމެރިކާގެ ހަނގުރާމަމަތީ މަނަވަރުތައް

ރަޝިޔާއާއެކު އީރާނުން އަސްކަރީ ޑްރިލްތަކެއް، ހަމަލާދީފާނެ ކަމަށް އެމެރިިކާގެ އާ އިންޒާރެއް

ރަޝިޔާއާއެކު އަސްކަރީ ޑްރިލްތަކެއް އުމާން ކަނޑުގައި މިއަދު ބާއްވާކަން އީރާނުން އިއުލާންކޮށްފިއެވެ.

އީރާނާއި ރަޝިޔާއިން ބުނީ މި އަސްކަރީ ހަރަކާތަކީ "ވަކި އެއް ގައުމެއްގެ ހަަމަލާ އީރާނަށް ދީފާނެތީ ބާއްވާ ޑްރިލްތަކެއް" ކަމަށެވެ.

ރަޝިޔާގެ ހާރިޖީ ވަޒީރު ސެރްގޭ ލަވްރޯފް ވިދާޅުވީ އެމެރިކާއިން އީރާނަށް އާ ހަމަލާތަކެއްދީފިނަމަ "ނިއުކްލިއާ ހާދިސާ"އެއް ހިނގުމުގެ ބިރު އެބައޮތް ކަމަށެވެ.

މެދުއިރުމަތީގައި އީރާނާއެކު ރަނގަޅު ގުޅުމެއް ގައުމުތަކުން އުފައްދަމުންދާއިރު އެ ކަމަށް ވެސް ނޭދެވޭ އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މީޑިއާ އޮފިޝަލް ކެރޮލީން ލިވިޓް އިއްޔެ ބުނީ "އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމާ ބެހޭ ޑީލެއް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު ހެދުން އީރާނަށް ބުއްދިވެރި ގޮތަކަށް ވާނެ" ކަމަށެވެ.

ރަޝިޔާއާއެކު އަސްކަރީ ޑްރިލްތަކެއް ބާއްވަން އުޅޭކަން އީރާނުން ހާމަކުރީ އަންގާރަ ދުވަހު ސްވިޒަލޭންޑްގައި އެމެރިކާއާއެކު އީރާނުން ބޭއްވި ނުސީދާ ވާހަކަތަކުގެ ދެވަނަ ބުރު ކޮޅެއްގައިނުޖެހި ނިމުމުންނެވެ.

"ޑިޕްލޮމެސީއަށް ޓްރަމްޕް އިސްކަންދެއްވާ،" ކެރޮލީން ބުންޏެވެ.

އޭނާ ބުނީ އަންގާރަ ދުވަހުގެ މަޝްވަރާތަކުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނަސް ބައެއް މައްސަލަތަކުގައި ދެ ގައުމުގެ ހިޔާލު އަދިވެސް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ.

އީރާނުން ބުނީ ވާހަކަތައް ދިޔައީ ރަނގަޅަށް ކަމަށެވެ.

"އެއްބަސްވުމަކާ ހިސާބަށް ދެވިދާނެހާ ރަނގަޅު ކުރިއެރުމެއް ލިބުނު،" އީރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާޣްޝީ ވިދާޅުވިއެވެ.

އީރާނުން ބުނީ އެމެރިކާއިން ހަމަލާދީފިނަމަ ރައްދު ދޭނެ ކަމަށެވެ.

އެމެރިކާއިން ވަނީ ހަނގުރާމަމަތީ ވައިގެ އުޅަނދު އުފުލާ ދެ މަނަވަރާއި އެތައް ހާސް ސިފައިން ގަލްފް ސަރަހައްދަށް ފޮނުވައިފައެވެ.

ހޯމަ ދުވަހާއި އަންގާރަ ދުވަހު އީރާނުން ވަނީ އެ ގައުމުގެ ހޮރްމުޒް ސްޓްރެއިޓްގައި ހަނގުރާމައިގެ އުކުޅުތަކެއް ދައްކައިލައިފައެވެ. އެއީ "ސަލާމަތީ އަދި އަސްކަރީ ނުރައްކާތަކެއް ކުރިމަތިވެދާނެ" ކަމަށް ބުނެފައެވެ. މީގެ އިތުރުން އެއީ ސަރަހައްދީ ގައުމުތަކަށް ދައްކާ "އަމާންކަމާއި ރަހްމަތްތެރިކަމުގެ ނިޝާނެއް" ކަމަށް ވެސް އީރާނުން ބުންޏެވެ.

އިސްރާއީލާ ގުޅިގެން އެމެރިކާއިން މި ދިޔަ އަހަރުގެ ޖޫންގައި ވަނީ އީރާންގެ ނިއުކްލިއަ ހަކަތަ ޕްރޮގްރާމް ހިންގާ ތިން މަރުކަޒަކަށް ހަމަލާދީފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *