އިނގިރޭސި ވިލާތުން ފޯޅަވަހި ނުވަތަ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފުރަތަމަ ތާއީދުކުރެއްވުމަށް ފަހު، އެ ކަމާ ދެން ހިޔާލު ބަދަލު، ނަމަވެސް އަނެއްކާވެސް ޔޫކޭގެ ނިންމުމަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.
އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާގެ ނިންމެވުމަކީ "އެންމެ ރަނގަޅު ނިންމެވުން" ކަމަށް ޓްރަމްޕް އިއްޔެ ވިދާޅުވިއެވެ. ނަމަވެސް މި ދިޔަ މަހު ޓްރަމްޕް ވިދާޅުވެފައިވަނީ ސްޓާމާގެ ނިންމެވުމަކީ "ބޮޑު ގަމާރު ކަމެއް" ކަމަށެވެ.
ޓްރަމްޕްގެ ހިޔާލު އަނެއްކާވެސް ބަދަލުވުމާ ގުޅިގެން އޮފިޝަލުންގެ މެދުގައިވަނީ ވާހަކަތައް ފަށައިފައެވެ. އެއީ ޔޫކޭއާ ގުޅިގެން ފޯޅަވަހީގެ އެންމެ ބޮޑު ޖަޒީރާ ޑިއެގޯ ގާސިއާގައި އެމެރިކާއިން ހިންގާ އަސްކަރީ މަރުކަޒަށް ދާއިމީކޮށް ޓްރަމްޕްގެ ތާއީދު ހޯދުމުގެ ގޮތުންނެވެ.
މި ދިޔަ އަހަރު މޭ މަހު ޗާގޯސް މޮރިޝަސްގެ ސިޔާދަތަށް ބަދަލުކުރި އެއްބަސްވުމުގެ ދަށުން ޑިއެގޯ ގާސިއާ އެމެރިކާއަށާއި ޔޫކޭއަށް މޮރިޝަސްއިން ކުއްޔަށް ދިނުމަށް ހަމަޖައްސައިފައިވަނީ ފުރަތަމަ ބުރުގައި 99 އަހަރަށެވެ.
ޓްރަމްޕާއި ސްޓާމާ އިއްޔެ ކުރެއްވި މަޝްވަރާތަކުގައި އެއްބަސްވެ ވަޑައިގަތީ ޑިއެގޯ ގާސިއާ، ޔޫކޭ އާއި އެމެރިކާގެ ދަށުގައި ބޭއްވުމަށް ޗާގޯސް މޮރިޝަސްގެ ސިޔާދަތަށް ބަދަލުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އެ ކަން ކުރިއަށްގެންދަން ޔޫކޭ އާއި އެމެރިކާއިން ގާތުން މަސައްކަތްކުރާނެ،" ޔޫކޭ ސަރުކާރުގެ ތަރުޖަމާނަކު ބުންޏެވެ.
ޓްރަމްޕް އިއްޔެ ވިދާޅުވީ ސްޓާމާއާއެކު ކުރެއްވި މަޝްވަރާތަކުގެ "ނަތީޖާ ވަރަށް ރަނގަޅު" ކަމަށެވެ.
އޭނާ ވިދާޅުވީ ޗާގޯސް މޮރިޝަސްއާ ހަވާލުކުރުމަށް ސްޓާމާ ނިންމެވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާކަން ފަހުމްވެ ވަޑައިގަންނަވާ ކަމަށެވެ.
"ނަމަވެސް ޑިއެގޯ ގާސިއާ ކުއްޔަށް ދޭ ޑީލް މަސައްކަތް ނުކޮށްފިނަމަ ނުވަތަ އެ އަސްކަރީ މަރުކަޒުގައި އެމެރިކާއިން ހިންގާ އޮޕަރޭޝަންތަކާއި އެ މަރުކަޒުގައި ތިބި އަހަރެމެންގެ ސިފައިންނަށް އެއްވެސް ބަޔަކު ނުރައްކާކޮށްފިނަމަ، ޑިއެގޯ ގާސިއާއަށް އެމެރިކާއިން އަސްކަރީ ގޮތުން ސަލާމަތްތެރިކަން ދީ، އެ ތަނުގައި އެމެރިކާގެ އިތުރު ސިފައިން ބޭތިއްބުމުގެ ހައްގު އަހަރެންނަށް ލިބިގެންވޭ،" ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގެ މީޑިއާ އޮފިޝަލް ކެރޮލީން ލިވިޓް ބުނީ ސްޓާމާއާ ޓްރަމްޕް ސީދާ ވާހަކަދެއްކެވި ކަމަށެވެ.
"ސްޓާމާގެ ނިންމެވުން ޓްރަމްޕަށް ފަހުމްވެ ވަޑައިގަންނަވާ. އަދި އެ ނިންމެވުމަށް ތާއީދުކުރައްވާ،" އޭނާ ބުންޏެވެ.
"ނަމަވެސް ޓްރަމްޕް ވިދާޅުވިހެން އަހަރެމެންގެ އަރަނި އަހަރެމެން ދިފާއުކުރުމުގެ ހައްގު އަހަރެމެންނަށް ލިބިގެންވޭ،" ކެރޮލީން އިތުރަށް ބުންޏެވެ.
ޔޫކޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ކޮންޒަވެޓިވް ޕާޓީން ބުނީ މޮރިޝަސްއާއެކު ސްޓާމާ ހެއްދެވި ޑީލްއާ ދެކޮޅު ކަމަށެވެ.
ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ޗާގޯސްއާމެދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވީ ދިވެހީންގެ ބިމުން ވެލިފުކެއްގެ މިންވަރު ވެސް، އަދި ދިވެހީންގެ އިމުން ޒައްރެއްގެ މިންވަރު ވެސް، ދޫކޮށްލެވިގެންނުވާނޭ ކަމަށެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ، 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރައްޔިތުންގެ މަޖިލިސް މި ދައުރަށް އިފުތިތާޙުކޮށްދެއްވައި، 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ދިވެހިރާއްޖޭގެ ސިޔާދަތާ ގުޅިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން އެމަނިކުފާނު ވަނީ، ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށް އިނގިރޭސިވިލާތުން ނިންމި ނިންމުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، އެ ނިންމުމަށް ދިވެހިރާއްޖޭން އިޢުތިރާޒުކޮށް އެ ކަމާ ދިވެހި ދައުލަތުން ދެކޮޅު ހަދާކަން ބަޔާންކޮށް، 8 ނޮވެމްބަރ 2024 ގައި އަދި 18 ޖެނުއަރީ 2026 ގައި ދިވެހި ސަރުކާރުގެ ފަރާތުން، އިނގިރޭސި ސަރުކާރަށް ލިޔުމުން ހުށަހަޅުއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި 15 ޑިސެންބަރު 2025 ގައި އިނގިރޭސިވިލާތުގެ ޑެޕިޔުޓީ ޕްރައިމް މިނިސްޓަރ، ދަ ރައިޓް އޮނަރަބްލް ޑޭވިޑް ލެމީއާއެކު ކުރިއަށްގެންދެވި ފޯން ކޯލެއްގައިވެސް، މި ކަމުގައި ދިވެހި ސަރުކާރުން އިނގިރޭސި ވިލާތުގެ ސަރުކާރާއެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ދަންނަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފޯޅަވަހި ސަރަހައްދުގެ އިޤްތިޞާދީ ބޭނުން ހިފުމުގައި މޮރިޝަސް އިން ކަނޑައަޅާ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މަސްވެރިކަމާއި ފަތުރުވެރިކަމުގެ ޞިނާޢަތަށް، ކޮށްފާނެ ނޭދެވޭ އަސަރުތަކުގެ ސަބަބުން އެ ކަންތައްތަކަށް ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ދެކޮޅުހަދާކަން ވެސް މޮރިޝަސް ސަރުކާރަށާއި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ނޭޗަރ ކޮންޒަވޭޝަން (އައި.ޔޫ.ސީ.އެން) އަށް ހިއްސާކުރައްވާފައިވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ (ITLOS) އިން ނިންމި ނިންމުމުގެ ސަބަބުން، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުނު ސަރަޙައްދު އަނބުރާ ހޯދުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް މިހާރު ފައްޓަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 22 އޮގަސްޓު 2022 ގައި މޮރިޝަސްގެ ބޮޑު ވަޒީރަށް ފޮނުއްވި ސިޓީ، އަނބުރާ ގެނައުމަށް ނިންމަވާފައިވާ ކަމަށާއި، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސް ޕޮއިންޓްތަކަށް ޙަވާލާދީ، ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިސާދީ ސަރަޙައްދަކީ، ދޫކޮށްލި ކަނޑުގެ ސަރަޙައްދު ހިމެނޭ ގޮތަށް، ޤާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމަވާފައިވާކަން އެމަނިކުފާނު އިއްޔެ ވަނީ އިޢުލާންކުރައްވާފައެވެ. އަދި "ދިވެހިރާއްޖޭގެ ސަރަހައްދުތަކާ ބެހޭ އޮފީސް" ޤާއިމުކުރައްވައި، ނިމިދިޔަ ސަރުކާރުން ނިންމަވާފައިވާ ބައެއް ނިންމެވުންތަކުގެ ސަބަބުން ދިވެހި ދައުލަތަށް އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައްސަލައިގައި ޢައްޔަނުކުރެވުނު ބައިނަލްއަޤްވާމީ މާހިރުންގެ ލަފާ ލިބިފައިވާތީ، އެ ނިންމެވުންތައް ނިންމެވި ފަރާތްތަކާ ސުވާލުކޮށް އެ ނިންމެވުންތައް ނިންމަވާފައިވާ ސަބަބުތައް ދެނެގަތުމަށާއި، އެކަންކަމާ ގުޅިގެން ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނަމަ އެކަންކުރުމަށާއި އަދި އެފަދަ ކަންކަން ތަކުރާރު ނުވާނެގޮތަކަށް ކަންކަން އެކަށައެޅުމަށް ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) ގެ ދަށުން "ކޮމިޝަން އޮފް އެންކުއަރީ" އެއް އުފެއްދުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment