Support Us

ޔޫކޭއިން ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމާ ޓްރަމްޕް މިހާރު ދެކޮޅު

މި ދިޔަ އަހަރު މޭ މަހު އިނގިރޭސި ވިލާތުން ފޯޅަވަހި ނުވަތަ ޗާގޮސް، މޮރިޝަސްގެ ސިޔާދަތަށް ބަދަލުކުރި އެއްބަސްވުން ކުރިން ބަލައިގަތް ނަމަވެސް އެ މުއާހަދާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ޗާގޮސްގެ އެންމެ ބޮޑު ޖަޒީރާކަމަށްވާ ޑިއެގޯ ގާސިއާ (ފޮޓޯ)ގައި އިނގިރޭސި ވިލާތާ ގުޅިގެން އެމެރިކާއިން އަސްކަރީ މަރުކަޒެއް ހިންގާއިރު، އެ ތަނުގެ ކުރިމަގު ރަނގަޅުވާނީ މޮރިޝަސްއިން ޗާގޮސްއާ ހަވާލުވެ، ޑިއެގޯ ގާސިއާ އިނގިރޭސި ވިލާތާއި އެމެރިކާއަށް 99 އަހަރަށް ކުއްޔަށް ދިނުމުން ކަމަށް އެއްބަސްވުމުގައި ބުނެފައިވެއެވެ. އެއީ އެއަށްފަހު ވެސް ކުލީގެ މުއްދަތު އިތުރު ކުރެވޭ ގޮތަށެވެ. ނަމަވެސް ޓްރަމްޕް މިއަދު ވަނީ އެ އެއްބަސްވުމަށް ފާޑުވިދާޅުވެފައެވެ.

"މި (ގޮތަށް) އެއްބަސްވުމަކީ ވަރުގަދަ ގަމާރު ކަމެއް. މިއީ (އިނގިރޭސި ވިލާތް) މުޅިން ނިކަމެތިވެފައިކަމުގެ ނިޝާނެއް،" ސޯޝަލް މީޑިއާގައި ޓްރަމްޕް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގްރީންލޭންޑް އެމެރިކާގެ ދަށުގައި ނެތުމުން އެމެރިކާގެ ސަލާމަތަށް ނުރައްކާވެދާނެ ފަދައިން ޗާގޮސް މޮރިޝަސްއަށް ދިނުމުން ވެސް އެމެރިކާގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ. އެ ގޮތުން ޓްރަމްޕް ބިރުގަންނަނީ ޗައިނާއިން މޮރިޝަސްގެ މައްޗަށް އަތްގަދަކޮށްފާނެތީއެވެ. ގްރީންލޭންޑް މައްސަލައިގައި ޓްރަމްޕް ބިރުގަންނަނީ ޗައިނާގެ އިތުރުން ރަޝިޔާއިން ވެސް އެމެރިކާއަށް ނުރައްކާކޮށްފާނެތީއެވެ.

ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމުން އެތައް ދަހަރެއްގެ ގާނޫނީ މައްސަލަތައް ހައްލުވާނެކަމަށް އިނގިރޭސި ވިލާތާއި މޮރިޝަސްއިން ބުނެފައިވެއެވެ. އދ.އިން ވެސް ބުނެފައިވަނީ ޗާގޮސް ވާންޖެހޭނީ މޮރިޝަސްގެ ބައެއް ކަމަށެވެ.

މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމުގެ މަޝްވަރާތަކުގައި ޗާގޮސްގެ 10،000 އަސްލު ވަޒަންވެރިން ބައިވެރިކޮށްފައެއް ނުވެއެވެ. ޑިއެގޯ ގާސިއާގައި އަސްކަރީ މަރުކަޒު ހަދަން 1960 އާއި 1970 ގެ އަހަރުތަކުގައި އެ މީހުން ވަނީ ގަދަކަމުން ޗާގޮސްއިން ބާލައި، އިނގިރޭސި ވިލާތާއި މޮރިޝަސް އާއި ސޭޝެލްޒްގައި ވަޒަންވެރިކުރުވައިފައެވެ. ޑިއެގޯ ގާސިއާއަށް ނުގެނަޔަސް އެ މީހުން ޗާގޮސްގެ އެހެން ރަށްރަށުގައި ވަޒަންވެރިކުރުމާއި އެ މީހުންނަށް ބަދަލު ދިނުމުގެ ހިޔާލު މޮރިޝަސްއާ ޗާގޮސް ހަވާލުކުރުމުގެ އެއްބަސްވުމުގައި ހިމަނައިފައިވެއެވެ.

ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި 2024 ގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ. އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ފޯޅަވަހި ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، އެ ޖަޒީރާއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން 2023 ގެ ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *