ރާއްޖެއާ 310 މޭލު ދެކުނުގައި އޮންނަ ފޯޅަވަހި ނުވަތަ ޗާގޮސްގެ ކުރިމަގާމެދު މި ހަފުތާގެ ތެރޭގައި އަލުން މަޝްވަރާކޮށްފި ކަމަށް އިނގިރޭސި ވިލާތާއި މޮރިޝަސްއިން ބުނެފިއެވެ.
"އޭގެ ތެރޭގައި ޗާގޮސް ޖަޒީރާގެ 58 ރަށުގެ ތެރެއިން އެންމެ ބޮޑު ރަށް ކަމަށްވާ ޑިއެގޯ ގާސިއާގައި އޮންނަ އެމެރިކާގެ އަސްކަރީ މަރުކަޒާ ބެހޭ ގޮތުން ވެސް ވާހަކަ ދެކެވުނު،" މަޝްވަރާއަށް ފަހު އިނގިރޭސި ވިލާތާއި މޮރިޝަސްއިން ގުޅިގެން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
ދެ ގައުމުން ބުނީ އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަންގައި ބޭއްވި މަޝްވަރާތައް ކާމިޔާބު ކަމަށެވެ. ނަމަވެސް އޭގެ ތަފުސީލެއް ހާމައެއް ނުކުރެއެވެ.
"ދެ ގައުމުގެ މަސްލަހަތަށް ވެސް ރަނގަޅު އެއްބަސްވުމަކަށް އާދެވޭތޯ މަޝްވަރާތައް އަދިވެސް ކުރިއަށް އެބަދޭ،" ބަޔާނުގައި އިތުރަށް ބުންޏެވެ.

ދެ ގައުމުން ވެސް ބޭނުންވަނީ ޗާގޮސް ޖަޒީރާ މޮރިޝަސްގެ އިސްތިގުލާލުގެ ދަށަށް ގެނައުން ކަމަށް ބަޔާނުގައިވެއެވެ.
"ދިގު މުއްދަތަކަށް އަދި ރައްކާތެރި ކަމާއެކު ޑިއެގޯ ގާސިއާގެ އަސްކަރީ މަރުކަޒު ހިންގޭނެ ގޮތަކަށް އެއްބަސްވުން އަތުރާލާނީ،" ބަޔާނުގައި ބުންޏެވެ.
ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރާ މުއާހަދާއާމެދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމަށް މޮރިޝަސްގެ އާ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ކުރިން ވަނީ ވިދާޅުވެފައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަކީ ކުރީގެ ބޮޑު ވަޒީރު ޕްރަވިންދް ޖަގްނައުތު ގައުމަށް ވެވަޑައިގަތްފައިވާ "ބޮޑު ހިޔާނާތެއް" ކަމަށް ސިފަކުރައްވައި، މިއީ "ވޯޓު ކޮޅަކަށްޓަކައި ގައުމު ވިއްކައިލުން" ކަމަށް ނަވީން ވިދާޅުވެފައިވެއެވެ.
މި އެއްބަސްވުން އެކުލަވައިލި އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރު ކެއާ ސްޓާމާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޮނަތަން ޕަވަލް މޮރިޝަސްއަށް ދަތުރެއްކޮށް، ނަވީންއާ ބައްދަލުކުރުމުން ނަވީން ވިދާޅުވީ މުއާހަދާ އިތުރަށް ދިރާސާކުރައްވަން ބޭނުންވެ ވަޑައިގަންނަވާކަމަށެވެ. ބައްލަވަން ބޭނުންވެ ވަޑައިގަންނަވާ ކަންތައްތަކުގެ ތެރޭގައި އިނގިރޭސި ވިލާތުން މޮރިޝަސްއަށް ބަދަލެއްގެ ގޮތުން ދެނީ ކިހާ ފައިސާއެއްކަން ހިމެނެއެވެ. މި ކަން އިނގިރޭސި ވިލާތުން އަދި ހާމައެއް ނުކުރެއެވެ. މީގެ އިތުރުން ޑިއެގޯ ގާސިއާގައި އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގާއިރު، އެ ރަށް އިނގިރޭސި ވިލާތަށް ކުއްޔަށް ދެނީ ކޮން އުސޫލަކުންކަން ބައްލަވަން ބޭނުންވެ ވަޑައިގަންނަވާކަމަށް ވެސް ނަވީން ވިދާޅުވެފައިވެއެވެ.

"ގާނޫނީ އޮފިޝަލުންނާ މަޝްވަރާކޮށް، މުއާހަދާގެ ތަފުސީލުތައް ބަލަން ބޭނުންވާކަމަށް ޕަވަލްއަށް ދެންނެވިން،" ނަވީން ވިދާޅުވެފައިވެއެވެ.
މި މުއާހަދާގެ ތަފުސީލުތައް އެކުލަވައިލީ މޮރިޝަސްގެ އާއްމު އިންތިހާބު ބާއްވަން މަހަކަށްވެފައި ވަނިކޮށްކަމަށްވާތީ އެ ކަމާމެދު ވެސް ހައިރާންވެ ވަޑައިގަންނަވާކަމަށް ނަވީން ވިދާޅުވެފައިވެއެވެ.
ޖަވާބުގައި ޕަވަލް ބުނެފައިވަނީ މި މުއާހަދާއާ ބެހޭ މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށެވެ. އެ ގޮތުން، މަޝްވަރާތައް ކުރިއަށްދާ ގޮތާމެދު މައުލޫމާތު ބަދަލުކުރުމަށް އަލުން މޮރިޝަސްއަށް އަންނާނެކަމަށް ޕަވަލް ބުނެފައިވެއެވެ.
މުއާހަދާގެ ދަށުން ޑިއެގޯ ގާސިއާ އިނގިރޭސީންނަށް ކުއްޔަށް ދޭ މުއްދަތަކީ 99 އަހަރު ކަމަށް އިނގިރޭސީން ބުންޏަސް މޮރިޝަސްގެ ދަނޑުވެރިކަމާއި މަސްވެރިކަމާ ބެހޭ އާ ވަޒީރު އަރްވިން ބޫލަލް ވިދާޅުވެފައިވަނީ އެ މުއްދަތަކީ 200 އަހަރަށްވުރެ ވެސް ގިނަ ދުވަސްކަމަށެވެ.
"ކުލި ދައްކައިގެން އުޅުނު މީހާ މިހާރު މި ވަނީ ޑިއެގޯ ގާސިއާގެ ވެރިމީހާއަށް ބަދަލުވެފައި،" އޭނާ ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ރައީސްކަމާ ޑޮނަލްޑް ޓްރަމްޕް އަންނަ ހަފުތާގައި ހަވާލުވެވަޑައިގަތުމުގެ ކުރިން މުއާހަދާ ތަންފީޒުކުރަން އިނގިރޭސި ސަރުކާރުން ޕްރެޝަރުކުރާތީ ވެސް މޮރިޝަސްގެ ބައެއް އޮފިޝަލުން ވަނީ ހިތްހަމަނުޖެހޭކަން ފާޅުކޮށްފައެވެ.
ޓްރަމްޕްގެ ޓީމާ ބައްދަލުކުރަން ޕަވަލް އެމެރިކާއަށް ދަތުރުކުރަން ވަނީ ހަމަޖެހިފައެވެ. ބޭނުމަކީ މި މުއާހަދާގެ ހުރިހާ ތަފުސީލެއް ދީ، މި މުއާހަދާއާމެދު ޓްރަމްޕްގެ ހިތުގައި އުފެދިފައިވާ އުދާސްތައް ނައްތައިލުމެވެ.
ޓްރަމްޕްގެ ހިޔަނި ކެބިނެޓްގެ ބައެއް މެންބަރުން ވިދާޅުވެފައިވަނީ އެމެރިކާއާ ވާދަވެރި ޗައިނާއާ ގާތް ގުޅުމެއް މޮރިޝަސްއިން ބާއްވާތީ ޑިއެގޯ ގާސިއާއަށް ޖާސޫސްކުރުމުގެ އިތުރުން ފޯޅަވަހީގެ ރަށެއްގައި ޗައިނާގެ އަސްކަރީ މަރުކަޒެއް ހަދަން ވެސް މޮރިޝަސްއިން ހުއްދަ ދީފާނެކަމަށެވެ.
އިނގިރޭސި ވިލާތުގެ އިދިކޮޅު ރިފޯމް ޕާޓީގެ ލީޑަރު ނައިޖެލް ފެރެޖް ބުނީ ފޯޅަވަހި މޮރިޝަސްއާ ހަވާލުކުރުމާ ޓްރަމްޕް ކަނޑައެޅިގެން ދެކޮޅުކަމަށެވެ.
މި ދިޔަ އަހަރުގެ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ފޯޅަވައްސާއި ރާއްޖެއާ ދެމެދު އޮތް ތާރީހީ ގުޅުމާ ބެހޭ ގޮތުން އަލިއަޅުވައިލައިފައިވާ ސިޓީފުޅެއް އިނގިރޭސި ސަރުކާރަށް ފޮނުއްވިކަމަށެވެ.
ދާދި މިދާކަށް ދުވަހު އިނގިރޭސި ސަރުކާރުން މޮރިޝަސްއަށް ފޯޅަވަހި ހަވާލުކުރުމާބެހޭ ވާހަކަތަކެއް އިވިވަޑައިގަތުމުން، އެ ޖަޒީރާއަކީ އަޅުގަނޑުމެންނާ ތާރީހީ ގުޅުމެއް ވަރަށް ބޮޑަށް އޮތް ތަނަކަށް ވާތީ، ރަސްމީ ލިޔެކިޔުމުން އެކަންކަން ބަޔާންކޮށް، ދިވެހި ސަރުކާރުން މިހާރު އިނގިރޭސި ސަރުކާރަށް ސިޓީއެއް ފޮނުއްވާފައިވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ކަނޑުން ގެއްލުވާލި ބައި އަނބުރާ ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުގެ މައްޗަށްވެސް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރޯމާ ދުވާލު، ކަނޑައެޅިފައިވާ ދުސްތޫރީ ނިޒާމާ ޚިލާފަށް، ޤާނޫނު އަސާސީއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއްނެތި، އަޅުގަނޑުމެންގެ ކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާ ކަމަށާއި އެކަން ކޮށްފައިވާގޮތުން އެ މައްސަލަ ޙައްލުކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި މި ސަރުކާރު ވެރިކަމަށް އައި ހިސާބުން ފެށިގެން އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބޭފުޅަކު އ.ދ.ގައި ބަހައްޓައިގެން އަދި ގާނޫނީ ވަކީލުންގެ ޓީމަކުން ވެސް ގިނަ މަސައްކަތްތަކެއް މެދުކެނޑުމެއްނެތި ކުރަމުންގެންދާ ކަމުގައި އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ދެކުނުން، މޮރިޝަސްގެ އުތުރުން ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބު އިން ކަނޑައެޅުމުގެ މައްސަލާގައި ދެ ގައުމުން ހިޔާލު ތަފާތުވުމުން، ރާއްޖޭގެ ދެކުނުން 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ރާއްޖެއަށް އަދި 45،331 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް މޮރިޝަސް އަށް ދޭގޮތަށް ކަނޑާ ބެހޭ ބައިނަލްއަގުވާމީ ކޯޓު، އިޓްލޮސް އިން 2023 ގެ ކުރީކޮޅު ނިންމުމުން ރާއްޖެ އަށް ގެއްލުންވެފައިވާ ކަމަށް ބުނެ ސިޔާސީ ޕާޓީތަކާއި ދިވެހީންގެ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައިފައެވެ. އެއީ ކޮންމެ ގައުމަކަށް 200 މޭލުގެ ސަރަހައްދެއް ނެގުމުން ފުށުއަރާ 95،000 އަކަ ކިލޯމީޓަރަށް ވުރެ ބޮޑު ސަރަހައްދެއް ބަހާލި ގޮތުންނެވެ. އިޓްލޮސް އިން އެގޮތަށް ނިންމީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެން ކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.



advertisment